ބޭރު ކުޅިވަރު

އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް ބޮޑު ހިތްހަމަޖެހުމެއް

ވާދަވެރި އެތްލްޓިކޯ މެޑްރިޑް 1-0އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ބާސެލޯނާ ހަމަޖެހިލައިފި އެވެ.

މެޗުގެ 10 ވަނަ މިނިޓްގައި ކޯކޭ ޖެހި ގޯލުން އެތްލެޓިކޯ ކުރި ހޯދި ނަމަވެސް ނުވަ މިނިޓް ތެރޭގައި ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ޖެހި ދެ ގޯލުން ބާސެލޯނާ ފުރަތަމަ ހާފުގައި ކުރި ހޯދި އެވެ.

އެތްލެޓިކޯގެ ފިލިޕް ލުއިޒް އާއި ކެޕްޓަން ޑިއެގޯ ގޮޑިން އަށް ރަތްކާޑު ދެއްކި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ އަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. އެތްލެޓިކޯ އަށް ލިބިފައިވަނީ 48 ޕޮއިންޓާއެކު ދެ ވަނަ އެވެ.

ޕޮއިންޓް ޓޭބަލުގައި ތިން ޕޮއިންޓްގެ ލީޑެއް ލިބުނުއިރު ބާސެލޯނާ އަށް ވުރެ އިތުރަށް އެތްލެޓިކޯ އާއި ރެއާލް ވަނީ އެއް މެޗު ކުޅެފަ އެވެ. މިހެންވެ ހަ ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަންޓީމަށް ވަނީ ލިބިފަ އެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ބުނީ އެތްލެޓިކޯ އަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި ފަހަތުން އަރައި މޮޅުވާން ބާސެލޯނާއިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ 9 ކުޅުންތެރިންނާއެކު ވެސް އެތްލެޓިކ ދެއްކި ކުޅުން ގޯސް ނޫން ކަމަށާއި ދެ ކުޅުންތެރިއަކު މަދުވުމުން ބަލިވުން އެކަށީގެންވާ ކަމަށެވެ.