ޑައިޓީޝަނުން ބުނާ ގޮތުގައި ކެއުމަށް އެންމެ ރަނގަޅު އެކައްޗަކީ ކުކުޅު ބިހެވެ. ސަބަބަކީ އޭގައި ނުވަ ބާތެއްގެ އެމިނޯ އެސިޑްސް ހުރުމެވެ.
އެމިނޯއެސިޑްސް އަކީ ޕްރޮޓީންގެ ބިލްޑިންގް ބްލޮކްސް އެވެ. އަވަހަށް ސޭންޑްވިޗް ހަދާލަން ޖެހިއްޖެނަމަ ބޭނުންކޮށްލަން ނުވަތަ އެނޫން ވެސް ކާ އެއްޗެއް ތަންކޮޅެއް އަވަހަށް ތައްޔާރުކޮށްލަން އެހީތެރިވެދޭ އެކައްޗަކީ ބިހަށް ވާތީ، ބިސް ފެނުކައްކާފައި އައިސްއަލަމާރީގައި ބަހައްޓާ މީހުން ގިނަ އެވެ.
ނަމަވެސް ސުވާލަކީ މިގޮތަށް އައިސްއަލަމާރިއަށް ލާ ބިސް ތާޒާކަން މަތީ ހުންނާނީ ކިހާ އިރެއް ވަންދެން ހެއްޔެވެ؟ ކިތަންމެ ދުވަހަކު ބަހައްޓާފައި ވެސް އެ ކެވިދާނެ ހެއްޔެވެ؟
އިންސްޓިޓީއުޓް އޮފް ކަލިނަރީ އެފެއާޒްގެ ޑައިރެކްޓަރު ހާވް މެލިވާޓް ވިދާޅުވި ގޮތުގައި ރަނގަޅަށް ފެނުކައްކައި ހަރުކޮށްފައި ހުންނަ ބިސް ހަލާކުނުވެ ތާޒާކަންމަތީ އައިސްއަލަމާރީގައި 4-5 ދުވަހު ބެހެއްޓިދާނެ އެވެ.
"އެއަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ އަހަރެން އެ އުކާލާނަން،" މެލިވާޓް ވިދާޅުވި އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ގައިޑްލައިންސްގައިވާ ގޮތުން ފެނުކައްކައި ހަރުކޮށްފައި ހުންނަ ކުކުޅުބިސް ހަފުތާއެއްވަންދެން ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ އެވެ.
ނަމަވެސް މީގައި ބަލަން ޖެހޭނެ ތަންކޮޅަކީ އެ ކައްކާ ބިހުގެ ތާޒާކަން ހުރި މިންވަރެކެވެ. މާ ދުވަސްވެފައި ހުންނަ ބިސް ނަމަ އެ ބިސްތައް އަވަހަށް ކުނިވުމުގެ ފުރުސަތު ބޮޑެވެ.
މިގޮތަށް އަލަމާރީގައި ބިސް ރައްކާކުރާނަމަ ބަހައްޓަން ޖެހޭނީ ނޮޅާފައި ހެއްޔެވެ؟ ނުވަތަ ނުނޮޅާ ހެއްޔެވެ؟
ކަލިނަރީ އާޓްސްގެ ރޮނގުން ކިޔަވައިދޭ ލީޑް އިންސްޓްރަކްޓަރެއް ކަމަށްވާ ސިރިލް ކަބޯލޫ ވިދާޅުވީ އެހާ ގިނަ ދުވަސް ނުކޮށް ބޭނުންކުރާނަމަ ރަނގަޅީ ނޮޅާފައި ބެހެއްޓުމެވެ. ގިނަ ދުވަސް ވަންދެން ބަހައްޓަން ބޭނުންނަމަ ނުނޮޅާ ބެހެއްޓުމާއެކު އޭގެ ބޭރު ތޮށި މާބޮޑަށް ހިކުނަ ނުދިނުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރުކޮށް ކައްކާފައި ހުންނަ ބިސް ނުބައިވެއްޖެތޯ ބަލާނީ ކިހިނެއް ހެއްޔެވެ؟
އެންމެ ކުރިން ވަސް ބަލަން އޭނާ އިރުޝާދު ދިނީ ބިސް ނުބައިވެއްޖެތޯ ބެލުމަށެވެ. ބިހުން ކިރިޔާވެސް ނުބައިވަސް ދުވާހެން ހީވާނަމަ އަވަހަށް އެ އެއްލާލުމަށާއި އަދި ކުލަ ބަދަލުވެ ނުވަތަ އޭގައި އެއްވެސް ކަހަލަ ތެތްކަމެއް ނުވަތަ ތަތްލާ ގޮތެއް ހުރި ނަމަވެސް އެ ބޭނުން ނުކުރުމަށް އޭނާ ލަފާ ދެއްވި އެވެ.
އައިސްއަލަމާރީގައި ކައްކާފައި ހުރި ބިސް ބަހައްޓަން އެންމެ ރަނގަޅީ މަތި ރަނގަޅަށް ޖެހޭ ކޮންޓެއިނަރެއްގަ އެވެ. އަދި ކޮންޓެއިނަރުގެ އަޑީގައި ފެން ހަރުނުލާ ކަހަލަ ޓިޝޫއެއް އެއްޗެއް ބޭއްވުމަށް އޭނާ ހަނދާން ކޮށްދެއްވި އެވެ.