ގާސިމް އިބްރާހިމް

ޖޭޕީގެ ބޭފުޅުން އިސްތިއުފާ ނުދެއްވާނެ: ގާސިމު

Mar 15, 2023
2

އެމްޑީޕީއާ އެކު ޖުމްހޫރީ ޕާޓީން މިހާރު ހަދާފައި އޮތް ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރުކޮށް ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން މަގާމުތަކުން ވަކިކުރާނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ނިންމާފަ އެވެ. އެކަމަކު ޖޭޕީ މިހާރު ވެސް މިވަގުތުވެސް ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން ރައީސް ސޯލިހަށް ތާއީދުކުރާ މީހުން ގެންދަނީ ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމުތަކުން ވަކިކުރަންޖެހޭނެ ކަމަށް ބުނަމުންނެވެ. އާންމުންގެ މިފަދަ ވާހަކަތަކަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ބޭފުޅުން ސަރުކާރުން ވަކިވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް ބައެއް މެންބަރުން ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ވާހަކަދައްކަވަމުން ގާސިމް ވަނީ އެފަދަ ވާހަކަތަކަށް މިއަދު ރައްދުދެއްވާފަ އެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވެރިކަން ކުރާ ކޯލިޝަންގައި އޮތީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު ހަމަވުމުގެ ކުރިން ޖޭޕީގެ ބޭފުޅުން ސަރުކާރުން ވަކިކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތަށް ވަކިކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ޖޭޕީގެ މެންބަރުން މަގާމުތަކުގައި ތިބުމަކީ ލަދުވެތި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދީފައިވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ގާސިމު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއާ އެކު ކޯލިޝަން ނުހަދާނެކަން މިއަދު ޔަގީންވެގެން ދިޔައިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ވެސް ހިންގަވަމުންނެވެ.

މީގެއިތުރުން ރައީސް ނަޝީދު ގެންދަވަނީ ގާސިމް އިބްރާހީމްގެ އެޑްވައިޒަރުންނާ ބައްދަލުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމާ އެކު މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ކުރައްވަމުންނެވެ. އަދި މިފަހުން އެމަނިކުފާނު ގެންދަވަނީ ގާސިމަށް ތައުރީފް ކުރައްވާ ވާހަކަވެސް ދައްކަވަމުންނެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސް ފެށި އަދި ނިންމި ޖަލްސާގައި ވެސް ރައީސް ނަޝީދު، ގާސިމުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއަހަރު ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. އެއީ ރައީސް ނަޝީދުގެ ތާއީދު ރައީސް ސޯލިހަށް ނެތުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނުފެންނާތީ އެވެ.