އެމެރިކާގައި ވަރަށް ތަފާތު ވައްތަރެއްގެ ރެސްޓޯރަންޓްތަކެއް ވަރަށް ބޮޑަށް މަޝްހޫރުވެއްޖެ އެވެ.
މިއީ "ހާޓް އެޓޭކް ގްރިލް" ކިޔާ ރެސްޓޯރަންޓް ޗެއިން އެކެވެ. މި ރެސްޓޯރަންޓްގެ ނަމާ އެއްގޮތަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ ސްޓައިލް ވެސް ތަފާތެވެ.
މި ރެސްޓޯރަންޓް ތައްޔާރުކޮށްފައިވަނީ ހޮސްޕިޓަލް ތީމް އަށެވެ. ވެއިޓަރުން ތިބެނީ ނަރުހުން ގޮތަކަށް ޔުނިފޯމް އަޅައިގެންނެވެ. އަދި ޝެފްސް ތިބެނީ ޑޮކްޓަރު ކޯޓުގަ އެވެ. އަދި މި ރެސްޓޯރަންޓަށް ވަދެވޭނީ ބަލި މީހުން އަޅާ ކަހަލަ ގައުނެއް ލައިގެންނެވެ.
މި ރެސްޓޯރަންޓްގެ މެނޫން ވެސް އާދައިގެ ރެސްޓޯރަންޓް ތަކުން ފެންނަ ކަހަލަ ނަންތަކެއް ނުފެންނާނެ އެވެ.
މިތަނުގައި ހުންނަނީ "ކޮޑްރިޕްލް ބައިޕާސް ބާގާ" އާއި "ފްލެޓްލައިން ފްރައިޒް" ފަދަ އެއްޗިއްސެވެ. އަދި މި ރެސްޓޯރަންޓަށް އަންނަ ކަސްޓަމަރުންގެ ތެރެއިން 158 ކިލޯ އަށް ވުރެ ބަރު މީހުންނަށް މުޅިން ހިލޭ މިތަނުން ކާން ލިބެ އެވެ.
ކެލޮރީ ވަރަށް ގިނައިން އެކުލެވޭ ކާނާތައް މި ރެސްޓޯރަންޓުން ލިބެން ހުންނައިރު ތަނުގެ ނަމާ އެއްގޮތަށް ކާ އެއްޗެތީގައި ވެސް ސިއްހަތަށް ނުރައްކާ ވާވަރަށް ކެލޮރީޒް ހުރުމުން ބައެއް މީހުން މިތަނަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.
"ހާޓް އެޓޭކް ގްރިލް" ރެސްޓޯރަންޓް އާ މެދު ހިތްހަމަނުޖެހޭ މީހުން ބުނަނީ ސިއްހަތަށް ގެއްލުންހުރި ކާނާ މި ރެސްޓޯރަންޓުން ޕްރޮމޯޓްކުރާ ކަމަށެވެ. އަދި ހަށިގަނޑަށް ގެއްލުންވާ ވަރަށް ކާން މިތަނުން ކަސްޓަމަރުންނަށް ހިތްވަރުދޭ ކަމަށެވެ.
މި ރެސްޓޯރަންޓް ޗެއިންގެ ފުރަތަމަ ރެސްޓޯރަންޓް ހުޅުވީ 2005ގެ ޑިސެމްބަރު މަހު އެވެ. މިތަނުގެ ވެރިއަކީ ފިޒީޝަނެއް ކަމަށްވާ ޑރ. ޖޮން އެވެ. ނަމަވެސް އެމެރިކަން މެޑިކަލް އެސޯސިއޭޝަން އަކަށް ޑރ. ޖޮން އަކީ ކާކުކަމެއް ނޭނގެ އެވެ. އެ ފަރާތުން ލައިސަންސް ދީފައިވާ މީހުންގެ ތެރޭގައި މި ޑރ. ޖޮން ނުހިމެނެ އެވެ.
ކުރިން އެމެރިކާ މީހުންނަކަށް ޑރ. ޖޮން އެއް ނޭނގެ އެވެ. ނަމަވެސް މި ރެސްޓޯރަންޓް ހުޅުވި ފަހުން ގިނަ ބަޔަކު އޭނާ ދަނެ އެވެ. އަދި އޭނާއަށް ވަރަށް ފާޑު ކިޔަ އެވެ. އަދި އެމެރިކާގެ އެކި ގްރޫޕްތަކުންނާއި އެކްޓިވިސްޓުން ވެސް ޑރ. ޖޮންއާ ދެކޮޅަށް އިހުތިޖާޖު ކުރި އެވެ. ނަމަވެސް އަދިވެސް އޭނާގެ ރެސްޓޯރަންޓްތައް ބަންދެއް ނުކުރެ އެވެ.