ޓޫރިޒަމް

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

Mar 14, 2023

އއ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތ ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އއ. އަތޮޅުގައި އޮތް ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކު އިއްޔެގެ ވަގުތެއްގައިވެސް ގެނބިގެން މަރުވެފައިވެ އެވެ.