ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ދެ ފޯވަޑުންނެވެ. މި ދެ ކުޅުންތެރިން ގޯލު ޖަހާ އަދަދަށް ގާތްކުރާ ވަރަށް ވެސް އެހެން ކުޅުންތެރިންނަސް ގޯލެއް ނުޖެހެ އެވެ.
ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަނާއި ވާދަވެރި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ޖަހާފައިވާ ގޯލުގެ އަދަދު ރޭ ވަނީ 1000 އަށް އަރައިފަ އެވެ. ކުޅިވަރުގެ ބޮޑެތި ސުރުހީތަކުގައި ރެއާ ހަމައަށް އޮތީ ދެ ކުޅުންތެރިންގެ ލަނޑުތަކުގެ ތެރެއިން 1000 ވަނަ ލަނޑު ޖަހާނީ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟
ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަޔޮނަލް މެސީ ޖެހި ގޯލަކީ މި ދެ ކުޅުންތެރިން ޖެހި ލަނޑުގެ އަދަދު 1000 އަރާ ހަމަވި ލަނޑެވެ. މެސީ އަކީ ބާސެލޯނާ ތާރީހުގައި ވެސް އެކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ރެއާލް މެޑްރިޑުގައި މި ރެކޯޑް އޮތީ ރޮނާލްޑޯ އަށެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ މިހާތަނަށް ޖަހާފައިވަނީ 482 ގޯލެވެ. އެއީ ޖުމުލަ 612 މެޗުންނެވެ. މީގެ ތެރެއިން ޕެނަލްޓީން ޖަހާފައިވަނީ 61 ގޯލެވެ. ޕްރީކިކުން 23 ގޯލު ޖަހާފައިވާއިރު 36 ފަހަރު ހެޓްރިކް ހަދާފައިވެ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ ހޯދާފައިވަނީ ތިން ފަހަރު އެވެ. އޭނާ މިހާތަނަށް ޖަހާފައިވަނީ 518 ގޯލެވެ. އެއީ 650 މެޗުންނެވެ. ޕެނަލްޓީތަކުން ރޮނާލްޑޯ 84 ގޯލު ޖަހާފައިވާއިރު ފްރީކިކުން ޖަހާފައިވަނީ 46 ގޯލެވެ. ހެޓްރިކް ހަދާފައިވަނީ 38 ފަހަރު އެވެ.