ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމަކީ ބަޔަކު ކުރި ރަނގަޅު ކަމެއް

ޖަރުމަނު މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ރަޝިއާ އިން އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމަކީ ޔޫރަޕަށް އެންމެ ރަނގަޅު ގޮތް ކަމަށް ޕޮލޭންޑްގެ ރައީސް އަންދުޒެޔާ ދޫދާ ވިދާޅުވެއްޖެ އެވެ.

ދޫދާ ވިދާޅުވި ގޮތުގައި ރަޝިއާގެ ވަކިތަކުން ޔޫރަޕް ސަލާމަތްވުމަކީ އުފާކުރުން ހައްގު ކަމެއް ކަމަށެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ދޫދާ ވިދާޅުވީ ތެލުގެ ބާޒާރާ ބެހޭ ގޮތުން ޔޫރަޕް އަމިއްލަ ފައިމައްޗަށް ތެދުވަން ހިތްވަރުދެނީ އެ ހާދިސާ ކަމަށެވެ.

"ރަޝިއާއަށް ބަރޯސާކޮށްގެން މުޅި ހަޔާތް ވޭތުކުރުން މިއޮތީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

"ޔޫރަޕަށް ބޭނުންވާ ގޭސް ހޯދަން އެހެން ބަޔަކަށް އިތުބާރުކުރުން ބުއްދިވެރި ނޫންކަން ބަޔަކަށް އެނގެން ޖެހޭ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދޫދާ މި މައުލޫއަށް ވާހަކަދެއްކެވި ސަބަބަކީ -- ސެޕްޓެމްބަރު 2022 ގައި ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ޔުކްރޭނަށް ވާގިވެރިވާ ބަޔަކު ކަމަށް ބުނެ މީޑިއާގައި އޮލަކޮށް ވާހަކަދެކެވެން ފެށުމާ އެކު އެވެ.

"ޔުކްރޭންގެ ބަޔަކު އެކަމުގައި ބައިވެރިވިކަން އަޅުގަނޑަށް އެނގިފައެއް ނެތް،" ދޫދާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޮންމެ ހާލަތެއް މެދުވެރިގެން ނަމަވެސް، ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ހުއްޓާލަން ޖެހުމަކީ ޔޫރަަޕަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލުމުގެ ކުރިން ވެސް އަދި އެ ގޭސް ހޮޅިތައް އަޅަން ރާވަމުން ދިޔައިރުވެސް ޕޮލޭންޑަކީ އެކަމަށް ވަރަށް ދެކޮޅު ހެދި ގައުމެކެވެ. އެއްވެސް ކަމެއްގައި ރަޝިއާއަށް މާބޮޑަށް ބަރޯސާކުރުމަށް ޕޮލޭންޑް އަބަދުވެސް ދެކޮޅެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ޔުކްރޭނަށް ތާއީދުކުރާ ގުރޫޕަކުންނެވެ. އަދި ހުޅަނގު ގައުމުތަކަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ.

ނިއުޔޯކް ޓައިމްސްއަށް މި ޚަބަރު ލިބުނީ އެމެރިކާގެ އިންޓެލިޖެންސުން ކަމަށްވެސް މި ނޫހުން ވަނީ ބުނެފަ އެވެ.