ރައީސް އަބްދުﷲ ޔާމީން

ޔާމީން ގެއަށް ބަދަލު ކުރަން މަސައްކަތް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަން އޮފިސަރުންގެ ބެލުމުގެ ދަށުން ލޯންޗަކުން މާލެއަށް ފައިބައިވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނަމުން އަންނަނީ މި މަހުގެ ތެރޭގައި ހައި ކޯޓުން ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ.

ޕީޕީއެމް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީގެ ވަކީލުން ކުރަމުން އަންނަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށް އާއިލާއާއި އެކުގައި ހުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕާޓީގެ ހުރިހާ ރަސްމީ ގުނަންތަކުން ވެސް މަސައްކަތް ކުރަނީ ޔާމީން އެނބުރި ގެއަށް ވަޑައިގެން، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން، ހާއްސަކޮށް މި އަންނަ ރޯދަ މަހަށް،" ޝުޖާއު ވިދާޅުވި އެވެ.

ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެމައްސަލަ ބަލައިގަތުން ލަސްވުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ކޯލިޝަންގެ އިސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ހައި ކޯޓަށްވެސް ގޮސްފަ އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910