ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު އެ ކުންފުންޏަށް ނޭނގި ބިމެއް ނުވިއްކާ ކަމަށާއި ނަމަވެސް ރިޝްވަތު ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފަކު އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެކަން އެކުންފުންޏަށް އެނގުނު ހިސާބުން އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މުވައްޒަފު ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތެއްކޮށް އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފައިސާގެ އެއްވެސް މުއާމަލާތެއްގައި އެޗްޑީސީން އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓު މެދުވެރިކޮށް ނުކުރާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ ނަސޭހަތްތެރި އެވެ.
އެޗްޑީސީގެ މުވައްޒަފު ބިން ނުވިއްކާކަމަށް އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވީ ނަމަވެސް އަވަސް އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހްމަދު މިމްރާހު ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ބިމެއް އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް އެ ކުންފުނީގެ މުވައްޒަފަކު އެއް މިލިއަން ރުފިޔާއަށް ވިއްކާލައިފައިވާ ކަމަށެވެ.
އެއް މިލިއަން ރުފިޔާއަށް އެޗްޑީސީގެ ބިމެއް ވިއްކި ކަމަށް ބުނާ މައްސަލައަކީ ތެދެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެޗްޑީސީގެ އުސޫލުތަކުގެ ތެރެއިން ބިމެއް ވިއްކުމުގެ ފުރުސަތު އެ މުވައްޒަފަށް ލިބިފައި ނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން ބިން ވިއްކުމުގެ އުސޫލުތައް ހަދާފައިވަނީ ހަރުދަނާ ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކަކަށެވެ. އެގޮތުން ބިމެއް ވިއްކާނަމަ ގެޒެޓުގައި އާންމު ކުރާނެ ކަމަށާއި އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓަ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުގަނެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަމިއްލަ ފަރާތެއްގެ އެކައުންޓް ބޭނުންކޮށްގެން އެޗްޑީސީގެ ނަން މަތީ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމަށާއި އެކަހަލަ ކަމެއް ފާހަގަވާ ނަމަ ވަގުތުން އެކަން ރިޕޯޓް ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.