ހުނަރުވެރި ފޯވާޑް މުހައްމަދު އިލާމް އިމްރާން ހަ މެޗުގައި ޖެހި 38 ގޯލާ އެކު އެފްއޭއެމް 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ކަލާފާނު ސްކޫލާ ވާދަކޮށް އިސްކަންދަރު މޮޅުވީ 1-7 އިންނެވެ.
ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމު ކޮޅަށް ގޯލެއް ވަނީ ހަމައެކަނި ފައިނަލް މެޗުގަ އެވެ. ޖުމްލަ 86 ގޯލު އިސްކަންދަރުން ވަނީ މުބާރާތުގައި ޖަހައިފަ އެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދިއިރު އެންމެ ވިދާލީ 13 އަހަރުގެ ފޯވާޑް އިލާން އެވެ. މުޅި މުބާރާތުގައި އިލާން ވަނީ 10 ހެޓްރިކް ހަދައިފަ އެވެ. 38 ގޯލުގެ ތެރެއިން އިލާން ވަނީ އަމީނިއްޔާ ސްކޫލް ކޮޅަށް 13 ގޯލު ޖަހައިފަ އެވެ. ބިލަބޮން މެޗުގައި އަށް ގޯލު ޖެހިއިރު ގިޔާސުއްދީން މެޗުގައި ހަތަރު ގޯލު ޖެހި އެވެ. އަދި، ރެހެންދި ސްކޫލް ކޮޅަށް ހަ ގޯލު ޖެހިއިރު އިމާދުއްދީން ކޮޅަށް ދެ ގޯލު ޖެހި އެވެ.
ރޭގެ ފައިނަލުގައި އިލާން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އިލާންގެ އިތުރުން އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ލާމިހު އިމްތިޔާޒް އާއި ކާއިން އަބްދުލް ފާއިޒް އެވެ. ކަލާފާނުގެ ހަމައެކަނި ގޯލަކީ ލިބުނު ޕެނަލްޓީއަކުން އަހުމަދު އަފްނާން އަލީ ޖެހި ގޯލެކެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިލާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އިމާދުއްދީން ސްކޫލެވެ.
އިލާން މުބާރާތުގައި ވިދާލިއިރު އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ވެލެންސިއާ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގައި ވެލެންސިއާ އަށް ކުޅުނު އަށް މެޗުގައި އިލާން 35 ގޯލު ޖެހި އެވެ.
އިލާން ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިދިޔަ އަހަރު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.