ބޭންކް އޮފް މޯލްޑިވްސް

ކޮމިއުނިޓީ ފަންޑުން ހިންގި ތިން ޕްރޮޖެކްޓެއް ނިންމާލައިފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ތިން ރަށެއްގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ވަނީ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށްފަ އެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ މަސްކަނޑާތަނެކެވެ.

މިތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.

މިތަނުގައިވަނީ ހަޓެއް ހަދައި ލަކުޑި ބެންޗްތައް ބަހައްޓާފައެވެ. މިއީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެެވެ.

އޭގެ އިތުރުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުންވަނީ ޓީވީ ބަހައްޓާފަ އެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފަ އެވެ.