ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( މާރިޗު 2023 އާ ގުޅޭ )

އުފާވެރި ނިންމުމެއް ބޭނުންވިޔަސް ލައިލީއަށް އެގޮތާ އެއްބަހެއް ނުވެވުނެވެ. ދަރަކްއަށް ސިޔާ އޮޅުވާލީކަން އެނގޭއިރު ވެސް ލައިލީގެ އިޙްސާސްތަކާއި ޖަޒުބާތުތައް ވަނީ އޮޅުންބޮޅުންވެފައެވެ. ދަރަކްގެ ކުށެއްނެތްކަން ވެސް ލައިލީއަށް އެނގެއެވެ. އެހެންވިޔަސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ލިބެމުންދާން ވޭން ކުޑައެއް ނުވިއެވެ.

"އައި އޭމް ސޮރީ... އައި އޭމް ސޮރީ... ލެޓްސް ސްޕްލިޓް އަޕް." ރޮމުންރޮމުން ދަރަކްއަށް ބަލާލުމާއެކު ލައިލީ ބުނެލިއެވެ.

"ލައިލީ." އަނބިމީހާގެ ނަމުން ދަރަކްއަށް ގޮވާލެވުނުއިރު އެ އަޑުގައި އިންތިހާ ކަންބޮޑުވުން އެކުލެވިފައި ވިއެވެ. ލައިލީގެ ކޯތާފަތުގައި ޖައްސާލެވިފައިވީ ދަރަކްގެ އަތް ތިރިކޮށްލެވުނީ ވަރުދޫވި ފަދައަކުންނެވެ. ކުޑަކަކޫ މައްޗަށް އިނދެފައި އޭނާއަށް ކޮޅަށް ތެދުވެވިއްޖެއެވެ. މުޅި ނަފްސަށް ވެރިވި ސިހުމުން ހިތުގައި ހިނގައިގަތީ ބިރުވެރި އިންޒާރެއްގެ އޮއެވަރެވެ. ލައިލީއާ ކުރިމަތިލައިގެން ހުއްޓަސް ފަހަތަށް ފިޔަވަޅެއް ދަރަކްއަށް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ވާން މިއުޅެނީ އޭނާ ދުވަހަކުވެސް ނޭދޭ ކަންތަކޭ ދަރަކްއަށް ހީކުރެވުނެވެ.

"ދުވަސްކޮޅެއް... އަހަރެން އެކަނި ވިސްނާލަން... ދުވަސްކޮޅަކު ދުރުގައި ހުރެ ވިސްނާލަން ބޭނުމީ." ރޮވެމުންދިޔަ ލައިލީ ބުންޏެވެ. އޭނާގެ ހިތަށް އުނދަގޫވަނީ ދަރަކްދެކެ އަދިވެސް ލޯބިވާތީކަން ޚުދު ލައިލީއަށް އެނގެއެވެ. ފިރިމީހާދެކެވާ ލޯތްބަށް ބަދަލެއް ނާދެއެވެ. އެހެންވިޔަސް މިވަގުތު އޭނާއަށް ކުރެވުމުންދާ އިހްސާސްތަކާއި ނުހިފެއްޓިގެން އުޅޭ ޖަޒުބާތާ ކުރިމަތިލާނެ ގޮތެއް ނޭނގެއެވެ. އެކަމަށް އޭނާއަށް ވަގުތު ބޭނުމެވެ.

* * * * *

ނިތްކުރީގައި ދެ ލޯ ފޮރުވޭނޭހެން ކަނާއަތް ބާއްވާލައިގެން އެނދުގައި ދަރަކް އޮތެވެ. އެހެން އޮވެ އޭނާ ލައިލީގެ ނަމުން ގޮވާލިއެވެ. ނަމަވެސް ލައިލީ ކައިރިއަކުނެތްކަން އޭނާއަށް އެނގެއެވެ. ހެނދުހެނދުނާ ލައިލީގެ އެއްޗެހި އެޅި ފޮށި ހިފައިގެން އެ އެޕާޓްމެންޓުން އޭނާ ހިނގައްޖެއެވެ. ލައިލީ އެރި ޓެކްސީގެ ދޮރުފަތް ލައްޕާލީ ދަރަކްގެ އަތުންނެވެ. އޭގެ ފަހުގައި އެނބުރި އެޕާޓްމެންޓަށް އައިގޮތަށް އޭނާ އެ އޮންނަނީ އެނދުގައެވެ.

"އަހަންނަށް އެނގޭ ލައިއަށް ވަގުތު ބޭނުންވާނެކަން. ލައިއާ ނުލާ ކޮންމެ ހިނދުކޮޅެއް ނިމުނެއްނެތް ގަރުނަކަށްވުރެ ދިގުވެގެންދާނެ. އެހެންވިޔަސް ކެތްކުރެވޭތޯ ބަލާނަން... މި ބޮޑު އެނދުގައި... އަހަރެންނާއެކު ލައި ނެތްކަމުގެ ފަޅުކަން މިހާރު ވެސް އިޙްސާސް ކުރެވެން ފަށައިފި. އަހަންނަށް ތި ނޭވާގެ އަޑެއް ނީވޭނެ. ތި ހަށިގަނޑުގެ ހޫނުކަން އިޙްސާސެއް ނުކުރެވޭނެ... ލައި... ޕްލީޒް... އަހަންނާ ދުރަށްނުދޭ. އަހަރެންގެ ކައިރިއަށް އާދޭ. އަހަންނަށް ފެންނަ ހިސާބުގައި ހުރެދީ... އަހަންނަށް އެނގޭ... އަހަރެންގެ ޟަމީރު ބުނަމުން އައީ... މިހެންވެދާނޭކަން." ދަރަކްގެ އަތްދަށުން ލޮލުގެ ކޮޅުން ކަރުނައިގެ ރޮގެއް ދެމިގަތެވެ.

5 އަހަރު ކުރީގެ ސަފްޙާތަށް މާޒީގެ ފޮތުން ދަރަކް ނިއުޅަންފެށިއެވެ. އެ ސަފްޙާތަކުގައި ރައްކާކުރެވިފައިވަނީ ހަމައެކަނި އޭނާގެ ވާހަކަތަކެވެ. އޭނާގެ ހަޔާތުގެ ހަޤީޤަތެވެ.

ދަރަކް އޮފީހުގައި މަސައްކަތުގައި އުޅެނިކޮށް އަފްރާހު އޭނާގެ ކައިރިއަށް އައެވެ. އަންހެން ކުދީން ކޮޅަކާއެކު ކޮފީއަކަށް އަރާން އޭނާއާއެކު ދަނޭ ފިރިހެން ކުދީންކޮޅެއް ބޭނުންވާކަން އަފްރާހު ބުންޏެވެ. އެކަހަލަ ކަންކަމަކީ ދަރަކް ޝައުގުވެރިވާ ކަންކަމެއްނޫނެވެ. އަފްރާހު ކައިވެނި ކުރިތާ ގިނަދުވަސްތަކެއްނުވާއިރު އޭނާގެ އަންހެނުން ވެސް އިނީ ބަލިވެއެވެ. އެހެންވިޔަސް ދެ ޖިންސުގެ ޒުވާނުން އެއްވެ މައްލަވަކުރާ ކޮފީތަކަށް އަރުމަކީ އަފްރާހުގެ އާދައެވެ.

"ކަމޯން ދަރަކް. ކައިގެ ބިޓެއް ވެސް ހުރީއެއްނޫން. މިއަދު އަންނަނީ އާކުދިންކޮޅެއް. ކައި ދާންވާނެ. އެތަނުން ރީތި ކުއްޖަކާ ދިމާވެދާނެއެއްނު."

ދަރަކް ދާން އެއްބަސްވީ އަފްރާހު ކިޔާވަރުންނެވެ. އަދި އެމީހުންނާއެކު އޮފީހުގައި މަސައްކަތް ކުރާ ނަޒާން ވެސް ދާން އެއްބަސްވީމައެވެ.

ރެސްޓޯރެންޓަށް އެރޭ ދަރަކްއާއި ނަޒާން ދިޔައީ އެކީގައެވެ. އެންމެންނަށްވުރެ ކުރީން އަފްރާހު އައިސް ހުއްޓެވެ. އެމީހުންނަސް އެހެން ފިރިހެން ގުރޫޕަކަށް އަފްރާހު ދަޢުވަތު ދީފައި އޮތްކަން ދަރަކްއަށް އެނގުނީ އެތަނަށް އައީމައެވެ. އަފްރާހު އިސްވެ ހުރެ ރެސްޓޯރެންޓަށް ވަނެވެ. ތިން މޭޒު ގުޅުވާލަ ދިނުމާއެކު އެމީހުންގެ ގުރޫޕު ތިބުމަށް ވެއިޓަރު ޖާގަ ތަނަވަސްކޮށްދިނެވެ. އަންހެންކުދީންގެ ގުރޫޕު އައީ އެމީހުން މޭޒުދޮށުގައި ތިބިތާ އިރުކޮޅެއް ފަހުންނެވެ. ހުރިހާ އަންހެން ކުދީންގެ ތެރެއިން އިސްކޮށް ހުރެ އެންމެ ފުރަތަމަ ވެސް ތަޢާރަފްވެލީ ސިޔާއެވެ. އެމީހުންގެ ތެރޭ ހުތުރު އެއްވެސް ކުއްޖެއް ނެތެވެ. ނަމަވެސް ހުރިހާ އަންހެންކުދީންގެ ތެރޭ ތަންކޮޅެއް ފަހަތުގައި ހުރި އަންހެންކުއްޖާއަށް ނަޒަރު ހުއްޓުމާއެކު ދަރަކްގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ދެވުނެވެ. ދެކޮނޑުގެ ތިރިއަށް ފޯރާ އެ އަންހެން ކުއްޖާގެ ފަން އިސްތަށިގަނޑު ލޭޔާސްކޮށް ކޮށާލާފައިވާއިރު މޫނުމައްޗަށް އިސްތަށިތައް ނުވެއްހެއްޓޭނެހެން ހުރީ ހައްޔަރުކޮށްލާފައެވެ. ގަޔަށް ދޫ ގަމީހަކާއި ފަޔަށް ހިފާފައި ހުރި ޖިންސާއެކު ކޮނޑުގައި އަތް ދަބަހެއް އޮތެވެ. އެހެން އަންހެންކުދީންނާ ޚިލާފަށް އޭނާގެ މޫނުމަތިން މޭކަޕްގެ އަސަރު ފެންނަލެއް ކުޑައެވެ. ދެއްކުންތެރިކަމެއްނުވާ ޤުދުރަތީ ރީތިކަމުގައި ދަރަކް އަޅައިގަތީއެވެ. މޭޒުގައި އިށީންނަން އައި ވަގުތު ދަރަކްއާ އެ އަންހެންކުއްޖާގެ ނަޒަރު ސީދާވެލިއެވެ. އެއާއެކު ނިކަން އަވަހަށް އޭނާ ނަޒަރު ވަކިކޮށްލައިފިއެވެ. އެ ހުރިހާއިރު ބަލަންކަން އިނދެވުނީ ދަރަކްއަށް ރެއަކާލީ ދެނެވެ. އެހެންވެ އަވަސްއަވަހަށް މޫނު އަނބުރާލީ އެހެން ދިމާއަކަށް ސަމާލުކަން ދެވޭތޯއެވެ.
"ދަރަކް ކީއްކުރަނީ ހުސްވަގުތު؟." ސިޔާ ސުވާލުކުރިއެވެ. އަންހެން ކުދީންގެ ތެރެއިން އެންމެ އަނގަގަދަވެގެން އުޅުނީ ސިޔާއެވެ. ޚާއްޞަކޮށް ދަރަކްއާ އޭނާ ވާހަކަދައްކާލެއް ގިނަކަން ޚުދު ދަރަކްއަށް ވެސް ފާހަގަވިއެވެ.

"ބޭރުގައި އުޅުމަށްވުރެ އަހަންނަށް ކަމުދަނީ ގޭތެރެ. ކެއްކުމާއި ފޮތްކިޔުމަށް އެންމެ ޝައުގު ހުންނަނީ." ސިޔާގެ ސުވާލުތަކަށް ދަރަކް ޖަވާބު ދިނެވެ.

"ދަރަކް ވަރަށް މީރުކޮށް ކައްކާނެ." ޖެހިގެން އިން ނަޒާން ބުންޏެވެ.

ވާހަކައިގައި ބައިވެރިވަމުން ދިޔައިރު ވެސް ދަރަކްގެ ސަމާލުކަން ދެވިފައިވީ ލައިލީގެ ނަމުން ސިޔާ ތަޢާރަފްކޮށްދިން އަންހެން ކުއްޖާއަށެވެ. އަފްރާހުގެ ކައިރީ ލައިލީ އިށީންނަން ޖެހުނީމަ އެކަމާ ދަރަކްއަށް އުނދަގޫވިއެވެ. އަފްރާހުގެ ގޮތް އެނގޭތީއެވެ. އަފްރާހު މާބޮޑަށް ގާތްކަން އުފައްދަން އުޅުމުން އެކަމާ ލައިލީއަށް ވެސް އުނދަގޫވެފައި އިންހެން ހީވުމާއެކު ދަރަކްއަށް މަޑަކުން ނީނދެވުނެވެ. އޭނާ ގޮނޑިން ތެދުވީ އަފްރާހު ހުއްޓުވާށެވެ. ނަމަވެސް ސިހުނީ އޭނާގެ އަތުގައި ސިޔާ ހިފުމުންނެވެ. އެމީހުން ތިބި މޭޒުގެ ކައިރީގައި ހުޅުވާފައި ހުރި ދޮރުން ރެސްޓޯރެންޓްގެ ބެލްކަނި ފެންނަން ހުއްޓެވެ. ސިޔާ އެދުނީ އޭނާއާއެކު އެތަނަށް ނުކުމެލުމަށެވެ. އެންމެންނާ އެކަހެރިވާން ޖެހޭތީ ކަންބޮޑުވެފައި ހުރެ ވެސް ސިޔާގެ އެދުމަށް ދަރަކް އައެވެ.

"ވިއްސާރަވާން ކަންނޭނގެ އެއުޅެނީ. ވަރަށް ފިނި ރެއެއް ދޯ." ސިޔާ އައިސް ބައްދާލީ ދަރަކްގެ އަތުގައެވެ. ހައިރާންކަމާއެކު ސިޔާއަށް ބަލާލަމުން ދަރަކް ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް ސިޔާ ހުރީ އަތުން ދޫކުރާ ކަހަލަ ގޮތަކަށްނޫނެވެ. އޭނާ ދަރަކްއަށް ބަލަން ހުރެ ވާހަކަދައްކަން ފެށިއެވެ.

"ދެން ކޮންއިރަކުން ބައްދަލުވާނީ. މީ ދަރަކްއާ ވާހަކަދައްކާލަން ލިބޭ އެންމެ ފަހު ފަހަރަށްވާކަށް އަހަރެން ނޭދެން... ދަރަކް އެއްޗެކޭ ބުނެބާ. އަޑު އަހަންތަ ތިހުރީ."

ސިޔާގެ ވާހަކައަށް ޖަވާބެއް ދެވޭވަރަށްވުރެ ދަރަކްގެ ޚިޔާލުތަކުގައިވީ އަފްރާހާއި ލައިލީއެވެ. އެ އަންހެންކުއްޖާއަށް އަފްރާހުގެ ސަބަބުން ކުރިމަތިވެދާނޭ ކަމަކާމެދު ދަރަކްއަށް މާބޮޑަށް ވިސްނެއެވެ. އެކަމަކު އޭނާއަށް ލައިލީގެ ގޮތް އެނގެނީއެއް ވެސް ނޫނެވެ. އެ އަންހެންކުއްޖާ ދުށީ މުޅިން އަލަށެވެ. އަނެއްކޮޅުން ދަރަކްއާ ނަޒަރު ސީދާވީ ހިނދު އޭނާ ވަގުތުން ނަޒަރު ވަކިކޮށްލީއެވެ. ވީއިރު އޭނާ ޝައުގުވެރިވެދާނޭކަމެއް ޔަގީނެއްނޫނެވެ. އެހެންވިޔަސް ދަރަކްގެ ހިތް އެރޭގެ ފުރަތަމަ ބައްދަލުވުމުން ލައިލީ ޚިޔާރުކޮށްފިއެވެ. ސިޔާގެ އަތުގެ ތެރެއިން ދަރަކް އަތް ދަމައިގަތުމާއެކު މަޢާފަށް އެދި ވާހަކަދައްކަން ފެށިއެވެ.

"އަހަރެން... އަހަރެން ލައިކްވާ ކުއްޖަކު އެބަހުރި. ސޮރީ ވަރަށް ބޮޑަށް. ދެން ބައްދަލުވާނޭކަމެއް ނޭނގެ ބުނާކަށް." ދަރަކް ބުންޏެވެ. އަދި ހަލުވިކޮށް އެނބުރި ރެސްޓޯރެންޓުގެ ތެރެއަށް ވަދެއްޖެއެވެ.

މޭޒުދޮށުން އަފްރާހު ނުފެނުންތަނުގައި ލައިލީއެއް ވެސް ދަރަކްއަށް ނުފެނުނެވެ. ހާސްވެފައި އަވަހަށް އެމީހުންގެ ކައިރީ އިން އަންހެންކުއްޖާއާ ދަރަކްއަށް ސުވާލުކޮށްލެވުނެވެ. ލައިލީ ދިޔައީ ފާޚާނާއަށްކަން އޭނާ ބުނުމުން އަފްރާހު ހުންނާނީ ކޮންތާކުކަން ލަފާކޮށްލަން ދަރަކްއަށް ދައްޗެއްނުވިއެވެ. މޭޒުދޮށުގައި އިށީނުމުގެ ބަދަލުގައި ދަރަކް އައީ ރެސްޓޯރެންޓުގު ފާޚާނާ ކައިރިއަށެވެ. އޭނާ ހީކުރި ފަދައިން ފޯނު އަތަށް ލައިގެން އަފްރާހު ހުރީ ފާޚާނާ ދޮށުގައެވެ. ލައިލީ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައިކަން ޔަގީނެވެ.

"މިތާ ކީއްކުރަން ތިހުރީ." ހުރިހާކަމެއް އެނގިހުރެ ވެސް ދަރަކް ސުވާލުކުރިއެވެ.

"އިންތިޒާރުގައި... އަހަރެންގެ އުފާވެރިކަމަށް ހުރަސްއަޅަން ނޫޅޭ. ދަރަކް މިތާ ހުރިއްޔާ ކަޑަވާނެ." އަފްރާހު ބުންޏެވެ.

"އެ ކީއްވެ ކަޑަވާންވީ." ދަރަކް ބުންޏެވެ.

"ލައިލީ ނުކުންނަންދެން މިހުރީ. އޭނާ ސެޓުކުރުމުގެ ވިސްނުމުގައި. ކަލޭ ހުއްޓާ މަށަކަށް މަގޭ ގޭމެއް ނުޖެއްސޭނެދޯ." އަފްރާހު ބުނެލިއެވެ.

"ލައިލީއަށް ގޮތެއް ހަދައިފިއްޔާ އަހަރެން ނުހުންނާނަން... އަފްރާ އަންހެނުންނާ ހަމައަށް މިވާހަކަތައް ގެންދާނަން." ކުއްލިއަކަށް ދަރަކް ބުނެލީ ނިކަން ހިތްހަމަނުޖެހިފައެވެ.

"އެޔޯ... އަދި ތިހިސާބަށް ދާކަށް ނުވެއެއްނު. އޯ... އަނެއްކާ ދަރަކް ހިތްކީތަ އެމަންޖެއަށް. ފުރަތަމަ ނަޒަރުން ލޯބިވެވުނީތަ؟." އަފްރާހު ބުންޏެވެ.

"އެހެނެއްނޫން... އަންހެން ކުދީންނަށް އޮޅުވާލައިގެން އެމީހުންގެ ހިތާ ކުޅުމަކީ އަހަރެން ތަރުހީބުދޭކަމެއްނޫން." ދަރަކްއަށް ލައިލީ ކަމުދިޔަކަން އެކުވެރިޔާގެ ކުރިމަތީ ހާމަކުރާން ބޭނުންނުވީއެވެ. ފުރަތަމަ ނަޒަރުން މީހަކާމެދު ގަޔާވެވިދާނެކަމަށް ދަރަކް މީގެ ކުރީން ޤަބޫލެއް ވެސް ނުކުރެއެވެ.

"ދެ ޕާޓީ ވެސް ރުހިގެން ކުރިޔަށްދާނަމަ އެކަމުގައި އޮޅުވާލުމެއްނުވޭ. މުހިންމީ ރުހުން." އަފްރާހު ބުނެލިއެވެ.

ލައިލީ ފާޚާނާއިން ނުކުތީ އެވަގުތެވެ. އޭނާ އަފްރާހާއި ދަރަކްއަށް އެއްފަހަރާ ބަލާލިއެވެ. ދަރަކްގެ ސަބަބުން އަފްރާހު ބޭނުންވީ ފުރުޞަތެއް ނުލިބުނެވެ. މާގިނައިރަކު ލައިލީ މަޑެއް ވެސް ނުކުރިއެވެ. އެންމެންނަށްވުރެ ކުރީން އޭނާ ގެއަށްދާން ޖެހޭކަން ބުނެ ރެސްޓޯރެންޓުން ނުކުތީއެވެ. ލައިލީއާ ބައްދަލުނުވެދާނޭތީ ހާސްވީވަރުން ދަރަކްއަށް ނީނދެވުނެވެ. އޭނާ ވެސް ރެސްޓޯރެންޓުން ނުކުތީއެވެ. އޭރު ފޯނު ހިފަހައްޓާލައިގެން ލައިލީ އެއްފަރާތުގައި ހުއްޓެވެ. ޓެކްސީއެއް ހޯދަނީއޭ ހީވެ ދަރަކް އައިސް ލައިލީ ކައިރީ މަޑުކޮށްލިއެވެ. އަދި އެ ގޯޅިއަށް ޓެކްސީއެއް ނުވަންނާނޭކަން ދަރަކް ބުނެލީ ލައިލީއާ ވާހަކައެއް ފެށުމުގެ ގޮތުންނެވެ. ލައިލީ ހިނގައިގަތުމުން އޭނާގެ ފަހަތުން ގޮސް ދަރަކް އެއްވަރު ކުރިއެވެ. އޭނާއާއެކު މައި މަގަށް ދަރަކް ނުކުތީ ޓެކްސީ އަންނަންދެން އެވަގުތުކޮޅުގެ ބޭނުން ހިފުމުގެ ގަސްދުގައެވެ.

"ލައިލީ ތީ ވަރަށް ބަސްމަދު ކުއްޖެއްތަ؟." ދަރަކް އަހާލިއެވެ.

"އެހެނެއްނޫން. އަހަރެން ދަންނަ އެކަކުވެސް ނެތީމަ. މުޅީން އަލަށް ބަޔަކާ ދިމާވީމަ ކުޑަކޮށް ނާވަސްވެފައި އިނީ." ލައިލީ ބުންޏެވެ.

"އަހަރެން ހީކުރީ އަހަރެން ބަލަން އިންގޮތް ކަމުނުގޮސްގެން ކަމަށް އެހާ އަވަހަށް މޫނު އަނބުރާލީ." ދަރަކް ބުންޏެވެ.

"އެހެންވެގެންނެއްނޫން. ސޮރީ... އެހާ ފޮނި މީހެއްނޫން އަހަންނަނީ. އެންމެންގެ ތެރޭ ތީ ވަރަށް މަޤުބޫލު މީހެއްކަން އެނގުނު. އެންމެން ދަރަކްއާ ވާހަކަދެއްކިއިރު އަހަރެން އިނީ އަސްލު ނުކެރިފަ ބަލާލަން ވެސް." ލައިލީ ބުންޏެވެ.

"އަހަރެން ވެސް އަލަށް މިރޭ އެންމެންނާ ދިމާވީ. މިކަހަލަ ކޮފީތަކަށް ލައިލީ އާންމުކޮށް އަންނަންތަ؟." ދަރަކް އަހާލިއެވެ. އޭނާއަށް އަފްރާހު މިހެން ބާއްވާ ކޮފީތަކަކީ ރަނގަޅު ނިޔަތެއްގައި އެއްވާ އެއްވުންތަކެއް ނޫންކަން އެނގެއެވެ. އެކަހަލަ ކޮފީތަކުގައި ބައިވެރިވާން ދަރަކް ދެކޮޅު ހަދާ ސަބަބަކީ އެޔެވެ.

"ނާންނަން. މިރޭ ކުއްލިއަކަށް އެކުވެރިޔަކު ގުޅާފައި އެދުނީ. އަންހެންކުއްޖަކު މަދުވާތީ ގުރޫޕު ހަމަކޮށްދޭން އެދުނީމާ އައިސް ދިނީ... އަންހެން ކުދީންގެ މެދުގައި ދަރަކް ވަރަށް ކާމިޔާބު މީހެން ހީވޭ." ލައިލީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އެ ދާއިރާގައި ތި ހީކުރާހާ ކާމިޔާބެއްނޫން. އަހަރެންގެ ގޮތް އެނގުނީމާ އަންހެން ކުދީން ޚިޔާލު ބަދަލުވޭ. އެހާ ޝައުގުވެރި މީހަކަށް ނުވަނީ ކަންނޭނގެ." ދަރަކް ވެސް މިފަހަރު ބުނެލީ ހެވިލާފައެވެ.

"ސީރިއަސްލީ." ޤަބޫލުނުކުރެވެޔޭ ބުނާފަދަ އަސަރަކާއެކީ ލައިލީ ބުންޏެވެ.

"ސީރިއަސްލީ... ބައި ދަ ވޭ. ފިރިހެނުންނަށް ލައިލީ ވަރަށް ސަމާލުވާން ޖެހޭނެ. ގުޅާލައިގެން ހައްލާލެވޭތޯ އުޅޭނެ ފިރިހެނުން. މީހާގެ ގޮތް ނޭނގި އެހާ ގާތްވާކަށް ނުވާނެ." ދަރަކް ބުންޏެވެ.

"މިސާލަކަށް އަފްރާހު ކަހަލަ ފިރިހެނުންތަ؟." ލައިލީގެ އަޑުގައިވީ ސަމާސާގެ ރާގެވެ. ދަރަކްގެ ތުންފަތް ދެމިލިއެވެ. ލައިލީގެ ވިސްނުންތޫނުކަން އޭނާއަށް ފާހަގަވިއެވެ.

"އާން. މިސާލަކަށް އަފްރާހު ކަހަލަ." ދަރަކް މިހެން ބުނުމުން ލައިލީ ހީނލިއެވެ. އެ ހުނުމުގައި ދަރަކް ބައިވެރިވިއެވެ.

ވާހަކައިގައި ތިއްބާ ޓެކްސީ އައިސް މަޑުކޮށްލައިފިއެވެ. ލައިލީ ދަނީކަން ބުނެ ޓެކްސީއަށް އަރަން އައެވެ. ފަޓުލޫނުގެ އަރުމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ދަރަކް ބަލަން ހުއްޓެވެ. މާޔޫސްވެފައެވެ. ލައިލީ ޓެކްސީގެ ދޮރު ހުޅުވާލުމާއެކު ދަރަކްގެ ކެތްތެރިކަން ގެއްލުނު ފަދައިން ނިކަން އަވަހަށް ލައިލީއަށް ގޮވާލައިފިއެވެ. އަދި ކައިރިއަށް އައިސް ޓެކްސީގެ ދޮރުފަތުގައި ހިފަހައްޓާލަމުން ލައިލީއާ ކުރިމަތިލިއެވެ.

"މާގިނަ ވާހަކަތަކެއް ދައްކާނޭ ފުރުޞަތެއް ނުލިބުނު. އެކަމަކު ލައިލީއާ އަދިވެސް ވާހަކަދައްކާލާނޭ ފުރުޞަތެއް ލިބޭނެނަމައޭ ހިތަށް އަރަނީ. އަދި ފެންނާނެތަ؟. ވަރަށް ބޭނުން އަދި ބައްދަލުވާން." ދަރަކް ބުންޏެވެ. އެހިނދު ލައިލީގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"އަހަރެން ވެސް... އަދި ދިމާވާނެ." ލައިލީ މިހެންބުނެ ޓެކްސީއަށް އެރީއެވެ. ދަރަކް ނުހަނު ބަލައިގެން ޓެކްސީގެ ދޮރުފަތް ލައްޕާލިއެވެ. އަދި ޓެކްސީ ދުއްވާލަންދެން މަޑުކުރިއެވެ.

އެރެއިން ފެށިގެން ދަރަކްއަށް ލައިލީ ޚާއްޞަ ވެއްޖެއެވެ. އެކުގައިވާން އެދެވުނެވެ. ދެން ބައްދަލުވާނޭ އިރަކަށް ވަގުތު ގުނަން ފެށުނެވެ. އަބަދު ފެންނަ ހިސާބުގައި ބެހެއްޓޭނެނަމައޭ ދަރަކްގެ ހިތަށް އަރަންފެށިއެވެ. ފުރަތަމަ ނަޒަރުންވެވޭ ލޯތްބަކީ މީބާއޭ ދަރަކްގެ ހިތާ ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)