ޕާޓީތަކުގެ މެންބަޝިޕް ފޯމްގައި ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރުނަސް ނޫނީ އަމުރެއް ނުނެރުނަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އީސީން މިހެން ބުނީ ޕާޓީތަކުގެ މެންބަޝިޕް ފޯމްގައި ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ދައުލަތަށް ދިން ފުރުސަތުގަ އެވެ.
ކޮމިޝަން ތަމްސީލުކުރި ދައުލަތުގެ ވަކީލާ ލުބާނަތު އިސްމާއިލް ވިދާޅުވީ، ފިންގަޕްރިންޓް ޖެހުމަށް ޕާޓީތަކަށް އެންގީ ހަމަހަމަ ކުރަން ކަމަށާއި ބައެއް ޕާޓީތަކުން ފޯމްތަކުގައި ފިންގަޕްރިންޓް ޖަހާފައިވާ ކަމަށެވެ.
އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ޕާޓީތައް އުފެދުނު އޮތް ގަވާއިދުގައި ފިންގަޕްރިންޓް ޖެހުމަށް ނެތް ކަމަށާއި އެއީ މާ ފަހުން ހެދި ގަވާއިދެއް ކަމަށެވެ. އަދި ކުރިން ރަޖިސްޓާވެފައި ތިބި މެންބަރުން އަލުން ފިންގަޕްރިންޓް ޖެހުމަށް އެންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ފިންގަޕްރިންޓް ނުޖަހާނަމަ ޕާޓީގެ މެންބަރުކަމުން ވަކިވި ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި އެމީހަކަށް ބައިވެރިވެވޭނެ ކަމަށެވެ. އެއީ ކޮން ހައިސިއްޔަތަކުންތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ވަކީލާ ވިދާޅުވީ، އެއީ އަމިއްލަ ހައިސިއްޔަތަކުން ކަމަށެވެ.
މި މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި ހައިކޯޓުން މެންބަރުން ވަކިކުރުން މަޑުޖައްސާލަން ވަގުތީ އަމުރެެއް ނެރުނު ނަމަވެސް އިލެކްޝަންސްއަށް މާބޮޑު ދަތިތަކެއް ނުވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.
ފިންގަޕްރިންޓް މައްސަލާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނޭންގޭނެ ކަމަށެވެ. އެ ލަފައަށް އިލެކްޝަންސްއިން އަމަލުކުރައްވަންތޯ ސުވާލުކުރެއްވުމުން ވަކީލާ ވިދާޅުވީ، އޭޖީގެ ލަފަޔަށް އަމަލު ނުކުރާ ކަމަށެވެ. އަމަލު ނުކުރާ ސަބަބެއް ކަމަށް ވިދާޅުވީ އޭޖީގެ ލަފަޔަކީ ހުކުމެއް ކަމަށް ނުވާތީ ކަމަށެވެ.
މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ހަމަކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް އެމްޑީޕީއިން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގެ ތެރެއަށް ޑީއާރްޕީ އަދި އަދާލަތުން ޕާޓީން ވަނީ ވަދެފައެވެ. އެ މައްސަލަ ނިމެންދެން މެމްބަރުން އުނިކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެމްޑީޕީން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ނިންމާފައެވެ.
އެމްޑީޕީއިން ވަނީ ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މާދަމާ މި މައްސަލާގައި ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.