ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށް ހައި ކޯޓުން އަންގައިފި އެވެ.
ރައީސް ޔާމީން ޖަލަށް ލާން ހުކުމްކޮށްފައިވަނީ ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.
ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ. ނަމަވެސް އެމައްސަލަ ބަލައިގަތުން ލަސްވުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ކޯލިޝަންގެ އިސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ހައި ކޯޓަށްވެސް ގޮސްފަ އެވެ.
ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ފޯމް އިސްލާހު ކުރަން ޔާމީންގެ ވަކީލުންނަށް މިއަދު އަންގާފައިވާކަން ހައި ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޔާމީނަށް އިއްވާފައިވާ ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު ކްރިމިނަލް ކޯޓުން ކުރި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.