ރައީސް އަބްދުﷲ ޔާމީން

ޔާމީން މިނިވަންކުރަން ގޮވާލައި ހުރިހާ ރަށެއްގައި މުޒާހަރާކުރަނީ

Mar 15, 2023
4

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ނިންމައިފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ޖަހާއިރު އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މާލޭގަ މުޒާހަރާ ކުރިއަށް ގެންދާނީ ރަސްފަންނުގައި މާހެފުމަކާ އެކުގައި ކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މީގެކުރިން ވެސް އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާކޮށްފައިވެ އެވެ. މީގެއިތުރުން މާލޭގައިވެސް ކޮންމެ ރެއަކު އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރެ އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތައް ރޯދަ މަހުވެސް ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް ފަހު 10 އަށް މުޒާހަރާތައް މަޑުޖައްސާލުމަށް ވަނީ ނިންމާފަ އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.