މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ރާއްޖޭގައި "ކުރޮޅި" ދުއްވަން ހުއްދައެއް ނުދޭނެ: ޓްރާންސްޕޯޓް

Mar 16, 2023
2

ރާއްޖޭގައި "އޮޓޯ ރިކްޝޯ" އަދި "އޮޓޯ"ގެ ގޮތުގައި ބޭނުންކުރަމުންދާ އުޅަނދު ރަޖިސްޓަރީކުރަން ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ސަރުކާރުން އިއްޔެ ގެޒެޓްކުރި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދާ ގުޅިގެން ރާއްޖޭގައި "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ރަޖިސްޓަރީ ކުރަން ފުރުސަތު އެބައޮތް ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު މިދިޔަ އަހަރުގެ ޖުލައި 15ގައި ގެޒެޓް ކުރި އިރު ލައިސަންސްގެ ކެޓަގަރީތަކެއް ބަޔާންކޮށްފައިވެ އެވެ. މިކެޓަގަރީ ތަކުގައި ސީ ތިނެއް، ބީ ހަތަރެއް، އަދި ސީ ހަތަރެއް އުޅަނދު ބަޔާންކޮށްފައިވީ ނަމަވެސް މި އުޅަނދުތަކުގެ ކެޓަގަރީތައް ރަޖިސްޓްރޭޝަން ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ ތިން ފުރޮޅުލީ މީހުން އުފުލާ "ބަގީ" ތަކާއި ރަށު ޕިކަޕް ރަޖިސްޓަރީ ކުރުމުގައި ދަތިތައް ދިޔައީ ކުރިމަތިވަމުންނެވެ.

ލައިސަންސްއިން ގަވާއިދުގައި ބީ ތިނެއް ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ތިން މީހުންނަށް ވުރެ އިތުރު ނުވާ، ފަސިންޖަރުން އުފުލާ ތިން ފުރޮޅުލީ އުޅަނދެވެ. އެގޮތުން މި އުޅަނދުތަކަކީ މިހާރުވެސް މީހުން އުފުލާ "ބަގީ"ގެ ގޮތުގައި ފަސިންޖަރުން އުފުލުމަށް ރާއްޖޭގެ ރިޒޯޓުތަކުގައާއި ބައެއް ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކެކެވެ.

ޓްރާންސްޕޯތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މި ގަވާއިދަށް މި ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި ތިން ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު މި އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެ ގޮތަށް ކެޓަގަރައިޒު ކުރުން ކަމަށެވެ.

މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަން ގަވާއިދާއި ފުށުއެރުންތައް ހުރުމާއި އަދި ތިން ފުރޮޅުލީ މީހުން އުފުލާ "ބަގީ" އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުން ފާހަގަކުރެވުނު ކަމަށްވެސް އަލީ ވިދާޅުވި އެވެ. ގަވާއިދުގައި ތިން ފުރޮޅުލީ "ބަގީ" ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ މިފަދަ އުޅަނދުތައް ރަޖިސްޓަރީ ނުކުރެވިފައިވާތީ ގަވައިދަށް ގެނެވުނު ބަދަލާއެކު މައްސަލައަށް ހައްލެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ ހަތަރު ފުރޮޅު ލީ އުޅަނދު ތަކަށެވެ. އަދި މިހާރު މިނިސްޓްރީން އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރަމުންވެސް ދެއެވެ.

"އެހެންކަމުން 'އޮޓޯ ރިކްޝޯ' އަދި 'އޮޓޯ'ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނެތްވާހަކަ ދެންނެވީމެވެ. ތިން ފުރޮޅުލީ އުޅަނދުގެ ގޮތުގައި އޮޓޯ ރިކްޝޯ އަދި އޮޓޯގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައެއް ނުވެ އެވެ. އަދި ކުރިއަށް އޮތްތާގައިވެސް މި ދެންނެވި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެ އެވެ." އަލީ ވިދާޅުވި އެވެ.