މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް މުވައްޒަފުންގެ ދަރިންނަށް ޑޭކެއާގެ ހިދުމަތް

Mar 19, 2023

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހުޅުވައިދެއްވައިފި އެވެ.

ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއަރ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވެ އެވެ.

މި ތަނަކީ 30 އާއި 40 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ.

މިތަނުގެ ހިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާއިރު މިތަން ހުޅުވިފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 7:00 އަށެވެ.

އެމްޕީއެލް އިން ބުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ހުޅުވި އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެއް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަމަސް ދުވަހުގެ މެޓާނިޓީ ލީވް ލިބޭނެ ގޮތަށާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭނެ ގޮތް ވެސް ހަމަޖައްސާފަ އެވެ.