ދުނިޔެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން އިސްތިއުފާ ދެއްވަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް މިމަހު އިސްތިއުފާ ދެއްވާނެ ކަމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ނެޑް ޕްރައިސް ޖެނުއަރީ 20، 2021 ގައި މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހު 200 އަށް ވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ވަނީ ބާއްވާފަ އެވެ.

އޭނާގެ އިސްތިއުފާއާ ބެހޭ މައުލޫމާތު އާންމުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ނެޑް ޕްރައިސް އަކީ ކެތްތެރި އަދި ސުވާލުކުރާ މީހުންނަށް ކަމޭހިއްތަވާ ބޭފުޅެކެވެ.

ނެޑް ޕްރައިސް ތަރުޖަމާންގެ މަގާމުން ވަކިވެ ވަޑައިގަން ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓާ ގުޅުހުން ސިޔާސީ ކަންކަމުގައި ބައިވެެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ އޭނާއަށް މިހާރު ހަމަޖެހިފައި އޮތް ވަޒީފާގެ ހައިސިއްޔަތުންނެވެ.

ނެޑް ޕްރައިސް ދެން މަސައްކަތްކުރައްވާނީ ސީދާ -- ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެންގެ ދަށުންނެވެ.

ނެޑް ޕްރައިސްއާ ބެހޭ ގޮތުން އެންތަނީ ބްލިންކެން ވިދާޅުވީ އޭނާ އަކީ މަޝްވަރާތަކަށް ފަސޭހަ ބޭފުޅެއް ކަމަށެވެ. އަދި ފަރުދީ ގޮތުން އޭނާއަށް ދެއްވާފައި ހުރި ޚިޔާލުތަކާއި ލަފާތައް ވަރަށް ފުރިހަމަ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ބްލިންކެން އަދި ވިދާޅުވީ ސީދާ އޭނާގެ ޓީމުގައި ޕްރައިސް ހިމެނި ވަޑައިގަތުމުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލެވޭނެ ކަމަށެވެ.

އެމެރިކާގެ ނޫސްތައް ބުނާ ގޮތުން ނެޑް ޕްރައިސް، ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާންގެ މަގާމުން ވަކިވެ ވަޑައިގަންނަވާނީ މާޗް 17 ގަ އެވެ. އެއަށް ފަހު ބްލިންކެންގެ ދަށަށް -- އާ ވަޒީފާއަކަށް ވަޑައިގަންނަވާނެ އެވެ.

ނެޑް ޕްރައިސް ސީއައިއޭ ގައި ވެސް ކުރިން މަސައްކަތް ކުރެއްވި އެވެ. އަދި ވައިޓް ހައުސްގައި އޮންނަ ނޭޝަލް ސެކިޔުރިޓީ ކައުންސިލްގެ ތަރުޖަމާންގެ މަގާމް ވެސް ފުރުއްވި އެވެ.