ސައުދި އަރަބިއްޔާގެ އެއާލައިނެއް ކަމުގައިވާ ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.
ފްލައިނަސް އިން މިއަހަރު މުޅިން އަލަށް ދަތުރުތައް ފަށާ ހަތަރު މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖޭގެ އިތުރުން ހިމެނެނީ ތުރުކީ، މޮންޓެނީގްރޯ އަދި އަރުމޭނިއާ އެވެ.
ސައުދީގެ އިތުރުން މެދުއިރުމަތީގައިވެސް ފްލައިނަސް ފާހަގަކުރެވިފައިވަނީ އަގުހެޔޮކޮށް ދަތުރުކުރާ އެއާލައިނެއްގެ ގޮތުގަ އެވެ.
ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަށާނެ ވަކި ދުވަހެއް ފްލައިނަސްގެ ފަރާތުން އަދި ހާމައެއް ނުކުރެ އެވެ.
ފްލައިނަސް ވުޖޫދަށް އައި 2007 ވަނަ އަހަރު ނަސްއެއާގެ ނަމުގަ އެވެ. ނަމަވެސް 2013 ވަނަ އަހަރު ފްލައިނަސްގެ ނަމަށް ނަން ބަދަލުކޮށް ފްލީޓު ވަރުގަދަކޮށްފައިވެ އެވެ. ފްލައިނަސްގެ ފްލީޓްގައި މިވަގުތު 39 ބޯޓު އެބައޮތެވެ.
ސައުދީގެ ގައުމީ އެއާލައިން -- ސައުދިއާގެ ދަތުރުތައް 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ދަނީ ރާއްޖެއަށް ކުރަމުންނެެވެ.