އިސްލާމިކް ޔުނިވާސިޓީ

އިސްލާމިކް ފައިނޭންސިންއާ ބެހޭ އެގްޒިބިޝަނެއް އައިޔޫއެމުން ބާއްވަނީ

Mar 10, 2023

އިސްލާމިކް ފައިނޭންސިން އާއި ބެހޭ އެގްޒިބިޝަނެއް މާދަމާ ބާއްވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބުނެފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް -- އެމްއައިބީ އައިފެމްގެ ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގައި މާދަމާ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.

މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމެވެ.

މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ހިމެނެ އެވެ.

މި އެގްޒިބިޝަނަށް އާންމުންނަށް މާދަމާ ހެނދުނު 10:30 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ޒިޔާރަތްކުރެވޭނެ އެވެ.

މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯލްކް އިން އިންޓަވިއުވެސް ކުރާގޮތަށް ހަމަޖައްސާފަ އެވެ.

މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ހާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިނާމް ސްޕޮންސާކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުންނެވެ.

މީގެ އިތުރުން ކުއްލިއްޔާ އޮފް މެނޭޖްމެންޓް އެންޑް އިކޮނަމިކް ސްޓަޑީޒް އެފްބީ ޕޭޖްގައި ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.