މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ބިދޭސީންގެ ކޯޓާ ފީ ފަސޭހައިން ދެއްކޭނެ ގޮތް ހަދައިފި

ރާއްޖެ ގެންނަ ބިދޭސީންގެ ކޯޓާ ފީ ދެއްކުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޯޓާ ފީ ބަލައިގަންނަނީ އެ މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

އެކްސްޕެޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި، އެ ބިދޭސީންގެ ކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ނިޒާމެއް އެކުލަވާލައި، ޙިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ބޭނުން ކުރާ ސިސްޓަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެކްސްޕެޓް ސިސްޓަމަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ގޮތުން މިދިޔަ މަހުގެ 26 އިން ފެށިގެން މިއަދުގެ ނިޔަލަށް ސިސްޓަމްގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްތައް އަލުން ފަށާނެ ކަމަށެވެ. އަދި އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްތައް އަލުން ފަށާ އިރު ކޯޓާ ފީ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދީފައި ވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޯޓާ ފީ އަކީ ދިވެހިރާއްޖެއަށް ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ކަމަށް، ވަޒީފާއާ ބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ ފީ އެކެވެ. އެގޮތުން ވަޒީފާ ދޭ ފަރާތުން "ޔުޓިލައިޒް" ކުރާ ކޮންމެ ކޯޓާ އަކަށް އެއް އަހަރުގެ މުއްދަތަށް 2000 ރުފިޔާ ދައްކަން ޖެހެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާ ދޭ ފަރާތްތަކަށް ލުއި ވާނެ ގޮތެއްގެ މަތިން ކޯޓާ ފީ ދެއްކުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި 12 މަސް ދުވަހަށް ބަހާލައިގެން ޝެޑިއުލް ޕޭމަންޓެއްގެ ގޮތުގައި ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

އެކްސްޕެޓް ސިސްޓަމަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލް އެ ސިސްޓަމުގެ ހޯމް ޕޭޖުން ފެންނާނެ ކަމަށާއި އިތުރު މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.