( 14 މާރިޗު 2023 އާ ގުޅޭ )
ދަރަކްގެ ހާސްކަން ފިލައިގެން ދިޔައީ ކައިވެންޏަށްފަހުއެވެ. ކައިވެނީގެ ވަލީމާގައި ލައިލީގެ އެންމެ ގާތް ރަޙުމަތްތެރީން ބައިވެރިވިއެވެ. އެ ގުރޫޕުގައި ހިމެނެނީ ލައިލީއަށް އެންމެ ޚާއްޞަ މީހުންކަން ދަރަކްއަށް އެނގެއެވެ. އެ އެންމެން ލައިލީގެ އުފަލުގައި ބައިވެރިވާތަން ފެނުމުން ދަރަކް ވެސް ހުރީ ހިތްހަމަޖެހިފައެވެ. އެއަށްވުރެ ބޮޑު ހަމަޖެހުމެއް ދަރަކްގެ ނަފްސަށް ލިބުނީ އެ ޙަފުލާގައި ސިޔާ ބައިވެރިވީމައެވެ. އޭނާ ލައިލީއާއި ދަރަކްއަށް އާކައިވެނީގެ ތަހުނިޔާ ކިޔެވެ. ވީކަމެއް މާޒީއަށް ދޫކޮށްލާފައި ސިޔާ ވެސް ކަންއޮތްގޮތް ޤަބޫލުކުރީ ކަމުގައި ދަރަކް ހީކުރިއެވެ. ސިޔާގެ ފަރާތުން އެއްވެސް ނުރުހުންތެރިކަމެއް ނުދައްކައެވެ.
ކައިވެންޏަށްފަހު ދުވަސްތައް ހޭދަވެގެން ދިޔައީ ނުހަނު އަވަހަށެވެ. ދެ އަހަރުވީއިރު ދަރަކްއާއި ލައިލީގެ ދިރިއުޅުން ހުރީ ކައިވެނީގެ ކުރީކޮޅެކޭ އެއްފަދައިންނެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ލޯތްބަށް ބަދަލެއް ނާދެއެވެ. ދިރިއުޅުމަށް މުޅީން ވެސް އައީ ހެޔޮ ބަދަލެވެ.
ދަރަކްގެ ހަޔާތުގައި އެކުވެރީންނަށް މިހާރު ތިބި ބަޔަކީ އޮފީހުގައި އެކުގައި މަސައްކަތްކުރާ މީހުންނެވެ. ޚާއްޞަކޮށް އަފްރާހާއި ނަޒާނެވެ. ތަނުގެ ވެރީންނާ އަބަދުވެސް އެންމެ ގާތްކޮށް އުޅޭ މީހަކީ ނަޒާނެވެ. އެއީ ސެކްޝަނުގެ އެންމެންނަށް އެނގޭ ކަމެކެވެ. ވަޒީފާގެ ކުރިއެރުމެއް ލިބޭނަމަ ފުރަތަމަ ލިބޭނީ ނަޒާނަށްކަން ވެސް އެންމެންނަށް އެނގެއެވެ. ނަމަވެސް ޒަވާޖީ ހަޔާތަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ކުޑަވެގެން ދިޔައީ އެކަމުގެ އަސަރު ނަޒާންގެ ދިރިއުޅުމަށް ހުރިހާ ގޮތަކުން ކުރިއެވެ.
"އޭނާ ސައުވީސްގަޑިއިރު އެ އިންނަނީ ގޭގައި. ދެން ކޮންވަރުބައްޔެއްތަ ވާނީ. އަހަރެން އޮފީހުގައި ބުރަ މަސައްކަތްކޮށްފައި ދޯ މިދަނީ ގެއަށް. އޯފްޑޭއެއް މާބޮޑަށް ހައްޤެއްނު މަށަށް. އޭނާއަށް ކޮންމެ ދުވަހަކީ ޗުއްޓީ ދުވަހެއްނޫންތަ؟." ދަރަކްއާއި އަފްރާހުއާއެކު ކޮފީއަކަށް އަރާ އިނދެ އަނބިމީހާގެ ޝަކުވާ ނަޒާން ކުރިއެވެ.
ކައިވެންޏަށްފަހު ދިރިއުޅުމުގައި ޖެހޭ ކުންޏަކީ ކޮބާކަމެއް ދަރަކްއަކަށް ނޭނގެއެވެ. އޭނާ ބޮޑުވީ މަންމައާއި ބައްޕަގެ ލޯބި ލިބިގެންނެއެވެ. އޭގެ ދެމީހުންނަކީ ސުލްހަވެރި ލޯތްބާއި އޯގާތެރިކަމުގެ ނަމޫނާ ދެމަފިރިންނެވެ. ބައްޕައަކީ ގިނަ ވަގުތު އޮފީހުގައި އުޅޭންޖެހިފައިވާ މީހަކަށް ވިޔަސް ގޭގައި ހުންނަ ވަގުތުތަކުގައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ގޭތެރޭގައި މަންމަ ކުރާ މަސައްކަތްތައް އޮފީހުގައި އިނދެ ބައްޕަ ކުރާ މަސައްކަތަށްވުރެ ވަކި ބުރަކަން ކުޑައެއްނުވާނޭކަން ދަރަކްއަށް ވިސްނެންފެށީ ވެސް ބައްޕަގެ ޚަރުދަނާ ވިސްނުމުގެ ސަބަބުންނެވެ. މަންމައަށް ބައްޕަ ކުރާ ޤަދަރު ދަރީންނަށް ފެންނާތީއެވެ. ނަޒާންގެ ވިސްނުން ދަރަކްއަށް އުނދަގޫކުރީ އެހެންވެއެވެ. ގޭގައި ދަރިފުޅާއެކު އިންނަ އަނބިމީހާއަކީ އެއްވެސް މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން އިންނަ މީހެއްކަމުގައި ނަޒާން ދެކޭތީއެވެ. ވާހަކަ މާ ހޫނުވާހެން ހީވުމާއެކު މިސްރާބު ބަދަލުކޮށްލީ އަފްރާހެވެ.
"އަލަށް ސެކްޝަނަށް ވެއްދި އަންހެންކުއްޖާ ކިހިނެއް؟." އަފްރާހު ބުނެލިއެވެ.
"މަސައްކަތަށް ވަރަށް ފަރުވާކުޑަ." ނަޒާން ވަގުތުން ބުނެލިއެވެ.
"ޓްރެއިނިންގެ ފުރަތަމަ ދުވަހު ވެސް އައީ ގަޑިޖެހިގެން." ދަރަކް ބުންޏެވެ.
"އެކަމަކު ލޯބިކުއްޖެއްނު." އަފްރާހު ލާނެތް ގޮތަކަށް ހީނލިއެވެ.
"އެހާވަރުން ހިޔެއްނުވޭ މިތާ ދާއިމީ މީހަކަށް ސަމައިރާ ވާނެހެން." ނަޒާން ބުންޏެވެ.
އެ ދުވަހު ތިން މީހުން ކޮފީމޭޒުދޮށުން ވަކިވީގޮތަށް އޭގެ ދެ ހަފްތާ ފަހުން އަފްރާހުގެ ފަރާތުން ދަރަކްއަށް އިވުނީ އަނބިމީހާ ވަރިކުރަން ނަޒާން އުޅޭކަމެވެ. އޮފީސް ތެރެއިން ނަޒާން ނުފެނުނީ ކީއްވެކަން ދަރަކްއަށް އެނގުނީ އެހެންވެއެވެ. އަނެއްކޮޅުން އޭނާއަށް ކުރަންޖެހިފައިވާ މަސައްކަތްތައް ދެގުނަވީއެވެ. އެ ދުވަސްކޮޅު ފަށާފައި އޮތް މުހިންމު ޕްރޮޖެކްޓުގެ މަސައްކަތުގައި ދަރަކް އަވަދިނެތި އުޅޭން ޖެހުނެވެ. މަސައްކަތުގައި ނަޒާނަށް ބަރޯސާވެވެން ނެތުމުން ވެރީންގެ އެދުމާއެކު އޭނާގެ މަސައްކަތްތައް ސަމައިރާއަށް ދަސްކޮށްދޭން ދަރަކްއާ ހަވާލުވިއެވެ. އުމުރުން ޅައެއް ކަމަކު ސަމައިރާއަކީ ފިރިހެނުންގެ ކައިރިން ނިކަން ފައިދާނަގަން އުޅޭ އަންހެންކުއްޖެއްކަން ދަރަކްއަށް ވިސްނުނެވެ. އެހެންވެ ސަމައިރާއާ ވީހާ ވެސް ދުރުން އުޅެވޭތޯ ދަރަކް ބެލިއެވެ. އަފްރާހުއާއި ސަމައިރާގެ ދެމެދުގައި ގުޅުން ބަދަހިވިއެވެ. އެކަމާ ދަރަކް އަޅައެއްނުލައެވެ. އަފްރާހަކީ އޮފީހުގައި އުޅޭ ހުރިހާ އަންހެންކުދީންނާ ހީނ ސަމާސާކުރާ ފިރިހެނެކެވެ. އެހެންނަމަވެސް އޭނާ ކައިވެނިން ބޭރުން ގުޅުން ބާއްވަނީ ކޮންކޮން ބަޔަކާތޯ ދަރަކް އެއްވެސް އިރަކު ނުބަލައެވެ. އެކަހަލަ ވާހަކައެއް ވެސް އަފްރާހާ ނުދައްކައެވެ. ސަމައިރާއާއި އަފްރާހު ގޮވައިގެން ދަރަކް ޕްރޮޖެކްޓުގެ މަސައްކަތްތައް ނިންމާލިއެވެ. އެކަން ފާހަގަކުރާން އަފްރާހު ބޭނުންވިއެވެ. ބުރަކޮށް އުޅެފައި އެންމެންނަށް ހިންދެމިލާނޭ ފުރުޞަތު ލިބުނީއެވެ. އެ ދުވަހު ނަޒާން ވެސް އޮފީހަށް އައިސް އިންތަން ފެނުނެވެ. ހަވީރު ސަޔަށްދާން އަފްރާހު ރޭވިއެވެ. ނަޒާންގެ އެއްބާރުލުމެއް އެ ޕްރޮޖެކްޓުގައި ނުލިބުނެއްކަމަކު އޭނާ ބައިވެރިކުރީ ބާކީނުކުރާންވެގެންނެވެ. އެ ދުވަހު ސަމައިރާ ބައިވެރިއެއްނުވެއެވެ. އެ ސަބަބެއް އޭނާ އޮތީ އަފްރާހު ކައިރީ ބުނެފައެވެ.
އޮފީސް ނިންމާފައި އަފްރާހާއި ނަޒާނާއެކީ ދަރަކް ނުކުތެވެ. އަވަހަށް ނިމުނު ދުވަސްވީމަ ލައިލީ ކައިރިޔަށް ގެއަށްދާން ދަރަކް ބޭނުންވިއެވެ. ނަމަވެސް އަފްރާހުގެ އިތުރުން ނަޒާން އޭނާ ގާތު ސަޔަށް މަޑުކޮށްލަދޭން އެދުނީތީ އެމީހުންނާ ބައިވެރިވާން ގަސްދުކުރީއެވެ. ހަވީރު ސަޔަށް އަރަނީ ކޮންތާކަށްތޯ ދަރަކް އަހާލީ އަފްރާހު ކައިރިންނެވެ. އެހިނދު ފޯނުގައި ހުރި އަފްރާހުގެ ވާހަކައިން ދަރަކްގެ ހިނގުން މަޑުޖެހުނެވެ.
"އެ ކީއްކުރަން ސިޔާ އަންނަނީ. މީ އަހަރެމެންގެ ސަޔެއްނު." ދަރަކް ވަގުތުން ބުންޏެވެ.
"އޭނާ ވަރަށް ދުވަސްވެއްޖެ ކޮފީއަކަށް އަރަން ކިޔާތާ. ދެންމެ ނުކުންނަން އުޅެނިކޮށް އޭނާ ގުޅީ. މަށަށް ބުނެވިއްޖެ ސަޔަށޭ މިދަނީ. އަހަރެމެން ތިންމީހުންކަން ދަނީ ބުނީމަ ސިޔާ އަންނަން ބޭނުންވީ." އަފްރާހު ބުންޏެވެ.
"މިފަހަރަކުނޫން. އަހަރެމެން އޮފީސް ވާހަކަދައްކާއިރު އޭނާ އިނުން ރަނގަޅެއްނުވާނެ. ބުނޭ ނާންނާށޭ." ދަރަކް ބުންޏެވެ. ސިޔާ އަތުވެއްޖެއްޔާ ހަމަޖެހިލައިގެން އެކުވެރީންނާ ވާހަކަދައްކާލަން އިނުން ވާނީ ދަތިކަމަކަށޭ ދަރަކްއަށް ހީވަނީއެވެ. އެހެންވިޔަސް އަފްރާހު ހުރީ ނޫނެކޭ ބުނާ ގޮތަކަށްނޫނެވެ.
"އޮފީހާ ބެހޭ ވާހަކައެއް ނުދެއްކޭނެ. އަހަރެން މިހުރީ ނުލާހިކު ބޯހަމަޖައްސާލަން ބޭނުންވެފައި. މަސައްކަތުގައި މިވީ ދެ މަހު ބޯގޮއްވުން ނޫންކަމެއް ނުކުރަން. ސިޔާ އައީމަ އަނގަތަޅާނެ." އަފްރާހު ބުންޏެވެ.
ނަޒާން ހުރެފައި ދައްކާލީ އެމީހުންގެ ކައިރިޔަށް އަންނަ ސިޔާއެވެ. ހީކަރި ފަދައިން ދަރަކްގެ ނަފްސަށް އުނދަގޫ އިޙްސާސެއް ވެރިވެގެން ދިޔައެވެ. ހިތަށް ވަހުމްތައް ވަނެވެ. އަނެއްކާ ސިޔާ ހުރީ އެމީހުން ނުކުންނަންދެން ބަލަބަލާ ބާއެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު އެންމެންނަށް ސިޔާ ގޮވާލިއެވެ.
"މެރީކުރިފަހުން ދަރަކް މި ފެނުނީ އަދިކިރިޔާ." ސިޔާ ބުނެލިއެވެ. ނަމަވެސް ދަރަކް ވަކި އެއްޗެއް ނުބުންޏެވެ.
އެންމެން އެއްކޮށް ރެސްޓޯރެންޓަށް ވަނެވެ. ދަރަކްގެ ކައިރީ ސިޔާ އިށީންނަން އުޅެދާނެކަމަށް އޭނާ ހުރީ ވިސްނައިގެންނެވެ. އެހެންވެ ސިޔާ އިށީންނަންދެން އޭނާ ހުރީ މަޑުކޮށްގެންނެވެ. އެތެރެއަށް ހުރި ގޮނޑީގައި އޭނާ އިށީނުމުން ނަސީބަކުން އޭނާއާ ޖެހިގެން އިށީނީ އަފްރާހެވެ. ސިޔާއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީންނަން ނަޒާނަށް ފުރުޞަތު ދީފައި ދަރަކް އިނީ އަފްރާހުގެ ކުރިމައްޗަށް ހުރި ގޮނޑީގައެވެ. އެހެންވިޔަސް ސިޔާ ބައިވެރިވީތީ ދަރަކް އިނީ އަވަހަށް ގެއަށްދާން ބޭނުންވެފައެވެ. އެހެންވެ ގަސްދުކުރީ ވަރަށް ކުޑަގޮތެއް ހަދާލުމަށެވެ. ދެ ހެދިކިޔާއާ ކަޅުސައިތަށްޓަކަށް އޯޑަރު ދިނެވެ. ނަޒާން ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ދަރަކް ހުރީ ނަޒާންގެ ދިރިއުޅުމާމެދު ވާހަކަދައްކާލަން ގަސްދުކޮށްގެންނެވެ. ވަޒީފާއަށް ފަރުވާކުޑަނުކުރުމަށް ބުނަން ބޭނުންވެފައެވެ. ނަމަވެސް ސިޔާގެ ސަބަބުން އެ ހުރިހާކަމަކަށް ހުރަސް އެޅުނީއެވެ. އަފްރާހާއި ސިޔާއާ ދެމީހުންގެ ވާހަކަ ފެށުނު ގޮތަށް ހުހެއްނުވިއެވެ. ދަރަކް ތެދުވީ ނަޒާން ފާޚާނާއަށް ވަދެލާފައި އަންނާނަމޭ ބުނީމައެވެ. އޭނާ ވެސް ފާޚާނާކޮށްލަން ހުރީ ބޭނުންވެފައެވެ.
"ކޯއްޗެއް މާވަރަކަށް ތިބަލަނީ." އަފްރާހުގެ ފޯނަށް ސިޔާއާ ދެމީހުން ގެއްލިފައި ތިބިތަން ފެނި މޭޒުދޮށުގައި އިށީންނަމުން ދަރަކް އަހާލިއެވެ.
"ނިއު އިޔާ އަންނަނީނު. ގިފްޓެއް ހޯދަނީ މި. ލައިލީއަށް ހަދިޔާއެއް ހޯދީތަ؟." އަފްރާހު ބުންޏެވެ.
"އަދި ނުހޯދަން. އާ އަހަރު ފެށެން ދުވަސްކޮޅެއް އެބައޮތެއްނު." ކަޅުތަށި ގިރާލަމުން ދަރަކް ބުންޏެވެ.
"އަހަރެން އަފްރާއަށް މިދެއްކީ ވަރަށް ސަޅި ގަޑިއެއް." ސިޔާ ބުންޏެވެ.
އެއާއެކު އަފްރާހުގެ ފޯނު ދަރަކްއަށް ދައްކާލިއެވެ. ރޯޒްގޯލްޑް ކުލައިގެ އަންހެން ގަޑިއެއްގެ ފޮޓޯ ފޯނުގެ އިސްކުރީނުން ފެންނަން ހުއްޓެވެ. އަންހެން ކުދީންގެ މެދުގައި މިހާރު އެންމެ މަޤްބޫލުކަން ހޯދަމުން އަންނަ ބްރޭންޑުކަން ސިޔާ ބުންޏެވެ.
"ރީތިގޮތެއް އެބަހުރި. ރޫހީއަށް ކަމުދާނެތަ؟." ދަރަކް އަހާލިއެވެ.
"ރޫހީ... އާން. އޭނާއަށް ރީތިވާނެ." އަފްރާހު ނިކަން އަވަހަށް ބުނެލިއެވެ. އޭރު ދަރަކް ހަޤީޤަތުގައި ވެސް ހީކުރީ އަފްރާހު އެ ގަޑި ގަނެދިނީ ރޫހީއަށް ކަމަށެވެ. އެކަމަކު އެއީ ސަމައިރާއަށް ދިން ހަދިޔާއެއްކަން އެކުނީ މާފަހުންނެވެ.
"ދަރަކް. ލައިއަށް ގެނެދޭންވީނު." ސިޔާ ބުންޏެވެ.
"ލައިއަށް ހިޔެއްނުވޭ ކަމުދާނެހެން." ދަރަކް އަދިވެސް ގަޑީގެ ފޮޓޯއަށް ބަލާލިއެވެ. އެސްޖަހާފައި ހުންނަ މާދުރަށް އޭގެ ވިދުން ފާޅުވާ ގަދަ ގަހަނާ ވެސް ލައިލީ ބޭނުމެއްނުކުރެއެވެ. ލައިލިއަށް އެ ގަޑި ކަމުނުދާނޭ ދަރަކްގެ ހިތް ބުނަނީ އެހެންވެއެވެ.
"ލައި ހުންނަލެއް އާދައިގެ ގޮތުން އޭނާ މިކަހަލަ އެއްޗެހި ބޭނުންކުރާތަން ނުފެނިދާނެ. އެކަމަކު ލައިލީ ވަރަށް ރީތިވެގެން އުޅޭނެ. އޭނާ އަމިއްލައަށް ހޯދަން ބޭނުންނުވަނީ ކަންނޭނގެ. މީހަކު ދީފިއްޔާ އޭނާ ހުންނާނީ ބޭނުންކުރަން ތައްޔާރަށް. ޓްރަސްޓް މީ. ލައި ތުއިވާވަރު މަށަށް ފެނިފަ ހުރީ. ސޯ އައި ނޯ ހައު ޔޯ ވައިފް ފީލްސް." ސިޔާ ހީނލިއެވެ.
ދަރަކްއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އިތުރަށް ވިސްނާލެވުނެވެ. އެވަގުތު އަފްރާހު ވާހަކަދެއްކިއެވެ. ދެ ގަޑި ނަގާކަމަށް ވާނަމަ ބޮޑު ޑިސްކައުންޓެއް ލިބޭކަން އަފްރާހު ބުންޏެވެ. އޭނާ ދަރަކްއަށް ބާރު އެޅީ ޑިސްކައުންޓް ބޭނުންވެގެންނެވެ. އެ ދެމީހުންގެ ބަހަށް ދަރަކްއަށް ހެއްލެވުނީއެވެ. އަފްރާހު އޯޑަރު ޖަހާއިރު ދަރަކްއަށް ވެސް ގަޑި ހިމަނަން ބުންޏެވެ. އޭރު އެންމެންނަށްވުރެ ކުރީން ދަރަކް ސައިބޮއެ ނިމިއްޖެއެވެ. އޭނާގެ ބޮލަށް ބަރުވާހެން ހީވާންފެށީ ސައިބޮއެ ނިމުނު ފަހުންނެވެ. ހޫނުވެ ދާހިތްލަން ވެސް ފެށީއެވެ.
"ދަރަކް." ސިޔާ ގޮވާލިއެވެ. ނަމަވެސް އޭނާއަށް ޖަވާބު ދިނުމަށްވުރެ ދަރަކްގެ ވިސްނުން ހުރީ އަވަހަށް ގެއަށްދާށެވެ. އޭނާ މޭޒުދޮށުން ތެދުވެ ވޮލެޓުން ނެގި ފައިސާ މޭޒުމަތީ ބެހެއްޓިއެވެ. އަދި އޭނާ ދާންވެއްޖެކަމުގައި ބުނެ މަޑުނުކޮށް ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތީއެވެ.
ދަރަކްއަށް ވީނުވީއެއް ނޭނގުމަށްފަހު ހޭވެރިކަންވާން ފެށި ހިނދު ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ ސެންޓެއްގެ ގަދަ ވަހެވެ. ދަންނަ ވަހެއްހެން ހީވިޔަސް ހަނދާނަކަށް ނައެވެ. ހަރަކާތެއްކުރާން ބޭނުންވިޔަސް ހަތަރެސްފައިގައި ވަރެއްނެތް ކަހަލައެވެ. ކައިރީގައި މީހަކު އުޅޭހެން ވެސް ދަރަކްއަށް ހީވެއެވެ. އެހެންވިޔަސް ލޯ ހުޅުވައެއް ނުލެވުނެވެ. ކޮންމެވެސް ވަރަކަށް ހޭ ހުރީތީ މިވަނީ ކިހިނެއްކަމާމެދު ދަރަކްއަށް އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. ރެސްޓޯރެންޓުން ނުކުތް ހަނދާން އޭނާ ހުއްޓެވެ. އެކަމަކު ދެންވީގޮތެއް ނޭނގެއެވެ. އޮވެވުނީ ތަންމައްޗެއްގައިކަން ދަރަކްއަށް އިޙްސާސްވާންފެށިއިރު އަތްފައި ހަރަކާތްކުރެވޭ ގޮތް ވެއްޖެއެވެ. ގެއަށް އާދެވުނީބާއޭ ދަރަކް ހިތަށް އެރިއެވެ. ނަމަވެސް ނޭފަތުގައި ހަރުލާފައި ހުރި ވަހަކި ލައިލީގެ ވަހެއްނޫންކަން ދަރަކްއަށް ޔަގީންވެއެވެ. އެހެންވިއްޔާ އޭނާއަށް މި އޮވެވެނީ ކޮންތާކުބާއެވެ. އެސްފިޔަތައް ތަޅުވަނިކޮށް ލޯ ހުޅުވާލާނޭ ވަރު ދަރަކްއަށް ލިބުނެވެ. މަޑުމަޑުން ދެ ލޯ ހުޅުވެމުންދިޔަ ވަގުތު ކުރިމަތިން ފެނުނީ ސިޔާގެ މޫނެވެ. އޭނާގެ ދެ ލޮލެވެ. ރަތްކުލަ ޖައްސާފައި ހުންނަ ތުންފަތެވެ. ލޯ ކުރިމަތިން ސިޔާ ސޫރަވުންވީ ދަރަކްގެ އެ ވަރުބަލިކަމުން މީހާ ހޭލައްވާލި ބޮޑު ސިހުމަކަށެވެ.
"ދުރައްދޭ..." ފުންމައިގެން ދަރަކް ތެދުވި ގޮތަށް ސިޔާ ދުރަށް ކޮށްޕާލީ ނިކަން ބާރަށެވެ. އެނދުމަތިން އަރި އަޅާލައި އޭނާ ނުވެއްޓުނީ ހަމަކިރިޔާއެވެ. ސިޔާ އިން ހާލު ދަރަކްއަށް ފެނުނީ ދެނެވެ. ދެ ލޯ ބޮޑުކޮށްލުމާއެކު އަމިއްލަ މީހާއަށް ވެސް ދަރަކްއަށް ބަލާލެވުނެވެ.
"ކިހިނެއް؟." ދަރަކްއަށް ޤަބޫލުކުރަން ދަތިވިއެވެ. ސިޔާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ. ދަރަކްގެ މޭގައިވި ހިތް އެޔެއްމިޔެއް ނުބަލާ ތެޅެންފެށީ ބިރުންނެވެ. ފުރަތަމަ ވެސް ޚިޔާލަށް އައީ ލައިލީއެވެ.
"ކީއްވެ ތިކޮއްޕާލީ. ގައިމު މީގެ އިރުކޮޅެއް ކުރީން އަހަރެންގެ ގައިން ދޫނުކުރަން ދަރަކް އުޅުނީ. ބޭނުންވީ ކަންތައްވީމާތަ؟." ސިޔާގެ ވާހަކަތަކުން ދަރަކްގެ ޖެހިލުންވުން އިތުރުވިއެވެ.
"ޝަޓަޕް." ދަރަކް ނިކަން ބާރަށް ބުނެލިއެވެ.
"ދަރަކް... މިހާރު ތީ ބޭވަފާތެރިއެއް. އަހަރެން... އަހަރެން ދެން ކިހިނެއް ހަދާނީ. އަހަރެމެން..." ސިޔާގެ ވާހަކައިގެ ރާގު ބަދަލުވެލިއެވެ.
ދަރަކްއަށް ދެން ވެސް ޤަބޫލެއްނުކުރެވެއެވެ. ސިޔާއާ އެފަދަ ގާތްކަމެއް އޭނާ ހުވަފެނެއްގައި ނުބާއްވާނެއެވެ. ވީއިރު އެ ދެމެދުގައި ލަދުވެތިކަމުގެ ފަރުދާ ނެތިގެންދާނޭވަރު ޢަމަލެއް އޭނާ ހިންގުމަކީ ނާދިރުކަމެކެވެ. ސިޔާއަށް ޓަކައި ލައިލީއަށް އޭނާ ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނެއެވެ. އެކަމަކު ހުރެވުނު މާޙައުލާއި ދެ މީހުންގެ ތިބި ހާލަތު ބަޔާންކޮށްދެނީ މުޅީން އެހެން ވާހަކައެއްކަން ދަރަކްއަށް ވެސް އެނގެއެވެ. ކަންހިނގައިދިޔަ ގޮތާމެދު ވިސްނުމަށްވުރެ މިވަގުތަށް ދަރަކް ބޭނުންވީ އަވަހަށް އެ ނަރަކައިން ނުކުންނާށެވެ. އަވަސްއަވަހަށް އެއްޗެހި ލާންފެށި ވަގުތު ސިޔާ އައި ދަރަކްގެ މެދުހަށީގައި ބައްދާލިއެވެ. ދަރަކްއަށް ހީފީ ހަށިގަނޑުގައި އަލިފާނުން ދޮންކުރެވިފައި ދެ ދަނޑުބުރި މެދުހަށީގައި ޖެހުނީ ހެންނެވެ. ސިޔާ ފޮޅުވާލެވުނީ ނުރުހުމާއެކީއެވެ.
"އަތްނުލާތި އަހަރެން ގައިގަ." ދަރަކް ނުރުހުމާއެކު ބުނެލީ ނިކަން ބާރަށެވެ.
"ހުރިހާކަމެއްކޮށް ނިމުނީމަ ނުވާކަމަށް ހަދަންތަ ތިއުޅެނީ. އަންހެނުންނަށް އެނގިދާނެތީ ފިލަން ދޯ ތިވިސްނަނީ." ސިޔާ ބުންޏެވެ.
"އަހަރެމެންގެ ދެމެދުގައި ކަމެއް ހިނގިކަމުގެ އެއްވެސް ހަނދާނެއް އަހަރެންގެ ނެތް." ދަރަކް އެއްޗެހި ލަމުން ބުންޏެވެ.
"މިވަގުތު ތިހެން ދިޔަޔަސް އޯކޭ. އެކަމަކު މިވީ ކަންތަކާ ވާހަކަދައްކަން އަހަރެން ބޭނުން." ސިޔާ ބުންޏެވެ. ނަމަވެސް އެ އަޑު ދަރަކް ނޭހިއެވެ. އޭނާ އެ ކޮޓަރިން ނުކުތީ ފިލަން ދުވާ މީހަކު ފަދައިންނެވެ.
(ނުނިމޭ)