މިނިސްޓްރީ އޮފް ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 417،070 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު 172,499 ފަތުރުވެރިން އަދި ފެބްރުއަރީ މަހު 177,914 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް 66,657 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 25.6 ޕަސަންޓް ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިޔާ - 52,291 ފަތުރުވެރިން
  • އިންޑިއާ - 45,438 ފަތުރުވެރިން
  • އިނގިރޭސިވިލާތު - 39,089 ފަތުރުވެރިން
  • އިޓަލީ - 37,394 ފަތުރުވެރިން
  • ޖަރުމަނު - 27,955 ފަތުރުވެރިން
  • ފްރާންސް - 18،754 ފަތުރުވެރިން
  • އެމެރިކާ - 16،846 ފަތުރުވެރިން
  • ޗައިނާ - 12،489 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 9،823 ފަތުރުވެރިން
  • ޕޮލޭންޑް - 7،697 ފަތުރުވެރިން

ކޮވިޑް-19އާ ގުޅިގެން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް ފެށީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. ޗައިނާއަކީ ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ގައުމެވެ.

ފަތުރުވެރިކަމަށް މިހާރު 168 ރިސޯޓާއި 891 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އަދި 13 ހޮޓާ ހިންގަމުންދާއިރު މި ތަންތަނުގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދަކީ 60،236 އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެވަރެޖްކޮށް މިހާރު ދުވާލަކު 6،060 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.