ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ސާކިއުލާއެއްގައި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކަށް އަންގާފައިވަނީ ފީނުމާއި ސްނޯކްލިންއަށް ދިއުމާއި ފެތުން ފަދަ މޫދު ހަރަކާތްތައް ފަތުރުވެރިންނަށް ކުރިއަށް ގެންދާއިރު ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށެވެ.
ސާކިއުލާގައި ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ވެސް ބުނެދީފަ އެވެ. އެގޮތުން މޫދު ހަރަކާތްތައް ކުރިއަށް ގެންދާއިރު
ކަމާގުޅޭ އާންމު މައުލޫމާތާއި ތަފްސީލް މައުލޫމާތު ވެސް ފަތުރުވެރިންނަށް ކިޔައިދިނުމަށް އެދިފައިވެ އެވެ.
މީގެއިތުރުން މޫދު ހަރަކާތްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފުން ތަމްރީނުކުރުމާއި، ހޭލުންތެރިކުރުމަށް ގަވައިދުން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށްވެސް އެދިފައިވެ އެވެ.
ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް އިތުރުވެފައިވާތީ ސަމާލުވުމަށް އަންގާ ސާކިއުލާއެއް ނެރެފައި މިވަނީ މިމަހު އެކަނިވެސް ގެނބިގެން ތިން ފަތުރުވެރިން މަރުވެފައި ވަނިކޮށެވެ.