ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ނުލާވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދަކަވަމުން މިއުވާން ވިދާޅުވީ ޖޭޕީން އަމިއްލަ ކެންޑިޑޭޓެއް ނެރޭ ހިސާބުން އެ ޕާޓީއާއި އެކު ރައީސް ސޯލިހް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސަށް މިވަގުތު އެންމެ މުހިންމީ ސަރުކާރު ހިންގުން ކަމަށާއި ރައީސަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާ އެކު ރިޔާސީ އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންގެ އިތުރުން ސަރުކާރުގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރާ ބޭފުޅުންނާއި އެކު ސަރުކާރު ހިންގުން ދަތި ވާނެ ކަން މިއުވާން ވަނީ ފާހަގަކުރައްވާފަ އެވެ.
"ރައީސަށް ޗެލެންޖަކަށް ނުވާނެ. ރައީސާ ބައިވެރިވެވަޑައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކު ރައީސަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މިއުވާން ވިދާޅުވި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު އެވެ. މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލި އިރު މީގެ ކުރިންވެސް ޖޭޕީން އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމުގެ އަޑުތައް އައީ އިވެމުންނެވެ.
ޖޭޕީއިން އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކުރުމާއެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެންބަރުން މަގާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީއާ އެކު ޖުމްހޫރީ ޕާޓީން މިހާރު ހަދާފައި އޮތް ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރުކޮށް ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން މަގާމުތަކުން ވަކިކުރާނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.