ބޮލީވުޑް

ޓީވީ އެކްޓަރު ތޭޖަސްވީ އާއި ކަރަންގެ ކައިވެނީ ޕްލޭން

"ނާގިން 6"ގެ ބަތަލާ ތޭޖާސްވީ ޕްރަކާޝް އާއި އެކްޓަރު ކަރަން ކުންދްރާގެ ލޯބީގެ ވާހަކަ ފެށުނީ މިދިޔަ އަހަރު އެމީހުން އެކުގައި "ބިގް ބޮސް"ގެ ގޭގައި ހޭދަކުރި ދުވަސްތަކަށްފަހު އެވެ. "ބިގް ބޮސް" ނިމުމަށްފަހު ވެސް މި ދެ އެކްޓަރުން އެކުގައި ވަރަށް ގިނައިން ބޭރު ތެރޭން ފެންނަމުން ދިޔަ އެވެ. އަދި ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ދޭތެރެއަކުން އިވުނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ކުއްލިއަކަށް އިވެން ފެށީ ދެ މީހުން ރުޅިވި ޚަބަރެވެ. މި ޚަބަރާއެކު ތޭޖާސްވީ އާއި ކަރަންގެ އެތައް ހާސް ފޭނުންނެއް ހިތް ހަލާކުވި އެވެ.

މި ޚަބަރެއް މާ ގަދަޔަށް ވައިގައި ހިފީ ސޯޝަލް މީޑިއާގައި ވަރަށް ދެރަވާ ޅެމެއް ކަރަން ޕޯސްޓް ކުރުމާ ގުޅިގެންނެވެ. މި ޅެމުގައި ބުނަނީ ދެ ލޯބިވެރިއެއްގެ މެދުގައި މައްސަލަ ޖެހި ދެކެވުނު ވާހަކައަކާއި ބޯހަރުކަމާއި ރުޅިވެރިކަން އިސްނުކޮށް އެ ވާހަކަތައް ހީނލާފައި ދެއްކިނަމަ މާ ރަނގަޅުވީސް ކަމަށެވެ.

މި ޚަބަރު ފެތުރުމާ ގުޅިގެން ޓައިމްސް ނައު އަށް ދިން އިންޓަވިއު އެއްގައި ތޭޖާސްވީ ވަނީ މި ޚަބަރުތައް ދޮގުކޮށްފަ އެވެ. އަދި ކަރަން އާއި އޭނާގެ މެދުގައި އެއްވެސް މައްސަލަ ނުޖެހޭކަމަށް އޭނާ ބުންޏެވެ. އަދި ކައިވެނިކުރަން އުޅޭ ވާހަކަތައް ވެސް ތޭޖާސްވީ ދެއްކި އެވެ.

ތޭޖާސްވީ ބުނީ އޭނާ ހަގީގަތުގައި ވެސް ކަރަން ދެކެ ވަރަށް ލޯބިވާ ކަމަށާއި އެ ވާހަކަ އެހާ ބޮޑަށް މީޑިއާގައި ނުދައްކަނީ އެ ގޮތަށް ވާހަކަ ދެއްކީމަ އެސްފީނާ ޖެހިދާނެކަމަށް ހިތުގައި ކުޑަކޮށް ޝައްކު އޮންނާތީ ކަމަށެވެ. އަދި ކައިވެނިކުރަން އޭނާ ވަރަށް އިސްކަންދޭ ކަމަށާއި ނަމަވެސް އެ ކައިވެނި ނުކުރެވެނީސް އެހާބޮޑަށް އެ ވާހަކަވެސް ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ބިގް ބޮސް 15"ގެ ޓްރޮފީ ހާސިލުކުރީ ތޭޖާސްވީ އެވެ. ކަރަން އަކީ ރަނަރަޕް އެވެ. އެކްތާ ކަޕޫރުގެ "ނާގިސް 6" ކުޅެން ތޭޖާސްވީ އަށް ލިބުނީ ބިގް ބޮސްގެ ފަހުންނެވެ. ކަރަން ވެސް ބައެއް ރިއަލިޓީ ޝޯތަކުގެ ހޯސްޓްކަން ކޮށްފައި ވެއެވެ. އަދި ބައެއް ސިލްސިލާތަކުގައި ލީޑް ރޯލު ވެސް ކަރަން ވަނީ ކުޅެފަ އެވެ.