ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫން ބައްދަލުކުރައްވައިފަ އެވެ.
މިބައްދަލުވުން ކުރިއަށް ގެންދިޔައީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓުގަ އެވެ.
ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ޖޭޕީ އަދި އެމްއާރްއެމް އިންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ކޯލިޝަން ހެދުމުގެ ފޯރިގަދަވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވެސް މަންދޫބުން ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު ރައީސް ސޯލިހާއި ގާސިމް އިބްރާހީމް ރައީސް އޮފީހުގައި ވެސް ބައްދަލުކުރައްވާފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވެސް ބައެއް ބޭފުޅުން މީގެކުރިން ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެކުގައި ނިކުތުމަށް އެދިވަޑައިގެން ރައީސް ސޯލިހް ވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ، އެމްއާރްއެމް އަދި ޖޭޕީގެ ލީޑަރުންނަށް ދައުވަތު ދެއްވާ ރަސްމީ ސިޓީއެއް ފޮނުއްވާފަ އެވެ. އަދާލަތުން ވަނީ ރައީސްގެ ދައުވަތު ގަބޫލުކުރައްވާ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ. ނަމަވެސް އެމްއާރްއެމް އާއި ޖޭޕީ އިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސް މިދިޔަ މަހު ބާއްވާ އެ ކޮންފަރެންސްގައި ވަނީ ކުރިއަށް ރިޔާސީ އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރުމަށް ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން މިހަފްތާ ޖޭޕީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޕާޓީން ނިންމާ ނިންމުންތައް ނިންމުމަށް ގާސިމް އިބްރާހީމަށް ބާރު ދެއްވާފަ އެވެ.