އެމްއެމްއޭ

އެމްއެމްއޭގެ ހަދިޔާ: ގާތުންދޭ މައިންނަށް ދެ ގަޑިއިރުގެ ހުސްވަގުތު

Mar 9, 2023

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން އިންޓަނޭޝަނަލް ވުމެންސްޑޭ ފާހަގަކޮށްފި އެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

އެމްއެމްއޭ އަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް އަންހެނުންނަށް ވަޒީފާއަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިދާރާ އެކެވެ.

ވަކިން ހާއްސަކޮށް އެމްއެމްއޭގެ ލީޑަޝިޕްގައި ވެސް އަންހެނުންގެ ދައުރު އަބަދުވެސް ވަރަށް ބޮޑުކޮށް ފެނެ އެވެ.

އެމްއެމްއޭ އިން އިއްޔެ ވަނީ އެ އިދާރާގައި މަސައްކަތް ކުރާ ގާތުންދޭ މައިންނަށް ދެވޭ އެއް ގަޑިއިރުގެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފަ އެވެ.

މި ބަދަލާއެކު އިއްޔެ އިން ފެށިގެން ގާތުންދޭ ހުރިހާ މައިންނަށްވެސް މަސައްކަތުގެ ގަޑީގެ ތެރެއިން ދެ ގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެ އެވެ.

އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދުވެސް ދަނީ ނަމޫނާ ދައްކަމުންނެވެ. ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާ އަކީ ވެސް އެމްއެމްއޭ އެވެ.