އަހުމަދު ސިޔާމް މުހައްމަދު

އެމްޑީޕީގެ މޫނުމައްޗަށް ހެޔޮ ބަދަލުތަކެއް އައިސްފި: ސިޔާމު

Mar 19, 2023

ރައީސް އިބްރަހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ ބާރުތައް ހޯއްދެވި ފަހުން އެމްޑީޕީގެ މޫނުމަތި ވަރަށް ބޮޑަށް ބަދަލުވެ އެ ޕާޓީއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމު މިހެން ވިދާޅުވީ ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަރަކާތްތެރިވާ އެމްޑީއޭގެ ލީޑަރުންނާ އެކު ދ. ވިލުރީފް ރިސޯޓުގައި ބޭއްވި މާހެފުމެއްގަ އެވެ. ވިލުރީފަކީ ސިޔާމުގެ އަމިއްލަ ރިސޯޓެކެވެ.

އެމްޑީއޭ އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާ، ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް މަސައްކަތް ފަށާފަ އެވެ.

މާހެފުމުގައި ވާހަކަދައްކަވަމުން ސިޔާމު ވަނީ ނުސީދާކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވިސްނުމާއި ފިކުރު ހުންނަ ގޮތަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ނަޝީދަށް އަމާޒުކުރައްވާ ސިޔާމު ވިދާޅުވީ ދީނަށް ޖޯކު ޖެއްސެވި ބޭފުޅާ މިހާރު ހިނގައްޖެ ކަމަށެވެ.

ސިޔާމު ވިދާޅުވި ގޮތުގައި އެމްޑީޕީއާ މެދު އޭނާގެ އޮތް ހަމައެކަނި ނުރުހުމަކީ މީގެކުރިން އެ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ދީނަށް ޖޯކު ޖެހޭ ގޮތަށް ވާހަކަދެއްކެވުމެވެ.

"[އެމްޑީޕީ] އިން މިހާރު ފެންނާކަށް ނެތް އިސްލާމް ދީނަށް ކަނޑައެޅިގެން ހަޖޫޖައްސަވާ ޖޯކު ޖައްސަވާ ބޭފުޅެއް،" ސިޔާމު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ސިޔާމު ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ރަނގަޅު އަހްލާގެއްގެ މަޑިމައިތިރި މިޒާޖުގެ ބޭފުޅެއް ކަމަށެވެ. ރައީސް ސޯލިހް އެމްޑީޕީގެ ބާރުތައް ނެންގެވި ފަހުން އެމްޑީޕީއަށް ހެޔޮ ބަދަލުތަކެއް އައުމަކީ އުފާކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ކަންކަމުގައި ގޯސްވަނީ މުޅި ނިޒާމެއް ނޫން. ބައެއް މީހުންގެ ސަބަބުން ކަންކަން ގޯސްވަނީ،" ސިޔާމު ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހް މަސައްކަތް ކުރެއްވި ދުވަސްވަރު އޭނާ ގާތްގުޅުމެއް ބޭއްވެވި އެމްޑީޕީގެ މަދު މެންބަރުންގެ ތެރޭގައިވެސް ރައީސް ސޯލިހް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެނައުމަށް ނިންމެވީ އަހްލާގާއި ކުރައްވަމުން ގެންދަވާ ރަނގަޅު ކަންކަމަށް ބެއްލެވުމަށްފަހު ކަމަށެވެ.

ސިޔާމު ވަނީ ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދިނުމަށްވެސް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.