މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މުއްދަތު ހަމަވެފައިވާ ލައިސަންސްގައި މިމަހުގެ ނިޔަލަށް ދުއްވޭނެ

Mar 8, 2023

އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް މިމަހުގެ ނިޔަލަށް ދުއްވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ހަމަޖައްސާފައި މިވަނީ ލައިސަންސާ ގުޅޭ ހިދުމަތްތައް ދިނުން މިވަގުތަށް ހުއްޓާލާފައިވާތީ އެވެ. އެއީ އައު ސޮފްޓްވެއާއެއް ތައާރަފުކޮށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ފެށުމުގެ ގޮތުން ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކަ އެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލްކުރުމަށްފަހު ދޫކުރަންވެސް ފަށާފަ އެވެ. ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާއިއެކު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އާ ސޮފްޓްވެއާއެއް ފަރުމާކޮށްފަ އެވެ. އަދި ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް ދޫކުރުން ދެން ކުރިއަށްދާނީ މި ސޮފްޓްވެއާ ބޭނުންކޮށްގެންނެވެ.

މިބަދަލާ އެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނަން ހުންނާނެ އެވެ.