ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އާ ޓެކްނިކަލް ތަމްރީނުތަކެއް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ވަނީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފަ އެވެ.
ދިރާގުން ބުނި ގޮތުގައި ތަމްރީނުތަކުގެ ފުރުސަތުތަކަށް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް އިލްމުލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުމެވެ. މިގޮތުން ހާވަޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނި ގޮތުގައ އެ ކުންފުނި އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެކެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ދިރާގުން ފާހަގަކޮށްފައިވަނީ ޑިޖިޓަލް ޒަމާނެއްގައި ޖެންޑާ އިންކްލޫސިވިޓީ އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. މިގޮތުން އެކުންފުނިން އިއްޔެ ވަނީ މި މައުލޫއާ ގުޅިގެން އެކި ދާއިރާތަކުގެ ލީޑަރުންނާއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފަ އެވެ.
މި އިވެންޓްގެ ކީނޯޓް ސްޕީޗް ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ. މިނިސްޓަރުގެ ވާހަކައިގައި ވަނީ ޑިޖިޓަލް އަދި އެހެނިހެން ދާއިރާތަކުގައިވެސް އަންހެނުންގެ ބައިވެރިވުމާއި މިންތީގެ ހަމަހަމަކަން އަދި ޖެންޑާ އިންކްލޫސިވިޓީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.
މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އާއި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕެނަލްގައި ވަނީ ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ މިންތީގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އިލްމީ، އިގްތިސާދީ، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުގެ ނަޒަރުން ބަލާ މިކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް އެއްޗެއް ނޫންކަމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީއަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް މި ޕެނަލް ޑިސްކަޝަންގައިވަނީ އަލިއަޅުވާލާފައެވެ.