އިމްރާން އަބްދުﷲ

"ފުލުހުންގެ ހިދުމަތަށް އިތުބާރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން"

ރައްޔިތުންގެ މެދުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮންނަ އިތުބާރު ފުޅާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ ގޮންޖެހުން ބޮޑު ދިގު ރާސްތާއެއް އޮތް މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"ޕޮލިސް ރިފޯމް ކުރުމުގެ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ ހިދުމަތަކަށް ހެދުމަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތަށް އާ ގާނޫނެއް ހަދާ އެ ގާނޫނުގެ ތެރެއިންވެސް ބަދަލުތަކެއް ގެނެވުނު ކަމަށް އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން މި މަސައްކަތް ފެށީ ކަމުގެ ހަގީގަތް އެނގި ތިބެ ކަމަށާއި އެކަން ފެށީ މި ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމުގައި ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މަންޒިލަށް ވާސިލް ވުމަށް ދިގު ރާސްތާއެއް ކަޑައްތު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިފެށުނު ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުން މިމަގަށް ގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ދިރާސީ ފެންވަރެއްގައި ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ކޮންފަރެންސް އެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ ތިން ދުވަހުގެ ނިޔަލަށެވެ. އަދި މި ކޮންފަރެންސްގެ ތެރޭގައި 10 ކަރުދާހެއް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ޕޮލިސް ބޯޑުން އިސްނަގައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ޔުނިވާސިޓީތަކާއި އެކި ދާއިރާގެ ފަންނީ ގާބިލް މީހުން ބައިވެރި ވާނެ އެވެ.