ޑރ. އަހުމަދު ޒިޔާދު ބާގިރު

ފީމާ ވަފުދު އިސްލާމިކް މިނިސްޓަރާއި ބައްދަލުކޮށްފި

ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭގޮތުން ފުރާވަރުގެ ކުދިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަން ރާއްޖެ އައި ފެޑެރޭޝަން އޮފް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން (ފީމާ) ގެ ވަފުދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާ ބައްދަލުކުރައްވައިފި އެވެ.

ފީމާގެ ވަފުދު ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ. ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ބެހޭގޮތުން އެ ވަފުދުގެ ބޭފުޅުން ވަނީ އިއްޔެ ބައެއް ސްކޫލްތަކުގެ ކުދިންނާއި ކޮލެޖް ކުދިން ހިމަނައިގެން ވޯކްޝޮޕެއް ބާއްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފީމާ ވަފުދުގެ ބޭފުޅުން ރާއްޖޭގައި ހަފުތާއަކަށް މަޑުކުރައްވާނެ ކަމަށެވެ. އެބޭފުޅުންގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒާއި އިސްލާމިކް ޔުނިވަސިޓީގެ ލައިބްރަރީ އަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަށް މުއައްސަސާއަކަށް ވެސް އެބޭފުޅުން ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

ފީމާ ވަފުދުގެ ބޭފުޅުން، އެއިޑްސް ފަދަ ޖިންސީ ގުޅުމުން އަރާ ބަލިތަކުން ރައްކާތެރިވުމާ ބެހޭ ވޯކްޝޮޕް ރާޢްޖޭގައި ބާއްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. އެ ވޯކްޝޮޕްގައި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޑޮކްޓްރީ މައުލޫމާތާއި ދީނީ ގޮތުން އެކަންކަމާ ބެހޭ ގޮތުން އައިސްފައިވާ އެކި ރައުޔުތައް ބައިވެރިންނަށް ކިޔައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފީމާ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގައި މެޑިކަލް ސައިސްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު މުސްލިމް ބޭފުޅުން، ސިއްހީ ދާއިރާއަށް މީހުން ހޭލުންތެރިކޮށް، މެޑިކަލް ސައިންސާއި އިސްލާމް ދީނާއި ހުރި ގުޅުން ދުނިޔެއަށް ހާމަކޮށް މީހުން ހޭލުންތެރިކުރުމަށް 1981 ގައި އުފެއްދި ޖަމިއްޔާ އެކެވެ.