އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރެވޭކަށް ނެތް: އީސީ

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ނުވަތަ ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށި ނަމަވެސް މިވަގުތު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓު ލާން ބޭނުން ކުރެވޭނީ 4 ވައްތަރެއްގެ ޑޮކިއުމެންޓް އެވެ.

"މިހާރު ވޯޓުލާން ބޭނުން ކުރެވޭނީ އައިޑީ ކާޑު، ލައިސެންސް ކާޑު، ޕާސްޕޯޓްގެ އިތުރުން ޕާސްޕޯޓް ކާޑު. މިތަނުން މުއްދަތު ހަމަނުވާ ކޮންމެ ޑޮކިއުމެންޓެއް ބޭނުންކޮށްގެންވެސް ވޯޓު ލެވޭނެ،" ހަބީބު ވިދާޅުވި އެވެ.

ވޯޓު ލާން ދާއިރު މުއްދަތު ހަމަ ނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ރަސްމީ ޑޮކިއުމެންޓެއް ބޭނުންވެ އެވެ. އަދި އެ ޑޮކިއުމެންޓް ޗެކްކޮށް ވޯޓު ކަރުދާސް ހަވާލު ކުރަނީ ވޯޓުލާ މަރުކަޒުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ޕޯސްޓަކުންނެވެ.

ވޯޓު ކަރުދާސް ދޫކުރާ ޕޯސްޓުން ރަސްމީ ޑޮކިއުމެންޓް ބޭނުން ވިޔަސް ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ވަންނަ ބޫތުގައި އޭގެ ބޭނުމެއް ކުރާކަށް ނުޖެހެ އެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމަކީ މަނާ ކަމެކެވެ.

ހަބީބް ވިދާޅުވީ ވޯޓު ކަރުދާސް ދޫކުރާ ޕޯސްޓަށްވެސް ފޯނު ނުވެއްދޭނެ ކަމަށެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްފި ނަމަ ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ލެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭ ގޮތަށް ގާނޫނު އޮތް ނަމަވެސް ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެ ރީރެޖިސްޓްރޭޝަން މަރުހަލާގައި ރައްޔިތުންނަށް ފަސޭހަ ވާނެތީ އެކަމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރާ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބަށް 600 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތެއްވާނަމަ އެކަމެއް ނިންމުމަށްފަހު ކުރިއަށް އޮތް އޭޕްރީލް 25 ވަނަ ދުވަހު އިންތިހާބާ ގުޅޭ މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށްވެސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "މަގޭ ވިސްނުން - މަގޭ ވޯޓު" އެވެ.