( 12 މާރިޗު 2023 އާ ގުޅޭ )
"އަހަރެން ވެސް... އަދި ދިމާވާނެ." ލައިލީ މިހެންބުނެ ޓެކްސީއަށް އެރީއެވެ. ދަރަކް ނުހަނު ބަލައިގެން ޓެކްސީގެ ދޮރުފަތް ލައްޕާލިއެވެ. އަދި ޓެކްސީ ދުއްވާލަންދެން މަޑުކުރިއެވެ.
އެރެއިން ފެށިގެން ދަރަކްއަށް ލައިލީ ޚާއްޞަ ވެއްޖެއެވެ. އެކުގައިވާން އެދެވުނެވެ. ދެން ބައްދަލުވާނޭ އިރަކަށް ވަގުތު ގުނަން ފެށުނެވެ. އަބަދު ފެންނަ ހިސާބުގައި ބެހެއްޓޭނެނަމައޭ ދަރަކްގެ ހިތަށް އަރަންފެށިއެވެ. ފުރަތަމަ ނަޒަރުންވެވޭ ލޯތްބަކީ މީބާއޭ ދަރަކްގެ ހިތާ ސުވާލުކޮށްލެވުނެވެ.
ޖެހިގެން އައި ދުވަހު އޮފީހަށް އައިސް ދަރަކްއަށް އިނދެވުނީ ލައިލީގެ ޚިޔާލުގައެވެ. އޭނާ އެންމެ ދެރަވީ ރޭގައި ލައިލީއާ ވަކިވީއިރު ފޯނު ނަންބަރު އަހާނުލެވުނީމައެވެ. ދަރަކްގެ މާޔޫސީކަން ފާހަގަވެ މެންދުރުގެ ކެއުމަށް ނަޒާން އޭނާއަށް ދަޢުވަތު ދިނެވެ. ދެ ޒުވާނުން ކާން ތިބިއިރު ރޭގައި ދިޔަ ކޮފީގެ ވާހަކަ ނަޒާން ފެށުމާއެކު ދަރަކްގެ ސަމާލުކަން އެ ވާހަކައަށް ދެވުނެވެ. ރޭ ކޮފީއަށް އައި އަންހެން ކުދީންގެ ތެރެއިން ކުއްޖަކަށް ނަޒާންގެ ޝައުގުވެރިކަން ދެވުނީތީ އެ ވާހަކަ އޭނާ ދެއްކިއެވެ. ދަރަކް ވިސްނާލާފައި ފުރުޞަތުގެ ބޭނުން ހިފިއެވެ.
"ރޭގައި ކޮފީއަށް ދިޔަ އެންމެންގެ މެދުގައި ގުރޫޕެއް ހަދަންވީނު." ދަރަކް ޚިޔާލު ފާޅުކުރިއެވެ.
"ތީ ސަޅި އައިޑިއާއެއް. އަފްރާއަށް ތިކަންވާނީ. އަހަރެމެން އެންމެންގެ މެދުގައި ކަމެއް ރާވާލަންވިޔަސް އޭރުން ފަސޭހަވާނެ. އަހަރެން ވެސް މި ހުންނަނީ މުނާއާ މީޓުކޮށްލެވޭނެނަމައޭ ހިތަށް އަރާފައި." ނަޒާން ބުންޏެވެ.
ނަޒާންއާއި އަފްރާހު ގުޅިގެން ގުރޫޕެއް ހަދައި ރޭގައި ކޮފީގައި ބައިވެރިވި އެންމެން އެ ގުރޫޕަށް ލައިފިއެވެ. މީހެއްކައިރީ ލައިލީގެ ނަންބަރު ހޯދަން ނުބުނެ ދަރަކްއަށް ލައިލީއާ ގުޅޭނޭ ގޮތްވިއެވެ. ގުރޫޕު ހެދުމާއެކު އެންމެންގެ ތެރޭގައި ބާބެކިއުއެއް ބޭއްވުމާމެދު މަޝްވަރާކުރެވި ހަމަޖެހުނެވެ. ހަފްތާ ބަންދާ ދިމާކޮށް ބާއްވަން ހަމަޖެހުނު ބާބެކިއުގެ ކުރީން ލައިލީއާއެކު ކޮފީއަކަށް ދާން ދަރަކް އެދުނެވެ. އެ ދަޢުވަތު ލައިލީ ޤަބޫލުކުރި ނަމަވެސް އެ ދުވަހު މާގިނައިރަކު ލައިލީއަށް އިނދެވޭގޮތެއް ނުވިއެވެ. އޭނާގެ މާމަ ހޮސްޕިޓަލުގައި ބާއްވާފައި އޮތީމައެވެ. އެހެންވިޔަސް ދަރަކް ހުރީ ލައިލީ އައީތީ އުފަލުންނެވެ. އަދި އެންމެންގެ މެދުގައި ހަމަޖެހިފައި އޮތް ބާބެކިއުއިން ލައިލީ ފެންނާނޭކަން ޔަގީންކޮށްގެންނެވެ.
ރޭގަނޑުގެ ވަގުތެވެ. ބޭބެއާ ދެމީހުން އިނގިރޭސި ފިލްމެއް ބަލަން ތިބެފައި ދަރަކް ތެދުވީ ކޮޓަރިއަށް ދާށެވެ. އޭނާ ނިދިއައީއެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ހަމަޖެހިލި ހިނދު ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެނދުއަރިމަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ދަރަކް ނެގިއިރު ސިޔާގެ މެސެޖެކެވެ. ލައިލީއާއެކު ކޮފީއަކަށް ކުރީން ދުވަހު އެރީތީ ސިޔާއަކީ ލައިލީގެ ސުކޫލު ދުވަސްވަރުން ފެށިގެން ގާތް ރަޙުމަތްތެރިއެއްކަން ދަރަކްއަށް އޮތީ އޮޅުން ފިލާފައެވެ. އަފްރާހު ބޭއްވި ކޮފީގައި ބައިވެރިވާން ލައިލީއަށް ޖެހުނީ ވެސް ސިޔާގެ ސަބަބުންކަން އޭނާ ދަރަކްއަށް އޮތީ ކިޔާދީފައެވެ.
"މާދަމާ ބައްދަލުވެދާނެތަ. ދެމީހުން އެކަނި. ޕްލީޒް. ދަރަކްއާ ވާހަކައެއް ދައްކާލަން އެބައޮތް." ސިޔާގެ މެސެޖުގައި އޮތެވެ.
"އެންމެން ދަންޏާ މާދަން މީނަ ވެސް ދާނެ. އެކަމަކު ލައިއަށް ފެނިއްޖެއްޔާ ނުބައި މާނައެއް ނަގާފާނެ. މީޓުކުރާކަށް ބޭނުމެއްނޫން. އެކަމަކު ނުކޮށްފިއްޔާ އުނދަގޫ ބޮޑުވެދާނެ. މީޓުކުރާނީ... ދައްކަން އުޅޭ ވާހަކައެއް އެނގިދާނެތާ." ދަރަކް ހިތަށް އެރިއެވެ. އޭނާ ސިޔާއަށް ޖަވާބު ފޮނުވާލިއެވެ. އެންމެ ރަނގަޅުކަމަށް ބުނެއެވެ.
އަފްރާހުގެ އަންހެނުން ރޫހީއަކީ ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ އަންހެނެކެވެ. އަފްރާހުގެ މުއްސަނދި ދިރިއުޅުމުގެ ހަޤީޤަތަކީ އެޔެވެ. ބާބެކިއު އޮތް ދުވަހު އޭނާ އައީ އެގޭގެ ކާރުގައެވެ. އަންހެން ކުދީންނަށް ދެއްކެންވެގެންކަން ދަރަކްއާއި ނަޒާނަށް ވެސް އެނގެއެވެ. ބާބެކިއު އޮތީ ހުޅުމާލޭގައެވެ. ހުރިހާ އަންހެން ކުދީން އައީ އަފްރާހުގެ ކާރުގައެވެ. ބާބެކިއު ޕޮއިންޓަށް އާދެވުމުން ދެ ޓީމަކަށް ގުރޫޕު ބަހާލީ އަފްރާހުއެވެ. ކޮންމެވެސް ވާހަކައެއް ދައްކަމުން ދަރަކްގެ ފަހަތުގައި ވިއްދާފައި ސިޔާ ހުރެއެވެ. އެކަމާ ދަރަކް ހުރީ އުނދަގޫވެފައެވެ. ދަރަކްއަށް ކައްކަން އެނގޭތީ ހުރިހާ އެއްޗެއް ފިހެން އަފްރާހު ހަވާލު ކުރީ އޭނާއާއެވެ. ހުރިހާކަމެއް އެކަނި ނުވާނޭކަން ދަރަކް ބުނުމުން ސިޔާ އިސްނެގިއެވެ. ނަމަވެސް އެއަށްވުރެ ކުރީން ދަރަކް ގޮވާލީ ލައިލީއަށެވެ. އަލުވިއާއި އެހެން ބައެއް ތަރުކާރީތައް ތައްޔާރުކުރުމުގައި ދަރަކްއަށް އެހީވެދޭން އެދުމުން ލައިލީ ހުރީ ތައްޔާރަށެވެ. ނަމަވެސް ދަރަކްގެ އެ ނިންމުމާ ގަޔާނުވިކަމުގެ އަސަރު ސިޔާގެ މޫނުން އޭނާ ވެސް ދުށްޓެވެ. އެއީ މާ ބޮޑުކަމެއް ކަމުގައި ދަރަކް ނުދެކުނެވެ. އެވަގުތު އަފްރާހު ގޮވާލާފައި އެމީހުންނާ ބައިވެރިވާން އަންނަން ސިޔާ ކައިރީ ބުނުމުން އޭނާ ކިބައިން ދަރަކްއަށް މިނިވަންކަން ލިބުނެވެ.
"ފިރިހެނެއްކަމަކު ކައްކަން އެނގުމަކީ ވަރަށް ކަމުދާ ސިފައެއް. އަހަރެމެން ގޭގައި ފިރިހެނަކަށް ހުންނާނީ ބައްޕަ. އެކަމަކު ބައްޕައަށް ނޭނގޭނެ އުނދުން ރޯކޮށްލަން ވެސް." ލައިލީ ބުންޏެވެ.
"މަންމަ ވަރަށް ފާޑުފާޑުގެ ކާއެއްޗެހި ތައްޔާރުކުރާނެ. ވަރަށް ކުޑައިރުއްސުރެ މަންމަ ކައްކާއިރު ކައިރީގައި އުޅެން. ޝައުގުވެރިކަން ހުރިއްޔާ ދަސްކުރަން އުނދަގުލެއްނުވާނެ ދޯ." ދަރަކް ބުންޏެވެ. ދަރަކްގެ ހަރަކާތްތައް ލައިލީ ބަލާކަން އެނގޭތީ އޭނާ ވެސް ހުރީ އަމިއްލަ ހުނަރާމެދު ފަޚުރުވެރިވެފައެވެ.
"ވާއު. ދަރަކްއެކޭ ޝެފެކޭ ތަފާތެއްނެތް. ދަރަކްގެ އަނތްބަކަށްވާ އަންހެންކުއްޖަކު ހާދަ ނަސީބު ރަނގަޅުވާނޭ. ކައްކަން އެނގޭ ފިރިއަކު ހުރީމަ ކިހާ ފަސޭހަވާނެ." ލައިލީ ނިކަން ހިނިއައިސްފައި ބުންޏެވެ.
"އެހެންވީރު ލައި އަހަންނާ އިނދެފާނަންތަ؟." ދަރަކް ބުންޏެވެ. އެވަގުތު ލައިލީގެ މޫނުން ފާޅުވީ ހައިރާންކަމެވެ.
"ވަޓް... މެރީކުރާށޭ..." ލައިލީއަށް ޤަބޫލުނުކުރެވޭ ފަދައަކުން އަހާލިއެވެ. ލައިލީއަށް ވީގޮތް ފެނި ދަރަކް ހީނގަތީ ހިތުގައިވީ ހަޤީޤަތް ފޮރުވަމުން ސަމާސާއަކަށް ހަދަމުންނެވެ. އެއާއެކު ދަރަކްގެ ކޮނޑުގައި ލައިލީ ޖަހާލިއެވެ.
"ދަރަކް ވެސް... އެކަހަލަ ސަމާސާ ކުރާކަށް ނުވާނެއެއްނު." ލައިލީ ބުނެލިއެވެ.
ބާބެކިއު ނިމުމަކަށް އައިއިރު އިރުއޮއްސިއްޖެއެވެ. ކޫލަރު ފޮށި ކާރުގެ ފަހަތަށް އަރުވާލަ ދިނުމަށް އަފްރާހު އެދުމުން ދަރަކް ފޮށި ނަގައިގެން ކާރާ ދިމާއަށް ހިނގައިގަތެވެ. ސިޔާ އައީ އެވަގުތެވެ. ވާހަކައެއް ދައްކާލަން ބޭނުންވާކަށް ސިޔާ ބުންޏެވެ. ކާރުގެ ޑިކީ ލައްޕާލާފައި ދަރަކް އެނބުރި ސިޔާއާ ކުރިމަތިލިއެވެ.
"އަހަރެން ބުނަން އުޅޭ އެއްޗެއް ދަރަކްއަށް އެނގޭ ދޯ." ސިޔާ އަހާލިއެވެ.
"އަހަރެން... އަހަރެން ލައިކްވަނީ ލައިލީދެކެ." ސިޔާއަށް އޮޅިފައި އޮންނަން ބޭނުންނުވާތީ ދަރަކް ތެދު ހާމަކުރިއެވެ.
"އަހަންނަށް ދަރަކް ފެނުނީއްސުރެ ދަރަކް ނޫން މީހަކާމެދު ނުވިސްނޭ. މިއަދު... މިއަދު ވަރަށް އުންމީދުކޮށްގެން ހުރީ ދަރަކްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެކަމަށް. ދެމީހުން އެކަނިތިބެ ވާހަކަދައްކާލެވޭނެ ކަމަށް. މީ ކުރީން އަހަންނަށް ވީގޮތެއްނޫން... ދަރަކް ޕްލީޒް." ސިޔާ ކުއްލިއަކަށް ހިފީ ދަރަކްގެ އަތުގައެވެ. އޭނާ ބާރަށް ދަރަކްގެ މުލައްދަނޑީގައި ބައްދާލައި ދަރަކްގެ ގާތަށް ޖެހުނެވެ.
"ދަރަކް އެހެން އަންހެނަކަށް ބަލާތަން ދުށުމަށް އަހަންނަށް ކެތެއްނުކުރެވޭނެ. ޕްލީޒް ދަރަކް." ސިޔާގެ އަޑުގައި އާދޭސްވިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުން ދަރަކް ހުރީ ނުހަނު ބޮޑަށް އުނދަގޫވެފައެވެ. މީހަކަށް ފެނުމުގެ ކުރީން ސިޔާގެ ދެއަތުގެ ތެރެއިން ދަރަކްގެ އަތް މިނިވަންކޮށްލުމާއެކު ސިޔާގެ ދެކޮނޑުގައި ހިފައި ދުރަށް ޖައްސާލިއެވެ.
"އަހަރެން ރީތި ނޫނީތަ؟. ކަމުނުދާ ގޮތެއް ހުރިއްޔާ އެކަމެއް ބުނެދީ. އަހަންނަށް ރަނގަޅުކޮށް ބަދަލުކުރެވޭނެ ކަމެއްނަމަ ދަރަކް ރުހޭ ގޮތަށް އެކަމެއް ބަދަލުކުރާނަން." ސިޔާ ވަގުތުން ސުވާލުކުރިއެވެ.
"ސޮރީ ސިޔާ. އަހަރެން ކުރީން ވެސް ބުނީމެންނު އަހަރެން ލައިކްވާ ކުއްޖަކު އެބަހުއްޓޭ." ސިޔާއާ ނަޒަރު ސީދާކޮށްލަން ވެސް ބޭނުންނުވެ ހުރެ ދަރަކް ބުންޏެވެ.
"ލައިކްވާ ކުއްޖެކޭ... އޭރުވެސް ދެއްކީ ލައިލީގެ ވާހަކަތަ؟. ލައިލީއާ އަހަންނާ ކޮންތަފާތެއް ހުރީ. އަހަރެންނަށްވުރެ އޭނާ ފުރިހަމައީތަ؟." ސިޔާ މޫނުން ދެރަވާކަން ދެއްކިނަމަވެސް އޭނާގެ އަޑުގައި އެ މަޑުމޮޅުކަމެއް ނެތެވެ.
"ކޮންމެ މީހަކީ ވެސް އެމީހެއްގެ ގޮތުގައި ފުރިހަމަ މީހެއް. އަހަރެން ލައިލީއަށް ޝައުގުވެރިވީ އަހަރެންގެ މިޒާޖާ ގުޅޭގޮތެއް ހުރެފައި އޭނާއާއެކު ހުންނައިރު ތަފާތު ހިތްހަމަޖެހުމެއް އިޙްސާސް ކުރެވޭތީ." ދަރަކްގެ އިޙްސާސްތައް ދުލުން ބަޔާންކުރުން ފަސޭހައެއް ނުވިއެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތާއި ޟަމީރު ވެސް ލައިލީ ބަލައިގައިތީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ މިހާރު އޭނާއަށް ލައިލީ މުހިންމުވެފައި ވާވަރެވެ.
"މިވަގުތު ތިހެން ފީލް ވިޔަސް ދުވަސްކޮޅަކުން އޭނާދެކެ ފޫހިވެދާނެ. އޭނާއަކީ ނުލާހިކު އަވަހަށް ހަސަދަވެރިވާ އަންހެނެއް. އެކަމަކު އުޅޭނީ ނިކަން މަޑުމައިތިރި ބަސްމަދު މީހަކަށް ހެދިގެން. އެހާ ފިނޑިވެސް ވާނެ." ސިޔާގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ.
"އެހެންވިޔަސް ހެޔޮ. އަހަރެން ލައިކްވަނީ ލައިލީދެކެ. އަހަރެންގެ މުސްތަޤްބަލުގެ ރޭވުންތަކުގައި މިހާރުއްސުރެ ލައިލީ ޝާމިލްވެއްޖެ. އޭނާއާ ގުޅެން އަހަރެން ބޭނުންވަނީ ދިރިއުޅުމެއް ފެށުމުގެ ވިސްނުމުގައި." ދަރަކް ބުންޏެވެ. ސިޔާގެ ދެ ބުމަ ގޮށްޖެހުނެވެ. ދަރަކްގެ މުލައްދަނޑި ފެންނަ ވަރަށް އޮޅާލާފައި އޮތް ގަމީހުގެ އަތްކުރީގައި ސިޔާ ހިފައި ދަމާލުމާއެކު މުށުގެ ތެރެއަށް ބޮނޑިކޮށްލިއެވެ.
"ދަރަކް ތި ވިސްނަނީ އޭނާއާ ކައިވެނިކުރަންތަ؟." ސިޔާ ދަތްކުނޑީވިކާލައިގެން ހުރެ އަހާލިއެވެ.
"އާން. އެހާ ސީރިއަސްކޮށް އަހަރެން ލައިލީއާ މެދު ދެކެނީ." ނުގުޑާނޭ އަޒުމެއްގައި ހުރި ފަދައިން ދަރަކް ބުންޏެވެ.
"ލައިލީއާއެކު ދަރަކްއަށް ހަމަޖެހިގެނެއް ނޫޅެވޭނެ. ތި ދެ މީހުން ވަކިވާނެ. ހަމަތެދެއް މިބުނީ. އަހަރެން ބުނީތީ ވެސް ބަލާތި." ސިޔާ މިހެން ބުނެފައި އެންމެން ތިބި ދިމާއަށް ދާން ހިނގައިގަތީއެވެ.
ވިހަގަދަ ހަރުފައެއް ވިހަލާފައިކަން އެ ދިޔައީ ދަރަކްގެ ވިސްނުމަކަށް އޭރު ނާރައެވެ. ވިހައިގެ އަސަރު ފެތުރެމުންދިޔައީ އެކަމާ މީހަކު ސަމާލުވާނޭ ވަރަށްވުރެ ލަހުން މަޑުމަޑުންނެވެ. އެކަމުގެ އުނދަގުލެއް ވެސް ނުފޯރައެވެ. ނަމަވެސް ދަރަކްއަށް އެކަމުގެ ހިލަމެއް މިވީ ފަސް އަހަރު ފަހުންނެވެ. އެ ވިހައިގައި ޖެހި ދިރިއުޅުން މަރުވަން ފަށައިފިކަން އެނގުނީ އަދިކިރިޔާއެވެ. ހަރުފަޔަކާކަން ކުރިމަތިވީ އެންމެ ފުރަތަމަ ދުވަހު ވެސް އެނގުނުނަމައޭ ދަރަކް ހިތަށް އެރީ ވެސް ދެނެވެ.
އެ ދުވަހުގެ ބާބެކިއުއަށް ފަހު ދަރަކްއާ ސިޔާ ބައްދަލެއް ނުވެއެވެ. ދަރަކް ބޭނުންވީ ފަދައިން ލައިލީ އޭނާގެ ހަޔާތުގައި ޝާމިލްވެއްޖެއެވެ. ދެމީހުން ރައްޓެހިވެގެން ދުވަސްތައް ދިޔައީ އެއްވެސް މައްސަލައެއް ނުޖެހިއެވެ. ކައިވެންޏަކާ ހަމައަށް ދާންވެއްޖެކަން ދަރަކްއަށް ވިސްނި އޭނާ ލައިލީގެ ކައިރިން ކައިވެންޏަށް އަހަން ވަރަށް ތައްޔާރީތަށް ވިއެވެ. އެއީ އަހަރުގެ ފަހުކޮޅެވެ. އެކަން ކުރިޔަށް ދިޔައީ އެމީހުންނަށް ޚާއްޞަ ރެސްޓޯރެންޓުގައެވެ. ކައިވެންޏަށްފަހު ހަނީމޫނަށް ދާނެ ތަނެއް ވެސް ދަރަކްގެ ސިކުނޑީގައިވަނީ މާކުރިން ރާވާ ނިންމާލާފައެވެ. ލައިލީ ކައިވެންޏަށް ރުހުން ދިނުމުން ހިތްހަމަޖެހޭނެ އެންމެ ބޮޑަކަށް ދަރަކް ހުރީ އަމިއްލަ ދިރިއުޅުމުގެ މިސްރާބާ މެދު ހިތްހަމަޖެހިފައެވެ. ނަމަވެސް ކައިވެނީގެ ފޯމް ފުރާ ރަންކިޔުމުގެ ޙަފުލާއަށް ލައިލީއާ ބައްދަލުކުރަން އޮތް ދުވަހުގެ ކުރީން ދުވަހު ދަރަކްއާ އަނެއްކާ ވެސް ސިޔާ ބައްދަލުވެއްޖެއެވެ. އޮފީސް ނިންމާފައި ނުކުތް ވަގުތުއެވެ. އެ ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ޕާކުކޮށްފައި ހުރި ސައިކަލާ ދިމާއަށް އައި ދަރަކްއަށް ކުޑައެއް ނަގައިގެން ހުރި އަންހެން ކުއްޖަކު ފަހަތުން ގޮވާލުމުން ހުއްޓި ބަލާލިއެވެ. ސިޔާކަން އެނގުނީ އޭނާގެ މޫނު ފެންނަ ވަރަށް ކުޑަ މައްޗަށް ހިއްލާލީމައެވެ.
"ސިޔާ. މިތާ..." ދަރަކްއަށް ލިބުނު ސިހުމާ އެއްވަރަށް ހައިރާން ވެސް ވިއެވެ.
"ދަރަކް ފެނުނީމަ ކައިރިޔަށް ނައިސް ނުހުރެވުނީ." ސިޔާ ބުންޏެވެ. ނަމަވެސް ދަރަކް ސުވާލު އުފެދުނެވެ. ސިޔާ މަސައްކަތް ކުރާ އޮފީސް ދަރަކްމެންގެ އޮފީސް އިމާރާތާ ކައިރީގައި ކުރީން ހުއްޓަސް މިހާރު ވަނީ ބަދަލުކޮށްފައެވެ. ވީއިރު އެއީ ކައިރި ހިސާބެއްނޫނެވެ. އެކަކުއަނެކަކު ފެނުމަކީ އިއްތިފާގެއް ނޫނެވެ.
"ސިޔާ. ދޮގު ނުހަދާ ބުނޭ. އަހަރެން އޮފީހުން ނުކުންނަންދެން މިތާ ދޯ ހުރީ." ދަރަކްއަށް ވަރަށް ޔަގީންވާތީ އަހާލިއެވެ.
"އައި އޭމް ސޮރީ. ދަރަކް މެރީކުރަން އުޅޭކަން އެނގުނީމަ މީޓުކޮށްލާ ހިތްވީ. އެއްފަހަރު ވިޔަސް ދަރަކް ދުށުމަށް ބޭނުންވީ." ސިޔާ އުޅުނީ ދަރަކްގެ އަތްތިލައިގައި ހިފާލާށެވެ. ނަމަވެސް ދަރަކް ނިކަން އަވަހަށް އަތް ފުރަގަހަށްލައި އެއްފަރާތްވެލީއެވެ.
"އަހަންނާ މީޓުކުރަނީ ކީއްކުރަން." ދަރަކް އަހާލިއެވެ. ސިޔާގެ އިޙްސާސްތައް އެ ދުވަހު ބާބެކިއުގައި ހާމަކޮށްފައި ދިޔަ ފަހުން ދެ އަހަރު ފާއިތުވީއެވެ. އެ ދުވަހު ވެސް ދަރަކްގެ ހިތުގައި ސިޔާގެ މައްޗަށް ޝައުގުވެރިކަމެއް ނެތެވެ. މިއަދު ވެސް އޭނާގެ ހިތް އޮތީ ހަމަ އެގޮތަށެވެ.
"އަހަންނަށް ދަރަކްގެ މަތިން ހަނދާންނައްތައެއް ނުލެވުނު. އަހަރެން މަސައްކަތް ކުރިން. އަހަރެން މީހުންނާ ރައްޓެހި ވެސް ވީން. އެކަމަކު ދަރަކްގެ މަތިން ހަނދާންނައްތައެއް ނުލެވުނު. އައި ރިއަލީ ލަވް ޔޫ ދަރަކް." ސިޔާގެ ދެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ.
ދަރަކްއަށް ހިންދިރުވާލެވުނެވެ. މިހާލަތުގައި ކުށްވެރިއަކީ އޭނާބާއޭ ހިތަށް އެރިއެވެ. ވެހެމުންދިޔަ ވާރޭއަށް ބެލުމެއްނެތި ސިޔާ އައިސް އެ ހުރީ އޭނާގެ ލޯބި ހާމަކުރާށެވެ. އެހެންވިޔަސް ދަރަކްއަށް އޭނާގެ މައްޗަށް ހަމްދަރުދީއެއް ނުވެވުނެވެ. ހިތެއްނެތް ފިރިހެނެކޭ ހީކުރިޔަސް ފަރުވާލެއް ނެތެވެ. އޭނާގެ ހިތުގައި ލައިލީ ނޫން ފަރާތަކަށް ޖާގައެއް ނެތެވެ. ސިޔާއަށް އެކަން އެނގޭއިރު ވެސް އާދޭސްކުރަން އައީމާ ދަރަކްގެ ބޮލަށް އުނދަގޫވީއެވެ. އެހެންވިޔަސް އޭނާ އެ އަސަރުތަކެއް ނުދެއްކިއެވެ.
"މާދަން ލައި އަހަންނާ އިންނަން ރަންކިޔާނެ. ސިޔާ ވެސް ތިގޮތް ދޫކޮށްލާ." ދަރަކް ބުންޏެވެ.
"ޔަގީންތަ ލައިލީކަން ބޭނުމީ. ފަހުން އެކަމާ ހިތާމަ ނުކުރާނަންތަ؟. ލައިލީ ބުނާގޮތުން ތީ ހުރިހާ ގޮތުން ފުރިހަމަ ފިރިހެނެއް. އޭނާގެ ތައްގަނޑަށް ފެތޭނަމަ އެމީހަކީ ފުރިހަމަ މީހެއް. އެކަމަކު ދަރަކްގެ ފަރާތުން ބަލިކަށިކަމެއް ނޫނީ މިސްޓޭކެއް ހެދިއްޖެނަމަ އޭނާ މަޢާފެއްނުކުރާނެ. އޭނާއަށް ކަމުނުދާ ކަމެއް ފެނުން ލަސްވާނީ. އޭނާ އެމީހަކާ ދުރަށްދާނެ. އޭނާ އުންމީދުކުރާ ހުރިހާ ގޮތަކުން ފުރިހަމަ ފިރިހެނާއަށް ވެގެން މުޅި އުމުރު ދަރަކްއަށް އުޅެވިދާނެތަ.... އެކަމަކު އަހަރެންނަމަ... ކޮންމެކަމެއް ވިޔަސް ދަރަކްއާ ވަތްކެއްނުވާނަން. ދުވަހަކުވެސް ދޫކޮށެއްނުލާނަން. ދަރަކްގެ ގޮތުގައި ދަރަކް ބަލައިގަންނާނަން. ކަމުނުދާ އާދައެއް ދަރަކްގެ ހުއްޓަސް އެކަން ވެސް ޤަބޫލުކުރާނަން. އީވަން އިފް ޔޫ ބިޓްރޭ މީ..." ސިޔާގެ ވާހަކަތަކުން ދަރަކްއަށް އުނދަގޫވިއެވެ. ގަސްދުގައި ސިޔާގެ ވާހަކަ ދަރަކް ހުއްޓުވާލިއެވެ.
"ސިޔާ. ކިތައް ފަހަރު ބުނަންވީ އަހަރެން ލޯބިވަނީ ލައިލީދެކެއޭ. އޭނާއަށް ޓަކައި އަހަރެން އޭނާ ބޭނުންވާ ފަދަ ފުރިހަމަ ފިރިހެނަކަށް ވާން މަސައްކަތްކުރާނަން. މުޅި އުމުރު އެގޮތުގައި ހޭދަވާން ޖެހުނަސް ލައިލީއަށް ޓަކައި އަހަރެން އެގޮތުގައި ހުންނާނަން. ލައިލީ އަހަރެންދެކެ ފޫހިވެ އަހަންނާ ވަކިވާން ބޭނުންވާ ދުވަހެއް އަޔަސް އަހަރެން އޭނާދެކެ ވާ ލޯބި ބަދަލެއްނުވާނެ. ލައިލީއަކީ އަހަރެންގެ ހަމައެކަނި ލޯބި. ލައިލީއަށް އަހަރެންގެ ހިތުން ދީފައިވާ ޖާގައާއި މަޤާމު ދުވަހަކުވެސް އެހެން މީހަކަށް ނުލިބޭނެ... ނުވެސްދޭނަން... ޝީ އިޒް ދަ އޮންލީ ވަން ފޯ މީ." ދަރަކް ހަޤީޤަތަށް ވާހަކަދެއްކިއެވެ. ނަމަވެސް އެ ހަޤީޤަތް ބަލައިގަތުން ސިޔާއަށް ފަސޭހައެއް ނުވިއެވެ.
"ކީއްވެ؟... ކީއްވެ ލައިލީ. ދަރަކް ފުރަތަމަ ފެނުނު ހިނދުން ފެށިގެން ފުރުޞަތަކަށް އެދެމުން އައީ އަހަރެން. އެހެނޭ ކިޔާފައި ލައިލީ ކުރީ ކީއް. މީހުންގެ އިޙްސާސްތަކަށް ޤަދަރުކުރާން ނޭނގޭއިރު ވެސް ލައިލީ ވަރު އަންހެނެއް ދަރަކްއަށް ނެތް. ކީއްވެ؟. ކީއްވެ ލައިލީ ޚިޔާރުކުރަންވީ؟. އޭނާ ނޫން އަންހެނެއް ނުފެނުނީތަ؟." ސިޔާގެ އަޑު ގަދަވިއެވެ.
"ސިޔާ. ޒުވާބުކުރާކަށް އަހަރެން ބޭނުމެއްނޫން." ދަރަކް ނިކަން ހަރުކަށިކޮށް ބުނެލިއެވެ.
މިކަމާ ދަރަކް އަދި ދެރަވާނެ." ސިޔާ މަޑުމަޑުން ބުންޏެވެ.
އިތުރު ވާހަކަތަކެއް ނުދައްކާ ސިޔާ ހިނގައިގަތީއެވެ. އޭނާއާ ދިމާއަށް ބަލަން ދަރަކްއަށް ހުރެވުނީ ވިސްނުމެއްގައެވެ. ސިޔާއަކީ ލައިލީގެ ގާތް ރަޙުމަތްތެރިއަކަށްވާއިރު ދަރަކް ވެސް އެދެނީ ސިޔާއާ ރަޙުމަތްތެރިކަން ބާއްވާށެވެ. ނަމަވެސް ކަންތައް މިވީ ހީނުކުރާ ކަހަލަ ގޮތަކަށެވެ. އަނެއްކޮޅުން ކައިވެނި ހަމަޖެހިފައި އޮއްވާ ސިޔާގެ ސަބަބުން ލައިލީއާއި ދަރަކްގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެދާނޭތީ ދަރަކް ކަންބޮޑުވިއެވެ.
ދަރަކްގެ ހާސްކަން ފިލައިގެން ދިޔައީ ކައިވެންޏަށްފަހުއެވެ. ކައިވެނީގެ ވަލީމާގައި ލައިލީގެ އެންމެ ގާތް ރަޙުމަތްތެރީން ބައިވެރިވިއެވެ. އެ ގުރޫޕުގައި ހިމެނެނީ ލައިލީއަށް އެންމެ ޚާއްޞަ މީހުންކަން ދަރަކްއަށް އެނގެއެވެ. އެ އެންމެން ލައިލީގެ އުފަލުގައި ބައިވެރިވާތަން ފެނުމުން ދަރަކް ވެސް ހުރީ ހިތްހަމަޖެހިފައެވެ. އެއަށްވުރެ ބޮޑު ހަމަޖެހުމެއް ދަރަކްގެ ނަފްސަށް ލިބުނީ އެ ޙަފުލާގައި ސިޔާ ބައިވެރިވީމައެވެ. އޭނާ ލައިލީއާއި ދަރަކްއަށް އާކައިވެނީގެ ތަހުނިޔާ ކިޔެވެ. ވީކަމެއް މާޒީއަށް ދޫކޮށްލާފައި ސިޔާ ވެސް ކަންއޮތްގޮތް ޤަބޫލުކުރީ ކަމުގައި ދަރަކް ހީކުރިއެވެ. ސިޔާގެ ފަރާތުން އެއްވެސް ނުރުހުންތެރިކަމެއް ނުދައްކައެވެ.
(ނުނިމޭ)