މަޝްހޫރު ޓީވީ ސިލްސިލާ "ކުންޑަލީ ބާގްޔާ"ގައި ލީޑް ރޯލު ކުޅެމުންދިޔަ ޝަކްތީ އަރޯރާ އެ ސިލްސިލާ ދޫކޮށްލައިފި އެވެ.
ޝަކްތީ މި ޝޯއަށް އަލްވަދާއު ކިޔާފައި މިވަނީ ޝޯ ކުޅެން ފެށިތާ ނުވަވަނަ މަހު އެވެ.
"ކުންޑަލީ ބާގްޔާ" އިން ވަކިވާން ޝަކްތީ ނިންމީ މި ސިލްސިލާގައި ދެން ދައްކަން ހަމަޖެހިފައިވަނީ 20 އަހަރު ފަސް ކަމަށް ވާތީ އެވެ. އޭރުން ޝަކްތީ އާއި ޝޯގެ ބަތަލާ ޝްރަދާ އާރްޔާ އަށް ކުޅެން ޖެހެނީ ޒުވާން ދަރިންތަކެއްގެ މައިންބަފައިންގެ ރޯލެވެ.
ޝޯ އިން ވަކިވިކަން ޔަގީންކޮށްދެމުން ޝަކްތީ ބުނީ އޭނާގެ އުމުރާ ގުޅޭ ރޯލުތައް ކުޅެން ބޭނުންވާ ކަމަށާއި ދެންވެސް ގަބޫލުކުރަންޏާ ކުރާނީ އެ ފަދަ ރޯލުތައް ކަމަށެވެ.
"އަހަރެން ބޭނުމެއް ނޫން 28 އަހަރުގެ ދަރިއެއްގެ ބައްޕަގެ ރޯލު ކުޅޭކަށް. އެ ރޯލު ކުޅޭ އެކްޓަރުގެ އުމުރާއި އަހަރެންގެ އުމުރުގައި އުޅެނީ 4-5 ވަރަކަށް އަހަރުގެ ތަފާތެއް. އެވަރުގެ އެކްޓަރަކަށް އަހަރެން ދަރިފުޅާއޭ ކިޔައިގެން ވާހަކަ ދައްކަން ޖެހެނީ،" ޝަކްތީ ބުންޏެވެ.
ޝޯ އިން ވަކިވާން ޝަކްތީ ނިންމި ދެވަނަ ސަބަބަކީ ޝޯގެ ދެވަނަ ލީޑް އެކްޓަރުގެ ރޯލު ކުޅެން ޖެހުމެވެ. ކުރިން އޭނާއަކީ ލީޑް އެކްޓަރު ނަމަވެސް 20 އަހަރަށް ފަހު އޭނާއަށް ކުޅެން ޖެހެނީ ސެކަންޑް ލީޑް އެކްޓަރުގެ ރޯލެވެ.
"އަހަރެން ޝޯގައި މަޑުކުރީމުސް އަހަރެންގެ އަސްލު އުމުރާ ގުޅޭ ކެރެކްޓާއެއް ކުޅެން ޖެހޭނަމަ. ތިރީސް އަހަރުގައި އަހަރެންނަށް މި ކުޅެން ޖެހެނީ 80 އަހަރުގެ މީހެއްގެ ރޯލު. އެހެންވެ ޝޯ އިން ވަކިވީ. މިއަދަކީ އަހަރެންގެ ޝޫޓިންގެ ފަހު ދުވަސް،" ޝަކްތީ ބުންޏެވެ.
ޝަކްތީ މީގެ ކުރިން ކުޅެފައިވާ ޝޯ ތަކުގެ ތެރޭގައި "މެރީ އާޝިގީ ތުމްސެ ހީ" އާއި "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކީ" އާއި "ތޭރޭ ލިޔޭ" ހިމެނެ އެވެ.