އެސްއޯއީ ކޮމެޓީ

ޕްރައިވަޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓް ރައީސް އޮފީހަށް

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޕްރައިވަޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔާމީން ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޕްރައިވަޓައިޒް ކުރެވިދާނެ ކުންފުނިތަކުގެ ލިސްޓެއް މިހާރު ރައީސް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ހަދަން ޖެހޭ ގަވައިދުތައް މިހާރު ވަނީ ހަދާ ރައީސް އޮފީހަށް ފޮނުވާފަ،" ޔާމީން ވިދާޅުވި އެވެ.

ގާނޫނުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓްކުރުމުގެ މަސައްކަތް ކަމަށާއި ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއީ އެބޭފުޅުންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒްކޮށްގެން ތިން އަހަރު ތެރޭގައި ދެ ބިލިއަން ރުފިޔާ ހޯދުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުގެ 31 ކުންފުންޏެއް އޮވެ އެވެ. މިހާތަނަށް މީގެ އެއްވެސް ކުންފުންޏެއް ޕްރައިވަޓައިޒްކޮށްފަ އެއް ނުވެ އެވެ.