ގާސިމް ހަސަންގެ މަރު

ގާސިމް މަރާލީ އަދުހަމް ކަމަށް ސާބިތުވެއްޖެ

Mar 19, 2023

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބޮޑެތި ޒަހަމްތަކަކާއެކު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެއިން ޑިސެމްބަރު 4، 2019ގަ އެވެ. ގާސިމް މަރާލީ އޭނާ ދުއްވަން އިން ޓެކްސީގައި އަދުހަމް ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

އަދުހަމް ވަނީ ދައުވާއަށް ކުރިން އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަމުން ވިދާޅުވީ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި އަދުހަމް އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް ގާސިމް މަރުވީ އަދުހަމް ގެންގުޅުނު ވަޅިޔަކުން ހަމަލާ ދިނުމުންކަން އެނގޭ ކަމަށެވެ. ގާސިމް ދުއްވަމުން ދިޔަ ޓެކްސީގެ ފަހަތު ޝީޓުގައި އަދުހަމް އިނދެ ގާސިމުގެ ކަރާ ދިމާލަށް ވަޅި ދިއްކުރިކަން އެނގޭ ކަމަށާއި ކަރަކީ ވަޅިއަކުން ހަމަލާއެއް ދީފިނަމަ މަރުވާނެ ގުނަވަނެއް ކަން ހުކުމްކޮށްގައި ފާހަގަކޮށްފައިވެ އެވެ.

ގާސިމް މަރާލީ ގަސްދުގައި ނޫން ކަމަށް ބުނާތީ ގާޒީ ވަނީ އެ މަރުގައި ގަސްދު އޮތް ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާސިމުގެ ކަރުގައި ވަޅި އެޅުމުން އޭނާ އެހީއަށް އެދި ގޮވުމުންވެސް އަޅާނުލައި ކާރުން ފައިބައިގެން އަދުހަމް ފިލުމާއި އަދި އަދުހަމް ގެންގުޅުނު ވަޅިއާއި އެވަގުތު ލައިގެން ހުރި އަންނައުނު ފޮރުވުމަކީ ގަސްދު މަރެއް ފޮރުވުން ކަމަށާއި އެއީ ގަސްދުގައި ކުރި ކަމެއްކަން ގާޒީ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ކުށް ކުރެވުނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް އަދުހަމް ތަކުރާރުކޮށް ބުނެފައިވާތީ ހުކުމްގައި ބުނެފައިވަނީ އެއީ އަދުހަމު ކުރި ކުށުގެ ނިޔަތަށް އަސަރު ކުރާނެ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އަދުހަމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިމައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. ނމަވެސް އެކަން ކުރާނެ ވަކި ދުވަހެއް ގާޒީ ވިދާޅުވެފައެއް ނުވެ އެވެ. ގާސިމު ވާރިސުންގެ ގޮތުގައި ފަސް ދަރިން އެބަތިއްބެވެ.