އަބޫ ހާމިދު އިބްނު މުހައްމަދު އަލް ތުސީ އަލް ޝާފީ އަލް ގަޒާލީ އުފަންވެވަޑައިގެންފައިވަނީ އިރާނުގެ ހުރާސާންގައި މީލާދީން 1058 ހާތާނގަ އެވެ.
އަލް ގަޒާލީގެ އުމުރުން ވަރަށް ހަނގު އުމުރުފުޅުގައި އޭނާގެ ބައްޕާފުޅު ނިޔާވި ނަމަވެސް އޭނާއަށް ހުރާސާން އާއި ބަޣުދާދުން ތައުލީމް އުނގެނިވަޑައިގަތުމުގެ ފުރުސަތު ލިބުނެވެ.
އަލް ގަޒާލީގެ ތޫނުފިލިކަމާއި އިލްމަށް އަރައިހުންނެވި ވަރުން ހާއްސަކޮށް ދީނީ އަދި ފިލޯސޮފީގެ އިލްމަށް ކުޅަދާނަވެ ބައުދާދުގެ ނިޒާމިއްޔާ ޔުނިވަސިޓީގެ ޕްރޮފެސަރަކަށް އައްޔަން ކުރެވިގެން ދިޔަ އެވެ. އެ ޔުނިވަސިޓީ އަކީ މުސްލިމުންގެ ރަންދައުރުގެ އެންމެ މަގުބޫލު އެއް އިލްމީ މަރުކަޒެވެ.
އިސްލާމީ ފިކުރުގެ އިލްމުގައި މުހައްމަދު އަލް ގަޒާލީ އަކީ އެންމެ މަގުބޫލު އެއް އާލިމެވެ. އެދުވަސްވަރު އިސްލާމީ ފިކުރަށް އައި ގޮންޖެހުންތައް މައިތިރިކޮށް އޭނާގެ އިލްމީ ރައްދުގެ މަތިވެރިކަމުން އަލް ގަޒާލީ އަށް ހުއްޖަތުލް އިސްލާމްގެ ލަގަބް އެރުވިގެންދިޔަ އެވެ.
އަލް ގަޒާލީ އިސްލާމީ ސައެންސްގެ އެދުވަސްވަރުގެ އެންމެހާ އިލްމެއް އުނގެނިވަޑައިގަތެވެ. އޭނާގެ އިލްމީ މަތިވެރިކަމަށްޓަކައި އެދުވަސްވަރުގެ ރަސްރަސްކަލުންނާއި ބޮޑުންނަށްވުރެ އޭނާއަށް ލިބިވަޑައިގެންނެވި އިހުތިރާމު ބޮޑުވެގެންދިޔަ އެވެ.
އަލް ގަޒާލީ އެންމެ ފާހަގަކޮށްލެވޭ އިލްމީ ފޮތްތަކުގެ ތެރޭގައި އޭނާ ލިޔުއްވި މަގާސިދު އަލް ފަލަސިފާ (ފިލޯސޮފަރުންގެ މަގުސަދުތައް) އެވެ. އަދި ހަމައެހެންމެ ތަހާފަތު އަލް ފަލަސިފާ (ފިލޯސޮފަރުންގެ ހިލާފްތައް) އާއި އިހްޔާ އުލޫމް އައްދީން ފާހަގަކޮށްލެވެ އެވެ.
އެ ޒަމާނަކީ ގްރީކް ފިލޯސޮފަރުންގެ މެޓަފިޒިކްސްގެ ފިކުރުތައް މުސްލިމުންގެ ތެރެއަށް ބެހިގެން ދިއުމަށް މެދުވެރިވެފައިވާ ޒަމާނެކެވެ. އެހެންކަމުން އެފިކުރުތަކަށް އަލް ގަޒާލީ ވަރަށް އިލްމީ ގޮތުގައި އޭގައި ހުރި އުނިކަންކަން އުނގަންނައިދީ އަދި މުސްލިމުންގެ ބައެއް އިލްމުވެރިން އެފިކުރުތަކުގައި އިސްލާމީ ސިފަ ގެނެސް އެ އުނިފިކުރުތައް ފެތުރުމަށް ހުޅުވުނު ދޮރުތައް ބަންދުކޮށް ނުވަތަ އަސްލުގެ މައްޗަށް އިލްމީ ނަޒަރު އަނެއްކާވެސް އަނބުރައިލެއްވި އެވެ.
އަލް ގަޒާލީ އަކީ މުސްލިމުންގެ ތެރޭގައި އުދުވަސްވަރު އުޅުއްވި އެންމެ ބޮޑު އެއް އިލްމުވެރިޔާ އެވެ. އޭނާގެ ތަގުރީރުތައް އަޑުއަހަން އެތައް ސަތޭކަ އިލްމުވެރިން ބައުދާދުގެ ނިޒާމިއްޔާ އަށް ވަޑައިގަންނަވާފައިވެ އެވެ. އޭގެ ތެރޭގައި އެދުވަސްވަރުގެ މަޝްހޫރު އިލްމުވެރިން ކަމުގައިވާ އަބޫ ބަކްރު އިބްނު އަލް އަރަބީ އާއި އަލްހައްޠާބީ އަދި އިބްނު އާގިލް ފަދަ ބޭފުޅުން ހިމެނެ އެވެ.
އަލް ގަޒާލީގެ އިލްމީ ލިޔުންތަކަށް ހުޅަނގުގެ މަޝްހޫރު ފިލޯސޮފަރުންނާއި ބޮޑެތި އިލްމުވެރިން ހަވާލާދެއްވާފައިވެ އެވެ. މީގެތެރޭގައި ތޯމަސް އަކުއިނާސް އާއި ރެނޭ ދެކާޚްތް އަދި ޑޭވިޑް ހިއުމް ފަދަ ބޮޑެތި ނަންހިނގާ އިލްމުވެރިން ހިމެނިވަޑައިގަނެ އެވެ. އަލް ގަޒާލީގެ އެތައް އިލްމީ ފޮތެއް ލެޓިނަށް ތަރުޖަމާކުރެވި ހުޅަނގުގައި މިއަދާއި ހަމައަށްވެސް ބޭނުންކުރަމުންދެ އެވެ.