އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެޗްއާރްސީއެމްގެ ބޭފުޅުންނާ ބައްދަލުކުރައްވާ ކަންބޮޑުވާ މައްސަލަތައް ހުށަހަޅައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވީ އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކުރާށެވެ. ނަމަވެސް އެބޭފުޅުންނާ ބައްދަލުކުރީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އެވެ.
މިބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ދަށު ކޯޓުގައި 11 އަހަރުގެ ހުކުމެއް އިއްވި ގާޒީ އަހްމަދު ޝަކީލް، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް ކޮމިޝަނާ ހިއްސާކުރި ކަމަށެވެ.
މީގެއިތުރުން އިދިކޮޅު ކޯލިޝަނުން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވަން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާވާ ގޮތަށް މީހުން ހިފާ ހައްޔަރުކުރާ މައްސަލަ ވެސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުނުވުމުން އަބްދުއްރަހީމް ވަނީ ކޮމިޝަންގެ މެންބަރުންނަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އެޗްއާރްސީއެމް ފަދަ އިދާރާތަކުގައި ތިބެންވާނީ ރައްޔިތުންގެ އަޑުއެހުމުގެ ގާބިލްކަން ހުރި ބޭފުޅުން ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މިހާރަކަށް އައިސް ގެންދަނީ އެކި މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކަށް ހާޒިރުވެ ކަންބޮޑުވާ މައްސަލަތައް އެ އިދާރާތަކަށް ހުށަހަޅަމުންނެވެ. އަދި ކުރިން އެޕޮއިންޓްމަންޓް ހެދުމެއް ނެތި އިދާރާތަކުގައި އިސްވެރިންނާ ބައްދަލުކުރުމަށްވެސް އިދިކޮޅު ކޯލިޝަންގެ އިސްވެރިން މަސައްކަތް ކުރަމުން ގެންދެ އެވެ.