ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މުވައްޒަފުން މާލެ ސާފުކޮށްދީފި

Mar 18, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން އިސްނަގައިގެން މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފި އެވެ.

އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވެ އެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓުގައި ކުލަލާފައިވެ އެވެ. ބޭންކުގެ 200 އެއްހާ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކްއާ ގުޅިގެން އިއްޔެ ހެނދުނު 6:30 އިން 9:00 އަށެވެ.

މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި ކަމަށާއި އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު ކަމަށެވެ.

"އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލް އިންވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މާލެއިން ގާތްގަޑަކަށް ޖުމްލަ އަށް ކިލޯގެ ކުނި ނަގާފައިވެ އެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ ހަ ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފަ އެވެ.
ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.