ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ގާނޫނާ ހިލާފަށް ބިނާކޮށް -- އަދި ބޭނުންކުރަން ނުފަށާ ހުރި އިމާރާތްތަކާ މެދު ގޮތެއް ނިންމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަސްކުރައްވައިފި އެވެ.
ޚަބަރުތައް ބުނާ ގޮތުން މި އިމާރާތްތަކާ މެދު ގޮތެއް ނިންމުން އޮންނާނީ ރޯދަ މަހަށް ފަހު އެވެ.
ނަތަންޔާހޫގެ މި ނިންމެވުމަކީ -- ޚަބަރުތައް ބުނާ ގޮތުން -- ކުރިމަތިވެވަޑައިގެންފައި ހުރި ޕްރެޝަރުތައް ލުއިކުރެއްވުމަށް ސިޔާސީ ގޮތުން ކުރެއްވި އިޚުތިޔާރެކެވެ. އަނެއްކޮޅުން އިޒްރޭލާއި އެމެރިކާއާ ދެމެދުގައި ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން މިއީ އިޒްރޭލަށް ބިނާކުރެވިގެން ވާނެ އިމާރާތްތަކެއް ނޫނެވެ.
ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަށް ގެދޮރުއެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތައް މަނާކުރާ ކަމެކެވެ. މިއީ އިޒްރޭލުގެ ގާނޫނުތައް ވެސް ހުއްދަކުރާ ކަމެއް ނޫނެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ޔަހޫދީންނަށް ގެދޮރު އަޅައިދެއްވާނަމަ އޮންނަ ވަކި އުސޫލުތަކަކުން ހުއްދަ ހޯދަން ޖެހެ އެވެ.
އިޒްރޭލުގެ ޖުޑިޝަރީއަށް ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރަށް ޕްރެޝަރު ކުރުމަކީ ވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ނަތަންޔާހޫއަށް އޮތް ބިރެކެވެ.
މިވަގުތާ ދިމާކޮށް ޔަހޫދީންނަށް ގެދޮރު ދޫކުރަން ހަދައިގެން ފަލަސްތީންގެ ތެރެއިން ވެސް އިޒްރޭލަށް އޮބިނޯންނަ ވަރަށް ރޮކެޓް ވެހުމަކީ ވެސް ބޮޑުވަޒީރަށް އޮތް ނުތަނަވަސް ކަމެކެވެ.
އިޒްރޭލުން ފޭރިގެންފައި ހުރި ފަލަސްތީންގެ ބިންތަކުގައި މިހާރު ވެސް ޔަހޫދީން ދިރިއުޅެ އެވެ. ވިޔަފާރި މަރުކަޒުތަކާއި ޔަހޫދީންނަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތައް ވެސް ފަލަސްތީންގެ ބިންތަކުގައި އިޒްރޭލުން ވަނީ ގާއިމުކޮށްފަ އެވެ.