އިޒްރޭލުގެ ޝަރުއީ ނިޒާމު މުޅިން ފުނޑުފުނޑު ކޮށްލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގް ހުށަހެޅުއްވި ހުށަހެޅުން ހާމަކުރައްވައިފި އެވެ.
އެހެން ނަމަވެސް، ރައީސްގެ އިސްލާހީ ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް ވެރިކަންކުރާ ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އައިޒަކް ހަރްޒޯގް ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމަށް ސަރުކާރުން ގެންނަން ހިފާފައި ހުރި ބަދަލުތަކުގެ ސަބަބުން ދާޚިލީ ހަނގުރާމައެއްގެ ނުރައްކާ އޮތީ އަތްފޯރާ ހިސަބުގަ އެވެ.
ރައީސް ހުށަހެޅުއްވި ޝަރުތުތައް ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބަލައިނުގަތުން މާނަކުރެވެނީ -- އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި - ސަރުކާރުގެ ކިބާގައި ހަރުދަނާ އެއްވެސް ސިފައެއް ނެތް ކަމުގެ އަލާމާތެއް ކަމަށެވެ.
ޔައީރު ލަޕީދު ވަނީ އިޒްރޭލުގެ ޚާރިޖީ ވަޒީރުގެ މަގާމުވެސް ކުރިން ފުރުއްވާފަ އެވެ.
ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި ރައީސްގެ ހުށަހެޅުއްވުންތައް ބޮލާލައި ޖެހުމަށް ސަރުކާރަށް ބޭނުންވީ އެންމެ 17 މިނެޓެވެ.
އޭނާ އަދި ވިދާޅުވީ ރައީސް އެކުލަވާލައްވާފައި އޮތީ ގާނޫނެއް ނޫން ކަމަށާއި އޭގައި އޮތް އެއްޗެއް ރަނގަޅަށް ކިޔާލުމުން ދޭހަވަނީ -- އެފަދަ އިރުޝާދުތަކެއް އިޒްރޭލަށް މިވަގުތު ބޭނުންވާކަން ކަމަށެވެ.
އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ރައީސްގެ ހުށަހެޅުއްވުން އިޒްރޭލަށް މިވަގުތު ނުހަނު ބޭނުންތެރި ކަމަށް ޔައީރު ލަޕީދު ވިދާޅުވި އެވެ. އެހެންކަމުން އޭނާ އާއި އޭނާއަށް ތާއީދުކުރާ ޕާޓީތައް ރައީސްއާ އެކު ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
ބެންޖަމިން ނަތަންޔާހޫއާ ކޯލިޝަން ހަދައި ސަރުކާރެއް އެކުލަވާލައިގެން ތިބި ޕާޓީތަކުން ސައްލާކޮށް ޝަރުއީ ނިޒާމަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކުގެ ސަބަބުން މުޅި އިޒްރޭލުގައި މިހާރު އޮތީ ހަމަނުޖެހުން އުފެދިފަ އެވެ.
އާންމުން މަގުތަކަށް ނުކުމެ ބޮޑެތި އެއްވުންތައް ބާއްވައި، ދިގު ހިނގާލުންތައް އިންތިޒާމުކުރުމުގެ ސަބަބުން މަގުތައް ތޮއްޖެހި ވަނީ ހައިޖާނު އުފެދިފަ އެވެ.
އެހެން ނަމަވެސް، ބެންޖަމިން ނަތަންޔޫގެ ސަރުކާރު އޮތީ މިކަމަށް އެއްވެސް ލުޔެއްދޭ ގޮތަކަށް ނޫނެވެ.