ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އިތުރު ސޭފްޓީ ފީޗާއެއް ތައާރަފް ކޮށްފި އެވެ.
ބީއެމްއެލްއިން މިފަހަރު ތައާރަފް ކުރި ފީޗާ އަކީ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންއަށް ލޮގިން ވާއިރު ނުބައިކޮށް މައުލޫމާތު ޖެހިއްޖެ ނަމަ ކަސްޓަމަރަށް އެކަމުގެ ނޮޓިފިކޭޝަން ދާ ގޮތަށް ހަމަޖެއްސި ފީޗާ އެކެެވެ.
މިހާރުވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންއަށް ލޮގިން ވާއިރު ނޮޓިފިކޭޝަންއެއް ލިބޭނެ އެވެ.
ބީއެމްއެލްއިން ބުނީ މިއީ ނުބައިކޮށް މައުލޫމާތު ޖެހުމުން ފޮނުވާ އިތުރު ނޮޓިފިކޭޝަންއެއް ކަމަށެވެ. އެގޮތުން ނުބައިކޮށް މައުލޫމާތު ޖަހާ ކޮންމެ ފަހަރަކު ކަސްޓަމަރަށް މި ނޮޓިފިކޭޝަން ދާނެ އެވެ.
މީގެ އިތުރުން ތިން ފަހަރަށް ވުރެ ގިނައިން ނުބައިކޮށް މައުލޫމާތު ޖަހައިފި ނަމަ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑޭ ގޮތަށްވެސް ބީއެމްއެލްއިން ވަނީ ހަދާފަ އެވެ. އަދި މިކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުގެ އީމެއިލްއަށް ދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.
ކަސްޓަމަރުންގެ އެކައުންޓުން ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ހިނގާނަމަ ޕާސްވޯޑް ބަދަލު ކުރުމަށްވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބީއެމްއެލްއިން އަންނަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ސަލާމަތީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކިއުއާރް ކޯޑް ބޭނުންކޮށްގެން މިއާމަލާތްތައް ހިންގާއިރު މިހާރު ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖަހަން ޖެހޭ ގޮތަށްވެސް ބީއެމްއެލްއިން ވަނީ ހަދާފަ އެވެ.