ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަކީ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވާ އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އެޕްރީލް ތިން ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މަގާމުގެ އަސާސީ މުސާރައަކީ 31,000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ކްރިމިނަލް ކޯޓަށް ގާޒީއެއް ހޯދަން އިއުލާނުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެޕްރީލް ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.