ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 7 މާރިޗު 2023 އާ ގުޅޭ )

"އެހެންވީމަ... ދަރަކްއަށް ކަލޭމެން ދެ މީހުންގެ މައްޗަށް ވެސް ދަޢުވާކުރެވޭނެ." އަކިޔަލް ބުންޏެވެ.

"ދަރަކް. އެމީހުން ކަލެއަށް އެވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައި." އަފްރާހު ވެސް އަކިޔަލްއާ އެއްބަސްވިއެވެ.

"ކިހިނެއްކަން މިވަނީ އަހަންނަށްކަށް ވެސް ފުރަތަމަ ނޭނގޭ. އެކަމަކު މަޑުމަޑުން އަހަންނަށް ވެސް އެނގެންފެށި ދޮގު ހަދައި އޮޅުވާލާކަން. މީ ސިޔާގެ މަކަރުވެރި ރޭވުމެއްކަން." ދަރަކް ބުންޏެވެ.

"އެވަރު އެނގޭއިރު ކީއްވެ އޭނާއަށް އެއްބާރުލުން ތިދެނީ" އަފްރާހު ސުވާލު އުފެދުނެވެ.

"އަހަންނަށް އެނގޭތީ. އޭނާ ހުރީ ލައިލީއާ ހެދި މޮޔަވެފައި. އޭނާގެ އެންމެ ބޮޑު މަޤްޞަދަކީ ލައިލީއަށް ދެރައެއްދިނުން. އެހެންވެ އަހަރެން އޭނާއަށް އެއްބާރުލުން ނުދީފިއްޔާ އަހަންނަށް އެނގޭ އޭނާ ސިދާ ލައިލީއާކަން ދިމާކުރާނީ. މިހާރު ޔަގީން ވެސް ވެއްޖެ. އޭނާ ހުރީ ހުރިހާކަމެއް އަނބުރާލަން ތައްޔާރަށް. މިކަމުގައި ހުރިހާ ގޯހެއް ހެދި މީހަކީ އަހަރެންކަން ލައިލީއަށް ޔަގީންކޮށްދޭން. އެންމެ ފުރަތަމަ ވެސް އަހަރެން ބިރުގަތް ކަމަކީ އެއީ. އަހަރެންގެ ވާހަކަ ލައިއަށް ކިޔާދިނަސް އެއީ ތެދުކަން ސާބިތުކޮށްދޭނޭ ހެއްކެއް ނެތް. އަހަރެންގެ ވާހަކައަށްވުރެ ޒަމާންވީ ރަޙުމަތްތެރިޔާއަށް ކުރާ އިތުބާރު ބޮޑުވާނޭ ހީވާތީ މިއިން ވާހަކައެއް ދައްކަން ފަސޭހަނުވީ. އެހެންވިޔަސް މިކަމަކާ ހުރެ އަހަރެން ލައިއަށް ދޮގު ނުހަދާކަމަށް ނުވާނެ. އޮޅުވާނުލާ ކަމަށް ނުވާނެ... އަހަންނަށް ލައި ނަފުރަތު ކުރަން ހައްޤު. ލައިއަށް އެނގިދާނޭތީ އަހަރެން ކިތަންމެ ފަހަރަކު ދޮގު ހެދިން. އެނގޭ ލައިއަށް އެކަމުން އަސަރުކުރާކަން. އެހެންވިޔަސް ނުފެންނަ ކަމަށް ހެދުނީ. އަހަރެން ބޭނުންވީ ސިޔާގެ ކަންތައްގަނޑު އަހަރެން އަމިއްލައަށް ކޮންމެވެސް ކޮޅެއްގައި ޖައްސަން. އޭނާ ބުނި ވަރަކަށް ފައިސާ ދީގެންވިޔަސް ހެޔޮ. އަހަރެން ބޭނުންވަނީ އެއީ ނުހިނގާކަމެއްކަމުގައި ނިންމަން. މިހެންމިވީ އަހަރެންގެ ސަބަބުން. އަހަރެންގެ އުސޫލުތަކުގައި ހިފެހެއްޓީމައި. އެމީހުންނަށް އަހަރެން ދުވަހަކުވެސް މަޢާފުކުރާކަށް ބޭނުމެއްނޫން. އަހަރެންގެ އަމިއްލަ ނަފްސަށް ވެސް މަޢާފެއް ނުކުރެވޭނެ. މިހެން މިވީ އަހަރެންގެ ނުވިސްނޭކަމުން. މިކަމުގައި އަހަރެންގެ ކުށް ވެސް ކުޑައެއްނޫން." ދަރަކް ބުންޏެވެ.

"ދައްކަން ހުރި ހުރިހާ ވާހަކައެއް ނިމުނީތަ... ދަރަކް. ކަލޭގެ އުމުރުން ކިހާވަރެއް. ފޮނިތޮށި ކާފޫރުތޮޅި މާގިނަވެއްޖެ. ތަންދޮރުވަކިނުވާ ޅަކުއްޖެއްހެން ބަހަނާ ނުދައްކާ. އަމިއްލައަށް ކުރެވުނު ކަންތަކާމެދު ދެރަވެ ކަންބޮޑުވުމާއި މިތިބަ ދެ މީހުން ކުރި ކަންތަކަށް އަދަބު ދިނުމާ އެއީ މުޅީން ދެކަމެއް. އެމީހުން ކުރި ކަންތަކަށް އަދަބު ލިބެންޖެހޭނެ. އެހެންނޫނީ އެމީހުންނަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސެއް ނުކުރެވޭނެ." އަކިޔަލްގެ އަޑުގައި ހަރުކަށިކަމެއްވިއެވެ. އެހިނދު ސިޔާ ހިނިގަނޑެއް ޖަހާލައި ވާހަކަދައްކަން ފެށިއެވެ.

"ތިބުނީ ތާ... ކަލޭ ކީއްވެ ފުލުހުންނަށް ނުގުޅަން ތިހުންނަނީ. އަހަރެން ދަރަކް އަތަކުން ފައިސާއެއް ނުނަގަން. އަހަރެން އޭނާއަށް ބިރުދައްކައިގެންނޫން މިހުރިހާކަމެއް ކުރަނީ. ދެމީހަކު ވާހަކަދައްކައިގެން ނޫނީ ހައްލުނުވާ ކަންކަމުގައި ދެމީހުން ބައްދަލުކުރުމަކީ މައްސަލައެއްތަ. ބަލަ އަންހެނަކާއި ފިރިހެނަކަށް އެއްތާކުން ބައްދަލު ނުކުރެވޭނެއެކޭ ޤާނޫނަކު ނޯވޭ. ދެމީހެއްގެ ޒުވާބެއްގެ ތެރެއަށް ފުލުހުން ވަންނަން ބޭނުންވާނެތަ." ސިޔާ ބުންޏެވެ.

"ކަލެއަށް އެނގޭތަ ކަލޭތީ ކިހާ ގޮތެއްނެތް ވިޔާނުދާ އަންހެނެއްކަން. ކަލޭ ކަހަލަ އަންހެނަކަށް ވިސްނިދާނޭ ހީކުރުމަކީ ވެސް ކުރެވޭނެ މޮޔަކަމެއް. އަންހެނުންނަށް ހުރި ހުތުރުކަމެއް." ފޫހިކަމާއެކު އަކިޔަލް ބުންޏެވެ.

"ސެކްޝުއަލް އެސޯލްޓް ކުރިކަމަށް ދައުވާން ކުރާންތަ ކަލޭ ބޭނުންވަނީ. އާން... އަހަރެން ދަރަކްއާ ކިސްކުރީން... ތުންފަތުގައި. އެކަމުގެ ހެއްކަކަށް ފޮޓޯ ވެސް ހުންނާނެ." ހެވިފައި ހުރެ ސިޔާ ބަލާލީ ލައިލީއަށެވެ. އެހިނދު އެނދުގައި އިށީނދެ އިން ދަރަކް ފުންމައިގެން ތެދުވިއެވެ.

"އަހަންނެއް ނުކުރަން. އެއީ... އަހަރެން ހޭއެރި ވަގުތު. ލޯ ހުޅުވާލިތަނާ ފެނުނީ ސިޔާ. އޭނާ ކުއްލިއަކަށް އަހަންނާ ކައިރިވީ." އަމިއްލަ ދިފާއުގައި ދަރަކް ވާހަކަދެއްކިއެވެ.

"އައި އޭމް ސޮރީ ފޯ ސްޓީލިންގ ހިޒް ލިޕްސް. ދަރަކްގެ ކުށެއް ނެތް. އޭނާއަށް މަޢާފުކުރޭ." ހީލަތްތެރި ހިނިތުންވުމަކާއެކު ސިޔާ ބުނެލިއެވެ.

އެކުވެރިޔާގެ ވާހަކައާ މެދު އަޖައިބުވިލެއް ބޮޑުކަމުން ލައިލީއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ސިޔާގެ ނިޔަތް އޭނާގެ ބަސްތަކުން ލައިލީއަށް ސާފުކޮށް ނަގައިގަނެވުނެވެ. އެއީ ސްކޫލު ދުވަސްވަރު ލައިލީގެ ލޯބިވެރިޔާއާ ދެމެދަށް ވަނުމަށްފަހު ސިޔާ ދެއްކި ބަހަނާއެވެ.

"ހުއްޓާލާކަށް އަދިވެސް ނުވޭތަ." ކުއްލިއަކަށް ކިރަން ކުރިޔަށް ޖެހިލައި ސިޔާގެ މޫނުގައި ޖެހިއެވެ.

"ކިރަން." ލައިލީއަށް ގޮވާލެވުނެވެ.

"ކޮންމެ ފަހަރަކު... ހަމަ ކޮންމެ ފަހަރަކު އަހަރެން ސިޔާއަށް މަޢާފުކުރިން. އަހަރެމެންގެ އެކުވެރިކަމަށް ބަދަލެއް އަންނަން ބޭނުންނުވާތީ. މަންމަގެ ހަނދާނަކަށް އަހަރެންގެ އަތުގައި ހަމައެކަނި އޮތް އެއްޗަކީ މަންމަ އަޅައިގެން އުޅުން ގަޑިކަން ސިޔާއަށް ރަނގަޅަށް އެނގޭނެ. އެ ގަޑި ވަގަށް ނަގައި ވިއްކާލީމާ ވެސް އަހަރެން މަޢާފުކުރިން. ޖުނޭއާއެކީ އަހަރެންގެ ފުރަގަހުގައި ޗީޓުކުރީމާ އެކަމަށް ވެސް އަހަރެން މަޢާފުކުރިން..." ކުއްލިއަކަށް ކިރަންގެ ވާހަކަ މެދުކަނޑާލީ ނޫރީއެވެ.

"ކީކޭ... ޖުނޭއާއެކީ ވެސް މި އަންހެނާ ގަނޑެއް ގަތީތަ؟. ހުރި ލަދުހަޔާތްކުޑަކަން. ބޮޑު ކޫޑިއެއްނު ތީ. ކީއްވެ ކިރަން. ކީއްވެ އޭނާ ކަހަލަ މީހަކަށް މަޢާފުކުރީ. މީނދަ ގޮތްކުޑަ ފިރިހެނާއަށް ފުރުޞަތެއް އަލުން ދިނީ ކީއްވެ. ދެންމެ ތި ޖެހިހެން މޫނުގައި އެތިފަހަރެއް ނުޖެހީ ކީއްވެ. މީނދަ ފިރިހެން އެތީގެ ލަފުގައި ހިފައި ގެއިން ނެރެ އެއްލާ ނުލީ ކީއްވެ." ނޫރީގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ގުޅުންތައް ކެނޑިގެން ދިއުމަށްވުރެ އެމީހުންނަށް މަޢާފުކުރުމުން ވިސްނޭނެއޭ ހީކުރެވުނީ." ކިރަންއަށް ހީކުރެވުނީ ކިހާ ގޯސްކޮށްކަން މިހާރު އޭނާއަށް ވިސްނިއްޖެއެވެ.

"އެޔެއްނޫން. ކަލޭހާ ބޮޑު ހިތެއް ލިބިފައިވާ މީހަކު ނެތްކަން ދައްކަން ބޭނުންވީ. އެހެންމީހުންގެ ހުރި އުނިކަންކަމުން ފައިދާ ނަގަންވެގެން. މާތް މީހަކަށްވާން. އޭރުންނު އަނެއްމީހާ ކުޑަކޮށްލެވޭނީ." ވައަތްފަރާތު ކޯތާފަތުގައި އަތްތިލަ ޖައްސާލައިގެން ހުރެ ނުރުހުމާއެކު ސިޔާ ބުންޏެވެ.

"އާން. ކަލެއަށްވުރެ ހަމަގައިމު ވެސް އަހަރެން ރަނގަޅުވީމައެއްނު ކުރި ހުރިހާކަމަށް މަޢާފުކުރީ. އެކަމަކު ދެން ހެޔޮ. އަހަރެމެން ދެމެދުގައި އޮތް އެކުވެރިކަން ނިމިއްޖެ. ސިޔާ އަހަންނަށް ކަމެއްކުރިނަމަ އެހެން ފަހަރުތައްހެން އެކަކު ކައިރީ ވެސް ނުބުނެ މަޢާފުކުރެވުނީސް. އެކަމަކު މިފަހަރު ސިޔާ ތިވަނީ ލައިލީއާއި ދަރަކްއާ ދެމެދަށް. ދެމަފިރިންގެ ދެމެދަށް... އަހަރެމެންނާއެކީ ސްކޫލު ދުވަސްވަރުން ފެށިގެން އެކީގައި އެކުވެރީންގެ ގޮތުގައި އުޅެފައި އެ އެކުވެރިޔާގެ ދިރިއުޅުމުގައި ރޯކޮށް ހުލިކޮށްލަން ތި ދިމާކުރީ. އަހަންނަށްވުރެ ބޮޑަށް ސިޔާ އެނގޭނެ ދެވަނަ މީހަކު އަހަރެމެންގެ ތެރެއަކު ނުހުންނާނެ. ކިތައް ކަންތައް ފޮރުވަމުން އަހަރެން މިހިސާބަށް މި އައީ... މިއަދު ހުރިހާކަމެއް އެނގޭނެ." ކިރަން މިހެންބުނެ އޭނާގެ އަތުގައި އޮތް އޭފޯސައިޒުގެ ސިޓީއުރަ ހުޅުވާލިއެވެ. ކިރަން ހިފައިގެން އުޅޭ ސިޓީއުރައިގެ ހަޤީޤަތް އެންމެންނަށް އެނގުނީ ދެނެވެ.

ސިޓީއުރަ އެނދުމައްޗަށް ދިމާކޮށްލުމާއެކު ފައިބައިގަތީ ފޮޓޯތަކެވެ. އެހެން ފިރިހެނުންނާއެކީ ސިޔާ ނަގާފައިވާ ފޮޓޯތަކެވެ. އަދި ވޮލެޓުތަކާއި ފިރިހެން ގަޑިތަކެވެ. ދަރަކްއާއެކީ ސިޔާ ނަގާފައިވާ ފޮޓޯތަކާއި އެނދުމަތީ ފެންނަން ހުރި ފޮޓޯތަކާއި ތަފާތެއް ނެތެވެ. ފެންނަން ހުރީ އެއް ހާލަތެކެވެ. އެންމެ ހައިރާންވާން ޖެހެނީ ފޮޓޯތަކުން ފެންނަ ފިރިހެނުންގެ ސިފަތަކަށް ބަލާއިރު ދަރަކްއާ ވައްތަރު ގޮތެއް ހުރުމެވެ.

"މީ ކޮންކަމެއް؟." ސިޔާ ކަންބޮޑުވިއެވެ.

"މީ ކަލޭ އޮޅުވާލިހާ މީހުން. އެ މީހުންގެ އަތުން ނެގި ވޮލެޓުތަކާއި ގަޑިތައް. ދަރަކް ހޭނައްތާލަން ބޭނުންކުރި ބޭސްތައް ވެސް ޖުނައިދު އަހަންނަށް ދީފައި އެބަހުރި. އޭނާ މި މީސްމީހުން އަތުން ފައިސާ ނަގާފައިވަނީ." ކިރަން ބުންޏެވެ.

"އެހެންވީމަ ދަރަކް އެކަންޏެއްނޫން ދޯ މި މަޅީގައި ޖެއްސީ." ޤަބޫލުނުކުރެވިފައި ހުރެ އަފްރާހަށް ބުނެވުނެވެ.

"މާ ރީތިކޮށް ވެސް ފުލުހުން މި މައްސަލަ ބަލާނެ. ޔޫ ހޭވް ގޯން ޓޫ ފާ. އަދިވެސް ހީވަނީތަ ސަލާމަތްވެވިދާނޭ." އަކިޔަލް ބުންޏެވެ.

"ސިޔާގެ ތި މަކަރުވެރި މަޅީގައި ޖެހުނު ބައެއް މީހުން ތިބީ އެއްބާރުލުންދޭން ތައްޔާރަށް." ކިރަން ބުންޏެވެ.

"ތިއީ އަދި ހެއްކަކަށް ނުފުދޭނެ." ޖެހިލުންވެފައި ހުރެ ވެސް ސިޔާ ބުންޏެވެ.

"ހެއްކަކަށް ފުދުނަސް ނުފުދުނަސް އެނގޭނީ މައްސަލަ ބަލާމީހުންނަށް. މި ކޮޓަރީގައި ހިނގައިދިޔަ ހުރިހާކަމެއްވަނީ ރިކޯޑު ކުރެވިފައި." އަފްރާހު ބުންޏެވެ. އަދި އޭނާ ކޮޓަރީގެ އެއްފަރާތު ކުޑަދޮރުގައި ދަމާފައި ހުރި ދޮރުފޮތިގަނޑުގައި ހަރުކޮށްފައިވާ ސިއްރު ކެމެރާ ނައްޓާލިއެވެ. އެއާއެކު ސިޔާގެ މޫނުން ހަމަ ރަނގަޅަށް ވެސް ހާސްކަން ފާޅުވެގެން ދިޔައެވެ.

"ފުލުހުންނަށް މި ހުރިހާ އެއްޗެއް ހުށެހެޅީމަ ކިހިނެއްބާ ވާނީ." މަލާމާތުގެ ހިންޏެއް އައިސް ހުރެ އަކިޔަލް ބުންޏެވެ.

"ކަލޭމެންނަށް އެހެންނެއް ނުހެދޭނެ." ސިޔާ ނިކަން ބާރަށް ބުންޏެވެ. ނަމަވެސް އެ އަޑު އެހުމެއްނެތި އަކިޔަލް އެނބުރިލީ ދަރަކްއާ ދިމާއަށެވެ. އޭނާ ދަރަކްއަށް ގޮވާލުމާއެކު ވާހަކަދެއްކިއެވެ.

"ކިހިނެއް ހަދަން ގަސްދުކުރަނީ. އަމިއްލަ ނަފްސު ކުށްވެރިކޮށްކޮށް ހުންނާނީތަ. އަދަބު ލިބެންޖެހޭ ބަޔަކަށް އަދަބު ނުދޭންވީ ކީއްވެ. އަދިވެސް ޒިންމާދާރު ނިންމުމެއް ނިންމަން ބޭނުންނުވެގެން ހުރިހާކަމަށް ފިލަން ތި ދުވަނީ. ކިރަންއަކީ މިކަމާ ބެހޭ މީހެއްނޫން. އެކަމަކު އޭނާ އިސްނެގީމާ ވެސް ދަރަކްއަށް އެވަރުނުވި." އަކިޔަލް ބުންޏެވެ. ދަރަކްއަށް ތުންފިއްތާލެވުނެވެ. އޭނާގެ ނިތަށް ގިނަވެގަތް ރޫތަކާއެކު ދެބުމަ ގޮށްޖަހާލިއެވެ. އަކިޔަލް ބުނެލާ ބަސްތަކުން ދަރަކްގެ ހިތާއި ނަފްސަށް ނުހަނު ބޮޑު އަސަރެއް ކުރެއެވެ. އޭނާ ބުނާ ރާގުން ވެސް މެއެވެ.

"އަހަރެން ޕޮލިހަށްދާނަން. ދެމީހުންގެ މައްޗަށް ދަޢުވާ ކުރާނަން. ހުރިހާކަމެއް ހިނގި ގޮތުގެ ބަޔާން ޕޮލިހަށް ދޭނަން." ނިކަން ސާބިތު އަޑަކުން ދަރަކް ބުންޏެވެ. އެއާއެކު ޖުނައިދު އާދޭސްކުރަން ފެށިއެވެ. އެއްފަހަރެއް ކަމަށް މަޢާފުކޮށްދޭން އޭނާ ދަރަކްގެ ގާތުން އެދެން ފެށިއެވެ. ފުލުހަށް މައްސަލަ ހުށަނާޅަން އޭނާ އެދެމުންދިޔައެވެ.

"ކީއްވެ... ދަރަކް އަހަރެން ޚިޔާރުކުރިނަމަ މިއިން އެއްވެސް ކަމެއް ނުވީސް. ފައިސާ ހޯދާކަށް ވެސް ނޫޅޭނަން. އަހަރެން ބަނޑުބޮޑޭ ބުނީމާ ވެސް ދަރަކް ޒިންމާނަގާކަށް ބޭނުމެއްނުވި. މިހުރިހާކަމެއް މިހެންމިވީ ހަމަ ކަލެއާ ހެދި. ކަލޭދެކެ ފުރަތަމަ ލޯބިވީ އަހަރެން. ލޯބި ހުށަހެޅީ ވެސް އަހަރެން. ދެން ކީއްވެ ކަލޭ ލައިލީ ޗޫޒްކުރީ." ސިޔާ ހީވީ ހަމައިން ނެއްޓިހެންނެވެ. ނަމަވެސް އޭނާގެ އަޑަށްވުރެ ބާރަށް ނޫރީ ހަޅޭލަވައިގަތެވެ.

"ކަލެއަށް އެނގޭތަ ކަލެއަށް ކުރެވުނު ކަންތައް. ކިތައް ފިރިހެނުންނަށް ތިހެން ހަދައިފިން. ކަލޭ ކަހަލަ އަންހެނެއް ޚިޔާރު ކުރާކަށް އެއްވެސް ފިރިހެނަކު ބޭނުންވާނެތަ." ނޫރީ ބުންޏެވެ.

"އެ ޖެހުނީ ބޮޑުތާ... އަބަދުވެސް މައްސަލައަކީ އަހަރެންގެ މައްސަލަ... އެކަކު ވާނީ މީހަކާ އިނދެގެން އުޅޭ މީހަކަށް. އަނެކަކުގެ ގާލްފްރެންޑެއް ހުންނާނެ... ކޮންމެ މީހެއް ކައިރީ ވެސް އަހަރެން ވާނީ އެމީހުންގެ ދެވަނަ އޮޕްޝަންއަށް. އެހެންވީމަ އަހަރެން ބޭނުންވާ އެއްޗެއް ހޯދުމަކީ ކުށެއްނޫން." ސިޔާ ބުންޏެވެ.

"އެކަމަކު އެހެނޭ ކިޔާފައި މަކަރާއި ހީލަތުން ކަންކަން ކުރުން ކަޑައޭ." އަފްރާހު ބުނެލިއެވެ.

"އަހަރެން އެކަންޏެއްނޫން. ޖުނޭ ވެސް ކޮބާ ތަފާތެއް... އޭނާ ކިރަންއާ ގުޅިގެން އުޅުނަސް އަހަރެންގެ ބަހަށް ހެއްލެންވީ ކީއްވެ. އަހަރެންނަށް އޭނާގެ ބޭނުން ހިފުނީ އޭނާ ހުރި ގަމާރުކަމަކުން ނޫންތަ." ސިޔާ ބުންޏެވެ.

"ކަލޭ ސިކުނޑިން ބައެއް އުނީތަ؟. ތި ބޮލުތެރޭގައި ރަނގަޅު ޚިޔާލެއް ނެތީ... އަހަރެން ކެލޭގެ ރަޙުމަތްތެރިއަކަށްވީ ކިރަންގެ ސަބަބުން. އޭނާ ކަލެއާ މެދު ގެންގުޅޭ ޚާއްޞަކަމާއި ބަހައްޓާ ގާތްކަން ފެނިފައި. ހަމަ ތެދެއް މިބުނީ ދެން އެންމެ ހިނދުކޮޅަކަށް ވެސް ކަލޭގެ ތި ހުރި ފީކަޅާ ވިސްނުމަށް މަށަކަށް ކެތެއްނުވާނެ." ނޫރީ ބުންޏެވެ.

"ބަލަ ކާކުތަ ބުނީ ކަލޭ ކައިރީ ކެތްކުރަން... ކަލެއާއި ލައިލީއާއި ޔޫންއާއި ތަސްއާއި ކިރަން ވެސް... ކަލޭމެން އެންމެން ދޭބަލަ. މަށަށް ވަރިހަމަ. ކަލޭމެން އެންމެން ނެތަސް ހެޔޮ." ސިޔާ މިހެންބުނެ ބޮލުގައި ދެ އަތުން ހިފަހައްޓާ ހަޅޭލަވަންފެށިއެވެ. އޭނާ ހުރި ދިމާއަށް ދެ ކަކޫ މައްޗަށް ތިރިވިއެވެ. ހަޅޭލެވުން ރުއިމަށް ބަދަލުވިއެވެ. މިފަހަރު ސިޔާގެ ރުއިމުގައި ދެއްކުންތެރިކަމެއް ނެތެވެ.

"ކީއްވެ... ކީއްވެ މަށަށް ތިހެން ހަދަނީ. ކީއްވެތަ އަހަރެންނަށް އެއްވެސް އުފާވެރިކަމެއް ނުލިބޭންވީ. ކީއްވެތަ އަހަރެން ބޭނުންވާ ގޮތް ނުވާންވީ... އަހަރެން ބޭނުންވާ އެއްޗެއް ނުލިބޭންވީ. ކީއްވެތަ... އަހަރެން ވީމަތަ... އެއްވެސް މީހެއްގެ ފުރަތަމަ އިޚްތިޔާރަށް އަހަރެން ނުވާންވީ ކިއްވެ؟... އަހަރެން ވެސް ބޭނުން... ކޮންމެވެސް މީހަކު އަހަރެން ޚިޔާރުކުރާން." ސިޔާ ރޮމުންރޮމުން މޫނުގައި ދެ އަތް އެޅިއެވެ. މި ހުރިހާއިރު އޭނާގެ ވަށައިގެން ލެވިފައިވާ ހަރުކަށިކަމާއި ބޮޑާކަމުގެ ފާރު ފުނޑުފުނޑުވެއްޖެއެވެ.

"މީހެއްގެ ފުރަތަމަ ހޮވުމަށް ވާން އެދޭނަމަ ތިމާއަށް އިސްކަންދޭ ތިމާދެކެ ލޯބިވާ މީހަކު ހޯދާ. އަދި އެފަދަ މީހެއްދެކެ ލޯބިވާން ދަސްކުރޭ. މީހެއްގެ ހިތުގައި ލޯތްބާއި ޤަދަރަކީ ގަދަކަމުން އުފެއްދޭނޭ އިޙްސާސެއްނޫން. އަލަތު ގުޅުމަކުން ގުޅުމަކީ ދެ މީހުން މުޅި އުމުރު އުފަލުގައި ތިބޭނެކަމުގެ ރަމްޒެއްނޫން. ލޯބިވާ ދެ މީހުންގެ ދެމެދުގައި ވެސް މައްސަލަތައް ޖެހޭނެ. ޚިޔާލު ތަފާތުވެ ދެބަސްވާ ފަހަރު ވެސް އަންނާނެ. ތާކުންތާކުނުޖެހޭ ކަމަކާ ރުޅި އަތުވެދާނެ. އެހެންވިޔަސް އެއިން ކޮންމެ ހިނދުކޮޅަކީ ހާސިލުވާން އެދޭ އުފާވެރިކަމާއި ހިތުގެ ހިތްހަމަޖެހުމުގެ ބައެއް. ހަރުދަނާ ގުޅުމެއް އެފަދަ ކުންޏަކުން ކެނޑިގެންނުދާނެ. އަދި އެފަދަ ހުރަސްތައް ހައްލުވެދާ ހިނދު ދެމެދުގައި އޮންނަ ލޯތްބާއި އިތުބާރު ވަރުގަދަވޭ. ސިޔާ ތިބަލަނީ ހަމައެކަނި ގުޅުމެއްގެ ބޭރުފުށުން ފެންނަ ކަންކަމަށް. އެއްވެސް ދިރިއުޅުމެއްގައި ހަމައެކަނި އުފާވެރިކަމުގެ މައްޗަށް ބިނާވެފައެއް ނޯންނާނެ. ކޮންމެ ގުޅުމަކަށް ބަލާލިޔަސް އެތައް މައްސަލަތަކެއް އެމީހުންގެ މެދުގައި އޮންނާނެ. އެކަމަކު ޢާއިލާ ބައިބައިވިޔަ ނުދިނުމަށް އެ މައްސަލަތަކާ ކުރިމަތިލާން ޖެހޭ. އަދި ހައްލުކުރެވެން އޮތް މަގެއް ހޯދައި އެކަމުން އަރައިގަންނަން ޖެހޭ. ކޮންމެ ގުޅުމެއްގައި ވެސް ޒިންމާތަކެއްވޭ. އެ ޒިންމާތައް ރަނގަޅަށް އަދާކުރެވިގެން ނޫނީ ރީތި ހިތްހަމަޖެހޭ ދިރިއުޅުމެއް އެއްގޮތެއްގައި ނުބޭއްވޭނެ." ނޫރީ މިފަހަރު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ސިޔާއަށް ވިސްނައިދީ ނަޞޭޙަތް ދޭ ފަދައިންނެވެ.

އެންމެން ހޮޓެލުން ނުކުތެވެ. ފުލުސް އޮފީހަށް ދާން ޖުނައިދާއި ސިޔާ ދެކޮޅެއް ނުހެދިއެވެ. ކިރަންއާއި ނޫރީގެ ސަބަބުންނެވެ. ކަންތައްތައް ނިމިގެން ދިޔައިރު ހަޤީޤަތްވީ އަފްރާހު ހީކުރިފަދައަކުން ނޫނެވެ. އަކިޔަލްގެ ރޭވުންތެރިކަން އޭނާ ފާހަގަކުރިއެވެ. މަގުމަތިން ޓެކްސީއެއް ނޫރީ ނެގިއެވެ. ފަހަތު ސީޓަށް ޖުނައިދާއެކު ސިޔާ އެރިއެވެ. ދެ މީހުން ވެސް ތިބީ ހިމޭންވެފައެވެ. ނަފްސާނީ ގޮތުން ސިޔާ ބަލިކަށިވީއެވެ. ކާރުގެ ދޮރުފަތް ލައްޕާލާފައި ނުރީ ފަހަތަށް އެނބުރިލީ ޖުނައިދާއި ސިޔާއާއެކު ކޮންމެވެސް މީހަކު ދާންޖެހޭނެކަން އެނގޭތީއެވެ. ދަރަކް އިސްވެ ކާރަށް އަރަންވީތޯ އަހާލިއެވެ. އެހިނދު ނޫރީ ގޮވާލީ އަފްރާހަށެވެ. ޖުނައިދާއި ސިޔާއާއެކު ފުލުސް އޮފީހާ ހަމައަށް ދާން ކާރަށް އެރުވީ އަފްރާހެވެ. ނޫރީއަށް ނޫނެކޭ ބުނާކަށް އަފްރާހަށް ނުކެރުނެވެ. ޓެކްސީ ދުއްވާލުމާއެކު ނޫރީ އެނބުރި ދަރަކްއާ ކުރިމަތިލިއެވެ.

"ލައިލީގެ ކުރިމަތީ ސިޔާއާއެކީ ކާރުގައި ފޮނުވާލާން ބޭނުމެއްނޫން. އެހެން ޓެކްސީއެއް އެބާދޭ. އޭގައި ކިރަންއާއެކީ ދަރަކް ދޭ ފުލުސް އޮފީހަށް." ނޫރީ ބުންޏެވެ.

ހިމޭންކަމުގައި ދަރަކް ބޯޖަހާލީއެވެ. އަދި ހޮޓެލްގެ މައިދޮރުގެ ވައަތް ފަރާތުގައި މަޑުކޮށްލައިގެން ހުރި ލައިލީއަށް ދަރަކްގެ ނަޒަރު އަމާޒުކޮށްލިއެވެ. ލައިލީގެ ނަޒަރު އޭނާއާ އަމާޒުވެފައި ހުއްޓެވެ. ހިމޭންކަން އެކުލެވިގެންވީ މާނަވީ ބެލުމަކުން ދެމަފިރިން ބަލަން ތިއްބެވެ. ޓެކްސީ މަޑުކުރުމުން ދަރަކްއަށް ކިރަން ގޮވާލިއެވެ. ޓެކްސީއަށް އަރަންދެން ދަރަކްގެ ނަޒަރު ލައިލީއާ ވަތްކެއްނުވެއެވެ.

"ލައިލީ. އާ ޔޫ އޯލްރައިޓް." ދަރަކް އެރި ޓެކްސީ ނައްޓާލުމުން އަކިޔަލް އަހާލިއެވެ. ޖަވާބެއްގެ ގޮތުން ލައިލީ ހޫން ލައްވާލިއެވެ. އަކިޔަލް ބަލަން ހުރިގޮތް ލައިލީއަށް ފާހަގަވީ އޭނާއަށް ބަލާލި ހިނދުއެވެ. ލައިލީގެ އިޙްސާސްތައް ދެނެގަންނަން އަކިޔަލް ކުޅަދާނަކަން ހަނދާންވުމާއެކު ނިކަން އަވަހަށް ލައިލީ ނަޒަރު ވަކިކޮށްލައި އިސްއޮބާލައިފިއެވެ.

ލައިލީއަށް ހަޤީޤަތް ހާމަވެއްޖެއެވެ. ދަރަކް އެހެންގުޅުމެއް ނުހިންގާކަން އެނގިއްޖެއެވެ. ސިޔާ ރޭވި ނުބައި ރޭވުމަށް ޖުނައިދު އެއްބާރުލުން ދިންއިރު މިހާރު އެ ދެ މީހުން ވެސް ކުށަށް އިއުތިރާފްވެ އަދަބު ލިބިގަތުމަށް ތިބީ ތައްޔާރުވެގެންނެވެ. ހުރިހާކަމެއް މިވަނީ ހަމައަކަށް އެޅިފައެވެ. އެހެންނަމަވެސް ލައިލީއަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ފަހަރެއްގައި އެނގިގެން ދިޔަ ހަޤީޤަތް ޤަބޫލުކުރާން ލައިލީގެ ހިތަށް ވަގުތު ބޭނުންވަނީ ކަމަށް ވެދާނެއެވެ.

"ލައި... ލައިލީއާ މި ވާހަކަދައްކަނީ. ކޮންކަމަކަށް ގެއްލިފައި. އަހަރެން ބުނީ ހިނގާށޭ އަހަރެންނާއެކީ. ޓެކްސީއަކަށް ގުޅައިފިން. އަހަރެން ލައި ގެއަށް ވައްޓާލަ ދޭނަން."

ނޫރީގެ އަޑަށް ޚިޔާލުތަކަށް ގެއްލިފައި ހުރި ލައިލީ އިސްއުފުލައި ބަލާލިއެވެ. އަދި އާނއެކޭ ލައިލީ ބުނެލިއެވެ. ދެން ލައިލީ އަކިޔަލްއާ ދިމާއަށް އެނބުރިލިއެވެ.

"ތެންކިޔު އާކި. ކުރީބައިގައި ސިޔާއާއި ޖުނޭގެ ކަންތައް އަހަންނަށް އެނގުނީތީ އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވުނީ. ހަމަޖެހިގެން ހުރެ އެމީހުންނާ ކުރިމަތިލެވުނީ އެހެންވެ. އެއްވެސް ވަރަކަށް ތައްޔާރުނުވެ އަހަރެން ދަރަކްއާ ކުރިމަތިލީނަމަ މިހާ ހަމަޖެހިފައެއް ނުހުރެވޭނެ. އަހަރެންނަށް އެނގޭ އޭރުން ރުޅިގަދަވެގެންނާއި ދެރަވެގެން ގޮސް ރުއިންނޫން ކަމެއް ނުވާނެކަން." ލައިލީގެ ނަޒަރު އަކިޔަލްއާ ސީދާނުވާއިރު އޭނާގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ.

"ލައިލީގެ ފިރިމީހާ އިނޮސެންޓްކަން މިހާރު އެނގިއްޖެއެއްނު." އަކިޔަލް ބުންޏެވެ.

"އާން. އެކަން ޔަގީންވެއްޖެ." މާބޮޑެއް އަސަރެއްނެތް ފަދައިން ލައިލި ބުންޏެވެ.

"ޔޫ ޑޯންޓް ލުކް ސޯ ގުޑް." އުންމީދުކުރި އުފާވެރިކަމުގެ އަސަރު ލައިލީގެ ފުށުން ފާޅުނުވާކަން އެނގި އަކިޔަލްއަށް ބުނެވުނެވެ.

"އަހަރެން އަދިވެސް..." ލައިލީގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނޫރީ ގޮވަންފެށިއެވެ. އެމީހުން ދާން ޓެކްސީ އައީއެވެ. އަކިޔަލް އެއްޗެއް ބުނަން އަނގަހުޅުވާލައިފައި ވެސް ނުބުންޏެވެ.

"ދަނީ... ފަހުން ދިމާވާނެއެއްނު." ލައިލީ މިހެން ބުނެ ހިނގައިގަތީއެވެ. ސަލާމަކަށް ބަދަލުކޮށްލި ހިނިތުންވުން ލައިލީ ފުރަގަސްދިނުމާއެކު އަކިޔަލްގެ ތުންފަތުން ފިލައިފިއެވެ. މާޔޫސީކަމުގެ އަސަރާއި ބޭގަރާރުކަން އެކުލެވިފައިވީ ބެލުމަކުން ފުރަގަސްދީފާ ދާ ލައިލީއަށް ބަލަން އަކިޔަލް ހުއްޓެވެ.

އެޕާޓްމެންޓަށް ވަދެގެން އައި ލައިލީ ސޯފާ ކައިރީ އަތްދަބަސް ބެހެއްޓުމާއެކު ސޯފާގެ ދިގަށް އޮށޯވެލިއެވެ. އޭނާގެ ސިކުނޑިއާއި ނަފްސުގެ ވެސް ވަނީ ނުހަނު ބޮޑަށް ވަރުބަލިވެފައެވެ. ދަރަކް ގެއަށް އަންނަންވާއިރަށް ކާއެއްޗެހި ހޫނުކުރަން ލައިލީ ގަސްދުކުރިއެވެ. ނަމަވެސް އެފަދައިން ކަންތައް ނުކުރެވިގެން އުޅެނިކޮށް އޭނާގެ ދެ ލޮލަށް ބަރުވެ ނިދިޖެހިއްޖެއެވެ. އެއާއެކު ލައިލީއަށް ހުވަފެނުން ފެންނަން ފެށީ ސިޔާއެވެ. ސުކޫލު ދުވަސްވަރުގެ ފުރާވަރުގެ ސިޔާއާއި މިހާރުގެ ސިޔާއެވެ. އޭނާ ލައިލީގެ ހައްޤަކަށް އަރައިގަނެފައި އެކަމާމެދު ދެއްކި ވާހަކަތަކެވެ. ދަރަކްގެ ކަނދުރާގައި އޮޅުލައިގަނެގެން ހުރެ ދަރަކްގެ ކުށެއްނެތްކަން ހާމަކޮށް ދަރަކްއަށް މަޢާފްކުރާން ސިޔާ ބުނެއެވެ. ލައިލީގެ ދެ ލޯ ތަންމިނަށް ހުޅުވާލުމާއެކު ފުންމައިގެން އޭނާ ތެދުވެ ސޯފާގައި އިށީނެވެ. ނުބައި ހުވަފެނުގެ ސަބަބުން އޭނާގެ ހިތް އޭރު ވެސް ބާރަށް ތެޅެމުންދިޔައެވެ. ދަރަކް ގެއަށް އައީ އެގޮތަށް ސޯފާގައި ލައިލީ އިންދައެވެ.

"އަދިކިރިޔާ މި ނިމުނީ. މާދަމާ ގުޅާނަމޭ ބުނި. ލައިއާއި އަކިޔަލްގެ ބަޔާން ވެސް އެމީހުން ބޭނުންވޭ..."

"އެއްޗެހި ހޫނުނުކޮށް އަދި ހުންނާނީ." ދަރަކްގެ ވާހަކަ ހުއްޓުމަކަށް އައީ ލައިލީ ވާހަކަދައްކަން ފެށީއެވެ.

ފަރުވާތެރިކަމާއެކު ލައިލީއަށް ދަރަކް ބަލާލިއެވެ. ލައިލީގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ. އަދި އަނބިމީހާގެ ނިތްކުރީގައި އޭނާގެ ކަނާއަތުގެ އިނގިލިތަކުގެ ނުފުށް ޖައްސާލިއެވެ. ލައިލީއަށް ހޫނުވެފައި ހުރިކަމުގެ އަސަރު ނިތްކުރީން ފާޅުވާން ހުރީއެވެ.

"ހާދަ ބޮޑަށް ދާހިތްލާފައި. ލައި ބަލީތަ؟." ދަރަކް އަހާލިއެވެ.

"ހުރިހާ އެއްޗެއް ނިވާފައި ހުރީމަ ކަންނޭނގެ. މިތާ އޮވެ ނިދޭތީ މިތެދުވީ." ލައިލީ މަޑުމަޑުން ބުނެލިއެވެ.

"އެހެންވީރު ލައި ދޭ ފެންވަރާލަން. އަހަރެން އެއްޗެހި ހޫނުކޮށްލާނަން. އޭރުން ފެންވަރައިގެން ނުކުމެ ޖައްސާލެވޭނެ. ވަރަށް ލަސްވެއްޖެކަން އެނގޭ. ލައި ކާނަންތަ މިރޭ." ދަރަކް ހުރީ އޮފީސް ހެދުމުގައި ކަމަށްވާތީ އޭނާ ކަރުގައި އޮތް ޓައީ ނަގަމުން ވާހަކަދެއްކިއެވެ.

"އަހަރެން ލޯބިވާ ފިރިމީހާއަކީ ރީތި ފިރިހެނެއް. ދަރަކްއަކީ އޯގާތެރި ހިތްތިރި މީހެއް. ދަރަކްއަށް އެހެން އެވީ ސިޔާގެ ސަބަބުން. އޭނާގެ މަކަރުވެރިކަމުގައި ދަރަކް ހައްޔަރުވީ. ދަރަކް އަހަންނަށް ބޭވަފާތެރިއެއްނުވޭ. އޮޅުން އަރައި ޝައްކުތަކެއް ކުރެވުނީތީ އެކަމާ މަޢާފަށް އެދުމުން އެއީ އުފާވެރި ނިމުމެއް..." ލައިލީގެ ދެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. ކަންބޮޑު ހާސްވެފައި ލައިލީގެ ނަމުން ދަރަކްއަށް ގޮވާލެވުނެވެ.

އުފާވެރި ނިންމުމެއް ބޭނުންވިޔަސް ލައިލީއަށް އެގޮތާ އެއްބަހެއް ނުވެވުނެވެ. ދަރަކްއަށް ސިޔާ އޮޅުވާލީކަން އެނގޭއިރު ވެސް ލައިލީގެ އިޙްސާސްތަކާއި ޖަޒުބާތުތައް ވަނީ އޮޅުންބޮޅުންވެފައެވެ. ދަރަކްގެ ކުށެއްނެތްކަން ވެސް ލައިލީއަށް އެނގެއެވެ. އެހެންވިޔަސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ލިބެމުންދާން ވޭން ކުޑައެއް ނުވިއެވެ.

"އައި އޭމް ސޮރީ... އައި އޭމް ސޮރީ... ލެޓްސް ސްޕްލިޓް އަޕް." ރޮމުންރޮމުން ދަރަކްއަށް ބަލާލުމާއެކު ލައިލީ ބުނެލިއެވެ.

(ނުނިމޭ)