ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 16 މާރިޗު 2023 އާ ގުޅޭ )

"އަހަރެމެންގެ ދެމެދުގައި ކަމެއް ހިނގިކަމުގެ އެއްވެސް ހަނދާނެއް އަހަރެންގެ ނެތް." ދަރަކް އެއްޗެހި ލަމުން ބުންޏެވެ.

"މިވަގުތު ތިހެން ދިޔަޔަސް އޯކޭ. އެކަމަކު މިވީ ކަންތަކާ ވާހަކަދައްކަން އަހަރެން ބޭނުން." ސިޔާ ބުންޏެވެ. ނަމަވެސް އެ އަޑު ދަރަކް ނޭހިއެވެ. އޭނާ އެ ކޮޓަރިން ނުކުތީ ފިލަން ދުވާ މީހަކު ފަދައިންނެވެ.

ހިނގައިދިޔަ ހާދިސާގެ މަތިން ހަނދާން ނައްތާލަން ދަރަކް ބޭނުންވިއެވެ. ނަމަވެސް ސިކުނޑީގައި އެ ނޫން ޚިޔާލެއް ނުވެއެވެ. ޚާއްޞަކޮށް ލައިލީގެ ކައިރީ ހޭދަކުރާ ވަގުތުތަކުގައެވެ. އަބަދުމެ ހުރެވެނީ ހިތްބިރުގެންފައެވެ. ލައިލީގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ސިޔާ ހުރެ ދެން ކުރާނީ ކިހާވަރެއްގެ ކަމެއް ވެސް ދަރަކްއަށް ވިސްނާލަން ދައްޗެވެ.

އެ ދުވަހުގެ ސަޔަށްފަހު ނަޒާން ވެސް ނުފެނެއެވެ. އޭނާ އޮފީހަށް ނައުމުގެ ސަބަބުން މަސައްކަތަށް ދަތިވާކަމުގެ ވާހަކަތައް ވެރީންނާ ހަމައަށް ދިޔައެވެ. އޭރު އޮފީހުން އޮތީ ނަޒާންއަށް ދެ ފަހަރަށް ނަސޭޙަތްދީފައެވެ. ވަޒީފާއިން ވަކިކުރަން ޖެހިދާނޭކަން އަންގާފައެވެ. ނަމަވެސް ނަޒާންގެ ކައިވެނި ރޫޅި ދިރިއުޅުން ބޮސްލުންލީއެވެ. ހުރިހާކަމަކަށް ފަރުވާކުޑަވެ އެންމެފަހުން އަމިއްލައަށް އޮފީހަށް އައުން ހުއްޓާލީއެވެ. ވަކިއެއްޗެއް ނާންގާ އޭނާ ހުރުމުގެ ސަބަބުން ވަޒީފާއިން ވެސް ވަކިކުރީއެވެ.

މަސައްކަތުގައި ސަމައިރާއަކީ ނިކަން ކަންފަސޭހަ އަންހެނެކެވެ. އޭނާ ކޮށްފި މަސައްކަތެއްނަމަ ތިންހަތަރު ފަހަރަށް ދަރަކްއަށް އެ ރަނގަޅުކުރާން ޖެހެއެވެ. ތަންކޮޅެއް ހަރުކަށިކޮށް އެއްޗެއް ބުނެވިއްޖެނަމަ ސަމައިރާ ގޮސް އެވާހަކައެއް ބޮޑުކޮށްގެން އަފްރާހުގެ ކައިރީ ދައްކައެވެ. ސަމައިރާއާ ހެދި އުނދަގުލެއް ނޫނީ ނުވެއެވެ. އެހެންވިޔަސް އޭނާގެ ހަޤީޤަތް ދަރަކްއަށް އެނގުނީ މެނޭޖިން ޑިރެކްޓަރާއެކު ބައިވެރިވާން ޖެހުނު ރޭގަނޑުގެ ކެއުމެއްގައެވެ. ސަމައިރާ ވީ އެމްޑީގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިއަކަށެވެ. އެރޭ ނަޒާންއާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ވާހަކަދެއްކިއެވެ. އޮފީހުގެ ވަރަށް ގިނަ ކަންކަމުގައި ދަރަކްގެ ޚިޔާލު އޭނާ އެހިއެވެ. ދަރަކްގެ ސެކްޝަނުގައި ސަމައިރާ ބަހައްޓާފައި ހުރީ އޭނާއާއެކު މަސައްކަތްކުރާން ސަމައިރާ ބޭނުންވާތީކަން ވެސް އެމްޑީ ބުންޏެވެ. ސަމައިރާގެ ކަންކަމާމެދު ޝަކުވާކުރުމުގެ ވިސްނުން ދަރަކްއަށް ދޫކޮށްލަން ޖެހުނީ އެހެންވެއެވެ.

މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރިކަން އަފްރާހަށް އެނގި އެރޭ ދެކެވުނު ވާހަކަތައް އޮޅުންފިލުވަން ދަރަކްއާ ވަރަށް ސުވާލުކުރިއެވެ. ނަމަވެސް ދަރަކް ކިޔައެއްނުދިނެވެ. ސަމައިރާގެ ހަޤީޤަތް ވެސް ނުބުންޏެވެ. ކުރީން ދުވަހު ސަޔަށް ގޮސް ތިބެ ހަދިޔާއަކަށް ގަތް ގަޑީގެ ވާހަކަ ފެށީ އަފްރާހެވެ. އޭނާ ދެ ގަޑިއަށް އޯޑަރުދީ ފައިސާ ދައްކައިފިންކަން ބުނެ ދަރަކްއަށް ފޯނު ދައްކާލިއެވެ. ގަޑީގެ މަތިން ދަރަކް ހަނދާންވީ ދެނެވެ. ގަޑިއަށްވީ ފައިސާ އަފްރާހަށް ފޮނުވާނަން ކަން ދަރަކް ބުންޏެވެ. ފޯނަށް މެސެޖެއް އައީ އެވަގުތެވެ. ދަރަކް ފޯނު ނަގައި ބަލާލިއެވެ. އޭނާއަށް މެސެޖުކުރީ ސިޔާއެވެ. އާ އަހަރު ފެށޭ ރޭ އޭނާއާ ބައްދަލުކުރާން ބުނެފައި އޮތެވެ. އެ މެސެޖާއެކު އޭނާ ފޮޓޯއެއް ވެސް ފޮނުވިއެވެ. ދަރަކް ކަންބޮޑުވެ ހާސްވީ ދެނެވެ. ކައިރީ ހުރި އަފްރާހަށް ފެނުމުގެ ކުރީން އަވަހަށް ފޯނު ނިއްވާލީއެވެ.

ދެމަފިރިން އެކުގައި ހޭދަކުރެވޭ ވަގުތަކަށްވީ ހެނދުނުގެ ނާސްތާ ވަގުތެވެ. އެކަމަކު އެއީ ކިހާ ކުޑަވަގުތުކޮޅެއްކަން ދަރަކްއަށް އެނގެއެވެ. އެހެންވިޔަސް އޭނާ ލައިލީއާ މެދު ބަހައްޓަމުންދިޔަ އޯގާތެރިކަމަށް ބަދަލެއް އަޔަނުދިނެވެ. ކައިވެންޏަށް އަހަރު ފުރޭ ދުވަސް އަންނަނީކަން ޚުދު ދަރަކްއަށް ވެސް އެނގެއެވެ. އެހެންވިޔަސް ސިޔާއާ ހެދި ދޮގުހަދަން މަޖުބޫރުވެފައިވިއެވެ. ލައިލީގެ އިޙްސާސްތަކާއި އޭނާގެ މޫނަށް އަރާފައިބާ އަސަރުތައް ވެސް ދަރަކްއަށް ފެނެއެވެ. ދަރަކްގެ ސަބަބުންކަން އެނގިހުރެ ވަކިން އޭނާ އެކަމާ ދެރަވެއެވެ. ދުވަހަކުވެސް އަނބިމީހާގެ ހިތުގައި ޖެހޭފަދަ ކަމެއް ނުކުރާން ހުރި ދަރަކްއަށް އޭނާގެ ބަހުގައި ނުހިފެއްޓުނުކަމުގެ އިޙްސާސް ކުރެވެމުންދިޔައެވެ. ހަމައެއާއެކު ދުވަހަކުވެސް އިންސާނަކަށް ނުކުރާހާ ނަފުރަތާއި ރުޅި ސިޔާއާ މެދު ދަރަކްގެ ހިތުގައި އުފެދިފައި ވެއެވެ. ސިޔާ ބޭނުންވާގޮތްވާން ދަރަކް ނޭދެއެވެ. އެ ދެމެދުގައި ކަމެއް ހިނގިކަމުގެ ހަނދާނެއްނުވެޔޭ ބުނެ ނިންމާލެވޭކަށް ވެސް ނެތްކަން ދަރަކްއަށް ވިސްނެއެވެ. ސިޔާއާ ބައްދަލުކޮށް އޭނާގެ ހަޤީޤީ ބޭނުމަކީ ކޮބާކަން އޮޅުންފިލުވަން ދަރަކް ނިންމީ އެހެންވެއެވެ. މިވަގުތު ލައިލީގެ ހިތުގައި ޖެއްސުނަސް ހުރިހާކަމެއް ހައްލުވުމުން އަލުން ކުރީގެ ދިރިއުޅުމަށް ރުޖޫޢަވެވިދާނެކަމުގައި ދަރަކް ޤަބޫލުކުރެއެވެ.

ގެއަށް އަންނަން ކެތްމަދުވެފައި ހުންނަ ދަރަކްގެ ކެތްތެރިކަމަށް ބަދަލުއައީ ގަސްދުގައެއްނޫނެވެ. އޭނާއަށް އެގޭތެރެއިން ކުރީން އިޙްސާސް ކުރެވުނު ހިތްހަމަޖެހުން ގެއްލިއްޖެއެވެ. ލައިލީއަށް ދޮގު ހަދައި އޮޅުވާލަން ޖެހުމުންނެވެ. ލައިލީގެ އެދުންތަކަށް ނޫނެކޭ ބުނަން ޖެހޭތީއެވެ. އަނބިމީހާގެ ހިތުގައި ޖެހޭކަން އެނގިހުރެ ވެސް އެފަދައިން ޢަމަލުތައް ބަހައްޓަން ދަރަކްއަށް މަޖުބޫރުވެފައިވާތީއެވެ. އެ ދުވަހު ދަރަކް އޮފީހަށް ދިޔައީ ވެސް ލައިލީއާ ދެބަސްވެފައެވެ. އާ އަހަރު ފެށޭ ރޭ ދަރަކްއަށް ނާދެވޭނެކަން ބުނީތީ އެކަމާ ލައިލީ ހިތްހަމަނުޖެހުނީއެވެ. އެ ރެޔަކީ ކައިވެނީގެ އަހަރު ފުރޭ ރެޔަށް ވެސް ވާތީއެވެ. ލައިލީގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެކަމުގައި ހީކުރި ނަމަވެސް ދަރަކް ގެއަށް އައިސް ވަނުމުން ލައިލީ ބައްދަލުކުރީ ހިނިތުންވުމަކާއެކުއެވެ. ލައިލީގެ ހަމަޖެހިފައިވާ މޫނާއި ހިނިތުންވުމުގެ ނިވަލުގައިވަނީ ކީކޭކަން ދަރަކްއަށް އެނގުނީ އެ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވުމުންނެވެ. އެދުންވެރިކަމަށް ހަށިގަނޑު ނުހޭލާތީ އެކަމާ ފިކުރު ބޮޑުވެފައި ހުރި ދަރަކްއަށް ލައިލީއާ ގާތްވެލުމާއެކު ހުރިހާކަމެއް ބަދަލުވިއެވެ. ކުއްލިއަކަށް އަނބިމީހާއަށް އޭނާ ނުހަނު ބޭނުންވިއެވެ. ނަމަވެސް ދަރަކްގެ ފޯނަށް އައި ނޮޓިފިކޭޝަންއާއެކު ދެމެދުގައިވީ ގާތްކަން ހުއްޓުމަކަށް އައީއެވެ. އެނދުން ތެދުވިގޮތަށް ދަރަކް އައިސް ވަނީ ފާޚާނާއަށެވެ. ދަރަކް ފޯނު ބެލިއިރު ދެވަނަ ފޮޓޯއަކާއެކީ ސިޔާގެ މެސެޖެކެވެ.

"އެ ދުވަހަކީ އަހަރެމެންގެ އެނިވަރސަރީކަން އޭނާއަށް އެނގޭނެ. އެކަން އެނގިހުރެ ގަސްދުގައި މިހުރިހާކަމެއް އެކުރަނީ. މި ފޮޓޯތައް ލައިއަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް." ދަރަކްއަށް ފާޚާނާ ދޮރުފަތުގައި ލެނގިލެވުނެވެ. ފޯނުގެ ލޮކްކޯޑު އޭނާ ބަދަލުކުރިއެވެ. އޭނާގެ ފޯނަށް ސިޔާ ފޮނުވާ އެއްވެސް އެއްޗެއް ލައިލީއަށް ފެންނަން ނޭދޭތީއެވެ. މިވަރުން އޭނާއަށް ލައިލީގެ އުފާވެރިކަން ރައްކާތެރިކުރެވިދާނެބާއޭ ދަރަކްގެ ހިތަށް އަރަމުންދިޔައެވެ.

އާ އަހަރު ފެށުނު ރެއެވެ. ދަރަކް އޮފީހުގައި އޮތް އިވެންޓް ނިންމާފައި އޮފީހުން ނުކުންނަން އައިވަގުތު އަފްރާހާ ދިމާވިއެވެ. ސަމައިރާ އައިސް މަޑުކޮށްލުމުން އަފްރާހު އޭނާއާ ވާހަކަދައްކަން ފެށިއެވެ. ދަރަކް ނުކުތީ އެވަގުތެވެ. މަޑުހިނގުމުގައި ކުރިޔަށް އައިއިރު ދަރަކްގެ ޚިޔާލުގައިވީ ލައިލީއެވެ. އެރޭ ގެއަށް އަންނާނަންކަމަށް ލައިލީއަށް ވަޢުދުވެފައި އޮތީމައެވެ. އޭނާ ނައީމާ ލައިލީ ކަންތައްކުރާނީ ކިހިނެއްބާއޭ ދަރަކް ހިތަށް އަރަމުންދިޔައެވެ. އެ ޚިޔާލުތަކުގައި ވަނިކޮށް ސިޔާ ގޮވާލި އަޑު އިވުނެވެ. ދަރަކްއާ ނަޒަރު ސީދާވެލީ ދެނެވެ.

"ކޮންތާކަށް މިދަނީ؟ މިތާ ތިބެ ވެސް ވާހަކަދެއްކޭނެ." ސިޔާ ހިނގައި ގަންނަން އުޅުމުން ދަރަކް އަހާލިއެވެ.

"އިރުއަރަންދެން ދަރަކް އަހަންނާއެކީ މަޑުކުރަން ޖެހޭނެއޭ ބުނީމެންނު. ރޫމަކަށް އަހަރެމެން ދާނީ." ސިޔާ ބުންޏެވެ.

"ކަލެއާއެކީ އެއްވެސް ތާކަށް ނުދާނަން." ދަރަކް ބުންޏެވެ.

"އެހެންތަ. އެހެންވީރު މި ފޮނުވާލަނީ ފޮޓޯތައް. ލައިލީއަށް ފެނުނީމަ އޭނާ ރޯނޭވަރު އެނގޭތަ. އޭނާގެ ޕާފެކްޓް ހަޒްބަންޑް އެމީހުންގެ އެނިވަރސަރީ ނައިޓްގައި ވެސް ބޭރުގައި އެހެން އަންހެނަކާއެކުކަން އުޅެނީ އެނގުނީމާ ވާނެގޮތް އެނގޭތަ." ސިޔާ ހީނގަތެވެ.

"ތިޔެއްނޫން އަހަރެމެންގެ މެދުގައި އެއްބަސްވީ ގޮތަކީ. ކަލޭ ވަޢުދުވީމެންނު މިކަމުގެ އެއްވެސް ވާހަކައެއް ލައިލީ ކައިރީ ނުދައްކަން." ދަރަކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"އޯ. އަހަރެން އެކަހަލަ ވަޢުދެއްވީންތަ؟. ދަރަކް. އެއްފަހަރު އެޔޮތީ އެކަންވެފައި. ދެވަނަ ފަހަރަށްވާން ދޫކޮށްލަބަލަ. މިރޭ މިތިބީ ދިމާވެފައި. އެހެންވީމަ ހިތްހަމަޖައްސާލައިގެން ހެނދުނުން ގެއަށް ދާނީ. އަހަރެންގެ މައްސަލައެއްނެތް. ދަރަކް ވެސް ބޭނުންވާނެކަން އެނގޭ." ސިޔާ ކައިރިއަށް ޖެހިލައި ދަރަކްގެ އަތްތިލައިގެ ނުފުށުގައި ފިރުމާލިއެވެ. އެއާއެކު ދަރަކް އެ އަތް ފޮޅުވާލައިފިއެވެ.

"އަހަރެން ލައިލީއަށް ބޭވަފާތެރިއެއްނުވާނަން." ދަރަކް ނިކަން ސީރިއަސްކަމާއެކު ބުނެލިއެވެ. އޭނާގެ މޫނަށް ބަލަން ހުރެފައި ސިޔާ ހޭންފެށިއެވެ.

"ބޭވަފާތެރިއެއްނުވާނަމޭ... ދެން އަހަންނާއެކީ ހިނގި ކަންތައްތައް އެއީ ކޮންކަމެއް؟. ގައިމު ތި އަތުގެތެރޭ އޮތީ ލައިލީއެއްނޫން." ހުނުން ހުއްޓާލި ގޮތަށް ސިޔާ ބުންޏެވެ.

"އަހަރެން ކުޑަކޮށް ވެސް ހަނދާނެއްނެތް އެހެން ކަންތައް ހިނގަން މެދުވެރިވާން ޖެހުނު ސަބަބެއް." ދަރަކްގެ ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ.

"ދަރަކް ބޭނުންވެގެން ހުރިހާކަމެއް ހިނގީ. ދަރަކްއަށް އެނގޭނެ ދަރަކް އެދެފިއްޔާ އަހަންނަށް އެއްވެސް ކަމެއްގައި ނޫނެކޭ ބުނާކަށް ނުކެރޭނެކަން. އެކަމުގެ ފައިދާނެގީ. އަހަރެން ލޯބިވާކަން އެނގޭތީވެ. އަހަރެން ހުރީ ދަރަކްއަށް މަޢާފްކުރަން. އެކަމަކު ދަރަކް އުޅުނީ އެއީ ނުވާކަމަކަށް ހަދަން. ބޭނުން ފުދުނީމަ އަހަރެން ދުރުކޮށްލަން. ކަމެއް ނުކުރަމޭ ބުނެ ސަލާމަތްވެވިދާނޭ ހީކުރަނީތަ؟. އަހަރެންގެ އަތުގައި ހެކި އެބަހުރި." ސިޔާ ފައްޗަކަށް ފަތިވަރު ގޮވައިގަތެވެ.

"އޯކޭ. އަހަރެން ސިޔާއާއެކީ އިރުއަރަންދެން ވަގުތު ހޭދަކޮށްފާނަން. އެކަމަކު ފޮޓޯތައް ޑިލީޓްކުރަން އެއްބަސްވޭ." ދަރަކް ބުންޏެވެ. ދަރަކްއަށް ސިޔާއާ ދެކޮޅަށް ދެއްކޭނޭ ހެތްކެއް ނެތެވެ. އަނެއްކޮޅުން ސިޔާ އެގެންގުޅޭ ފޮޓޯތަކުން ހައްތަހާ ދަރަކް އެ މަޅީގައި ބެދޭގޮތްކަންވާނީ އެނގެއެވެ. އެ ފޮޓޯތައް ނައްތާލެވިއްޖެނަމަ ދަރަކްއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެކަން އެނގެއެވެ.

"އެހެންވިއްޔާ ރުޅިއައިސްފަ ހުންނަހެން ނުރުހެބަލަ. ނިއު އިޔާ ނައިޓްގައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން އަހަރެމެން ބޭނުމީ." ސިޔާ ބުންޏެވެ.

"ރޫމަށް ދާނީ ތަނަކަށް ގޮސް ކާލައިގެން. ކޮފީއެއް ވެސް ބޯލަން އަހަރެން ބޭނުން." ދަރަކް ބުންޏެވެ. ސިޔާގެ ތުންފަތް ދެމިލި ގޮތުން އޭނާ ރުހިއްޖެކަން ދަރަކްއަށް ވިސްނުނެވެ.

ކޮޓަރިއެއް ހިފައިގެން އެތަނަށް ދަރަކްއާއި ސިޔާ ވަންއިރު ރޭގަނޑު ބާރަޖަހައިފިއެވެ. ދަރަކް ފޯނު ނިއްވާލީއެވެ. އޭނާ ފާޚާނާގައި އުޅޭން ޖެހުނީތީ ސިޔާ ބޭނުންވީ މަޤްޞަދެއް ހާސިލެއްނުވިއެވެ. އެނދުގައި ސިޔާއަށް ނިދިފައި އޮތްއިރު ދަރަކް ފާޚާނާއިން ނުކުމެ ޖައްސާލީ ކޮޓަރީގައި ހުރި ގޮނޑީގައެވެ. އޭނާއަށް ކުޑަކަށް ނިދިޖެހިފައި ހޭލެވުނީ ފަތިސްވެ އަލިވާން އުޅެނިކޮށެވެ. އެނދުގައި ސިޔާ ނެތްތަން ފެނުމުން ފުންމައިގެން ދަރަކްއަށް ތެދުވެވުނެވެ. ފާޚާނާއިން ސިޔާ ނުކުތީ އެވަގުތެވެ.

"އަހަރެން ދާން މިދަނީ. ފޮޓޯތައް ޑިލީޓް ކުރާނަމޭ ބުނީމެންނު." ސިޔާ ކޮޓަރިއަށް ނުކުތުމާއެކު ދަރަކް ބުންޏެވެ.

"ރޭ ހަތަރުދަމު ފާޚާނާއިގައި އުޅުނީ ގަސްދުގައިތަ." ސިޔާ ގަޔާނުވެފައިވާ ރާގެއްގައި އަހާލިއެވެ.

"ގަސްދުގައި ކަމެއްކުރާން ސިޔާގެ ކުރިމަތީގައެއްނު ހުރިހާކަމެއް ހިނގީ." ދަރަކް ބުންޏެވެ.

"މިހާރު ރަނގަޅެއްނު. އާދޭ އެނދަށް. އޭރުން ފޮޓޯތައް ޑިލީޓްކޮށްލާނަން." ސިޔާ ބުންޏެވެ. ނަމަވެސް އެ އަޑު އިވޭކަމަށް ދަރަކް ނުހެދިއެވެ. އޭނާ އޮފީހަށް އަންނައިރު ގެންގުޅޭ ލެޕްޓޮޕް ދަބަސް ތެރެއިން ނެގި ކަރުދާސް ހިފައިގެން އައިސް ސިޔާއަށް ދައްކާލިއެވެ.

"ތީ ޑަކްޓަރުގެ ލިޔުމެއް. އަހަރެންގެ މައްސަލައެއް ހުރިކަން ތީގަ އެނގެން އޮންނާނެ. ސިޔާ ތި ބޭނުންވެގެން އުޅޭކަމެއް މަށަކަށް ފުއްދައެއްނުދެވޭނެ." ދަރަކް ބުންޏެވެ. އެހިނދު ސިޔާ ނިކަން އަވަހަށް އެ ކަރުދާހުގައި ހިފައިފިއެވެ. އަދި އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަންފެށިއެވެ. އޭނާގެ މޫނުން ހައިރާންކަން ފާޅުވިއެވެ. ދެން އެ އަސަރު ފުހެވި އޭނާ ނިކަން ބާރަށް ހޭންފެށިއެވެ. ދަރަކްއަށް މަލާމާތްކުރާފަދަ ބާރު ހުނުމެކެވެ.

"ކައިރިވިޔަސް އަސަރެއްނުކުރާނެ ދޯ. ހެ ހެ ހެ... އައި ފީލް ސޮރީ ފޯ ލައިލީ. މީގެ މާނައަކީ ލައިލީއާ ވެސް ދެން ކައިރިއެއް ނުވެވޭނެއޭ. ސީރިއަސްލީ... އައި ފީލް ސޮރީ ފޯ ޔޫ ޓޫ. އޯކޭ... އޯކޭ... ފޮޓޯތައް ޑިލީޓްކޮށްދީފާނަން." ހީނހީނފައި ސިޔާ ވާހަކަދެއްކިއެވެ. އަދި ފޯނު ނަގައި ފޮޓޯތައް ޑިލީޓްކޮށްފައި ދަރަކްއަށް ފޯނު ދައްކާލިއެވެ.

"ބެކަޕް ހުންނާނެކަން އެނގޭ." ދަރަކް ބުނެލިއެވެ.

"ނޫން. އެކަމް ޤަބޫލުނުކުރެވެންޏާ އަހަރެންގެ ގެއަށް ހިނގާ. އަހަރެންގެ ކޮޓަރި ބަލާ ފާސްކުރަންވީ. ދަރަކްއަށް ހުއްދަ ދީފިން. ބޭނުން އިރަކު އަންނަންވީ. އަހަރެމެން ދެމީހުންގެ ވާހަކައިގެ އިތުރުން ލައިލީއަށް ސިއްރުކުރަން ޖެހޭކަމެއް ދޯ މިވީ. ލައިލީއާ މެދު ހަމްދަރުދީވޭ. ލައިލީގެ ހާލަކީ މިހާރު ކޮބާބާއޭ ހިތަށް އަރާ. އޭނާގެ ވެޑިން އެނިވަރސަރީގައި އޭނާގެ ހަޒްބަންޑް ގެއަށް މިދަނީ ހެނދުނުވީފަހުން. އަހަންނަށް އެނގޭ އޭނާ މިހާރު އުޅޭނީ ރޮއެރޮއެފަކަން. ދަރަކް ގެއަށް ދާންވީނު." ހިނިއައިސްފައި އިނދެ ސިޔާ ބުންޏެވެ.

"ކަލޭ ނުބުންޏަސް އަހަރެން މިދަނީ ގެއަށްދާން." ދަރަކް ބުންޏެވެ. އޭނާ ސިޔާއަށް ދެއްކި ލިޔުން ދަބަހަށް ލާފައި ކޮނޑުގައި ދަބަސް އަޅުވާލިއެވެ. ސިޔާގެ ގަސްދަކީ ލައިލީއަށް ދެރައެއް ދިނުންބާއޭ ދަރަކް ސުވާލު އުފެދުނެވެ.

"ލައި އަބަދުވެސް ބުނޭ ސިޔާއަކީ އޭނާގެ ވަރަށް ކްލޯޒް ފްރެންޑެކޭ. ތި ގުރޫޕުގައި އުޅޭ އެންމެންނާ މެދު ވެސް ލައި ވަރަށް ކެއާކުރޭ. އަހަންނަށް ނުވިސްނޭ ސިޔާ ތިހެން ކަންތައްކުރާ ސަބަބެއް. ލައިލީއާ ދެމީހުންގެ މެދުގައި ކަމެއް ހިނގާފައި އޮތީތަ؟. އެހެންނަމަ ދެ މީހުން އެކަމާ ވާހަކަދައްކައިގެން ހައްލުކުރެވޭތޯ ބެލުން..." ދަރަކްގެ ވާހަކަ ސިޔާ ހުއްޓުވާލިއެވެ.

"މިކަމަށް ހައްލެއްނެތް. ލައިލީއާ ގުޅުން ހުރި ކަމެއްނޫން. އަހަރެން ދަރަކްދެކެ ލޯބިވާތީ. އެކަމަކު މިހިސާބުން ދެން އަހަރެން މި ނިންމާލީ. ލައިލީ ބުނާހެން އަހަންނަށް ވެސް އެއީ ޚާއްޞަ ރަޙުމަތްތެރިއެއް." ސިޔާ ބުނެލިއެވެ. އެކަމަކު އޭނާގެ ވާހަކަތައް ދަރަކްއަށް ޤަބޫލެއް ނުކުރެވެއެވެ. ޚާއްޞަކޮށް ސިޔާގެ މޫނުން ފެންނަ އަސަރުތަކުގައިވަނީ މާނަނޭނގޭ ކަޅު އަނދިރިކަމެކެވެ.

އެޕާޓްމެންޓަށް ވަނުމުން ދަރަކްއާ ބައްދަލުކުރީ އަނދިރިކަމާއި ހިމޭންކަމެވެ. ކޮޓަރިއަށް ވަންނަން އައީ ލައިލީ ނިދާފައިކަމަށް ހީކޮށްގެން ހުރެއެވެ. ނަމަވެސް ކޮޓަރީގެ ދޮރުހުޅުވާލެވުމާއެކު ދަރަކްއަށް ލިބުނީ ސިހުމެކެވެ. ހަލުވިކޮށް އައިސް ފާޚާނާ ބަލާލިއެވެ. ގޭގައި ލައިލީ ނެތްކަން އެނގުމުން ދަރަކް ދުވަހަކުވެސް ހާސްނުވާ ވަރަށް ހާސްވިއެވެ. ލައިލީގެ ފޯނަށް ގުޅަން ފޯނު ހުޅުވާލަން އުޅުނު ހިނދު ޖެހުނީ ކުރީގެ ލޮކްކޯޑެވެ. ފޯނުގެ ލޮކްކޯޑު ބަދަލުކުރިކަން ރެއަކާލީ ދެނެވެ. އަވަހަށް ލައިލީގެ ނަންބަރަށް ދަރަކް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ލައިލީ އޭނާ ދޫކޮށްލާފައި ދިޔައީބާއޭ ދަރަކް ހިތަށް އެރިއެވެ. އެ ޚިޔާލުން ދަރަކްގެ ހިތްބިރުގަނެއްޖެއެވެ. ލައިލީއަށް އަދިވެސް ގުޅޭތޯ ބެލުމަށްފަހު އޭނާ ހިތަށް އެރީ ލައިލީ މަންމަ ކައިރިއަށް ހިނގައިދާނޭކަމެވެ. ނަމަވެސް ލައިލީގެ މަންމައަށް ގުޅަން ހިތަށް އަރާފައި ވެސް ނުގުޅީ އެހާ ހެނދުނާ ޒިންދުއަށް އުނދަގޫނުކުރަންވެގެންނެވެ. ލައިލީ މަންމަ ކައިރިޔަށް ދިޔަކަން ޔަގީނެއް ވެސް ނޫނެވެ. އެހެންވެއްޖެނަމަ އަނެއްކާ އިތުރު މައްސަލައެއް އުފެދިދާނޭ ދަރަކްއަށް ވިސްނުނީއެވެ. ލައިލީ ހޯދަން ނުކުންނަން އުޅެފައި އޭނާ ހުރިގޮތް ހަނދާންވިއެވެ. އަވަހަށް ހެދުން ބާލައި ދޮންނަން މެޝިނަށް އަޅާފައި ދަރަކް ފާޚާނާއަށް ވަނީ ފެންވަރާށެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވެގެން ދަރަކް އެޕާޓްމެންޓުން ނުކުތީ ލައިލީ ހޯދާށެވެ. ނަމަވެސް އެޕާޓްމެންޓްގެ ދޮރުމަތީ އޭނާއަށް މަޑުކޮށްލެވުނެވެ. ލައިލީ އެހާ ހެނދުނާ ދާނީ ކޮންތާކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. ވީއިރު ލައިލީ ހޯދަންށޭ ކިޔާ ދާނޭތަނެއް ދަރަކްއަކަށް ނޭނގެއެވެ. ކަރު އެލުވާލުމާއެކު އެނބުރި އެޕާޓްމެންޓަށް ދަރަކް ވަނީއެވެ. ދެން އަނެއްކާ ވެސް ލައިލީއަށް ގުޅިއެވެ. ފޯނުކޯލު ނުނެގުމުން މެސެޖު ކުރަމުންދިޔައެވެ.

"ރޭގައި އަހަރެންގެ ޚަބަރެއްނުވީމާ ލައި ވެސް އުޅުނީ މިހިން ކަންނޭނގެ. އަހަންނަށް މިވަގުތު މިކުރެވޭ އިޙްސާސަކީ ރޭގައި ލައިލީ ވެސް ކުރިމަތިލީ އިޙްސާސްތައް." ދަރަކްގެ ހިތަށް އަރަމުންދިޔައެވެ.

ފިކުރުބޮޑުވެފައި އިންދާ ދޮރުމަތި އަޑެއް އިވުނުހެން ދަރަކްއަށް ހީވިއެވެ. ސޯފާއިން ތެދުވިގޮތަށް ދުވަމުން ކަހަލަ ގޮތަކަށް ދަރަކް އައިސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ލައިލީ ފެނުމުން އޭނާއަށް ލިބުނު ހިތްހަމަޖެހުން ބަޔާންކޮށްދޭނޭ ގޮތެއް ނޭނގުނެވެ. ހަމައެއާއެކު ހިތާއި ސިކުނޑީގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ޖަޒުބާތުތައް ހިފަހައްޓަން އުނދަގޫވިއެވެ. ކޮންތާކަށްތޯ ދިޔައީ ދަރަކްއަށް އެހުނެވެ. ރުޅި އައިސްގެން ލައިލީ އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށް ހީކުރެވުނީއެވެ. ދަރަކް އަވަހަށް މަޢާފަށް އެދުނެވެ. ރޭގައި އޭނާއަށް ނާދެވުނީމައެވެ. އެހާ ދިގު އިންތިޒާރެއް ލައިލީއަށް ކުރާން ޖެއްސުނީތީއެވެ. ނަމަވެސް ދަރަކް އިތުރަށް ސިއްސުވާލީ ލައިލީ އޭނާ ދުރުކޮށްލީމައެވެ. ވާހަކައެއްދައްކާނޭ ފުރުޞަތެއް ލައިލީ ނުދިނެވެ. ލައިލީއަށް އައިސްފައި ހުރި ބަދަލު ދަރަކްއަށް ފާހަގަވިއެވެ. މީ ދެމަފިރިންގެ ގުޅުން ނިމެންއުޅޭ ކަމުގެ އިޝާރާތެކޭ ދަރަކްއަށް ޤަބޫލުކުރެވުނެވެ.

(ނުނިމޭ)