އަހުމަދު ސިޔާމް މުހައްމަދު

ދިވެހިންނަށް އިބޫ ނޫން ގޮތެއް ނެތް: ސިޔާމު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނޫން ގޮތެއް ނެތް ކަމަށާއި އެމަނިކުފާނާ ވާދަކުރެވޭނެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫގައި މިއަދު ކުރިއަށް ގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރައީސް ސޯލިހް ނޫން ގޮތެއް ނެތް ކަމަށެވެ. އަދި ރައީސްގެ ވާދަވެރިން ތިބީ ފިލާ ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީ އާއި ވާދަކުރެވޭނެ ވަރުގެ އިތުރު މީހެއް ނެތް. އެ މީހުން ތިބީ ފިލާ. އަޅުގަނޑުމެންނާ ވާދަކުރެވޭނެ ވަރުގެ މީހެއް ނެތް. ބިރުން ފިލާ ތިއްބެވީ،" ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެ ދިޔަ 50 އަހަރު ވެސް ގައުމަށް އައިސްފައި ނުވާ ތަރައްގީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހް ގެންނަވައިފި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު އާ ބަޔަކު ވެރިކަމާ ހަވާލުވެއްޖެނަމަ ރައީސް ސޯލިހް މިހާރު ގެނެސްދޭ ތަރައްގީ ހުއްޓިގެންދާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ހަމައެކަނި އާބާދީ ބޮޑެތި ރަށްތަކުގައި ކަމަށާއި އެކަމަކު ކުޑަރަށެއް ބޮޑު ރަށެއް، މުއްސަނދި ރަށެއް ފަގީރު ރަށެއް ރައީސް ސޯލިހް ނުބައްލަވާ ކަމަށެވެ. ރައީސް ސޯލިހަކީ އަމާނާތްތެރި ބޭފުޅެއް ކަމަށާއި އަމާނާތްތެރިކަމާއި އެކު ކުރި ހަރަދުގެ ނަތީޖާއެއްގެ ގޮތުން ގައުމަށް އައި ތަރައްގީ ފެންނަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ސިޔާމު ވިދާޅުވީ އެމަނިކުފާނަކީ ހިތްތިރި، ކެތްތެރި، އަމާނާތްތެރި، ވިސްނުން ތުނޫ އަދި އިސްލާމީ ދީނަށް ދުވަހަކުވެސް ބަދުބަހެއް ވިދާޅުވި ބޭފުޅެއް ނޫން ކަމަށެވެ. ކޮވިޑްގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި އިގްތިސާދު ކޮޅަށް ޖެހުމަށް ރައީސް ފިޔަވަޅު އެޅުއްވީ ހިކުމަތްތެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާމު އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް އެމްޑީޕީ ސަރުކާރެއް ދެ އަހަރު ވެރިކަން ކުރި ކަމަށެވެ. ނަމަވެސް އޭރު ވެރިޔަކަށް ހުންނެވި ބޭފުޅާ "އަމިއްލައަށް ސޯޓު ބޭލިގެން ދިޔައީ" ކަމަށް ވިދާޅުވި އެވެ. ޝިޔާމުގެ ވާހަކަފުޅުގައި ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށްވެސް އެމަނިކުފާނުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

"މާތްﷲގެ ވާގިފުޅާއެކު މި ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނެ. އެއްބުރުން ކާމިޔާބުކުރައްވާނެ،" ސިޔާމު ވިދާޅުވި އެވެ.