މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ފުލުސް އިސްތިއުނާފް ކޮމިޓީ އެކުލަވާލައިފި

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލައި، އެ ކޮމެޓީއަށް ފަސް މެމްބަރުން އައްޔަން ކޮށްފި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އިސްތިއުނާފް ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ދީފައިވަނީ ހޯމް މިނިސްޓަރަށެވެ. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ އިސްތިއުނާފް ކޮމިޓީއަށް ފަސް މެންބަރުން އައްޔަން ކުރައްވާފަ އެވެ.

ފުލުސް އިސްތިއުނާފް ކޮމިޓީގެ މެންބަރުން

  • ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ސޯދިގު
  • އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ
  • ފާތިމަތު ލީނާ، މ. ސަލްޖަމްގެ
  • މިންނާ ނާފިޒް، މ. ލިލީސް
  • އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިި ބުނެފައިވަނީ އިސްތިއުނާފް ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާއަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އަދި އިސްތިއުނާފް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި އަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން އަމަލުކުރަން ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ގާނޫނުގައިވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފަށައިފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން ފުލުސް ބޯޑު ވެސް މިހާރު ވަނީ އެކުލަވައިލާފަ އެވެ. އެ ބޯޑްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ހުޅުވާލެވިގެން ހޮވާ އާންމު ދެ މެންބަރެކެވެ.