މޯލްޑިވްސް ޕޮލިސް ސާވިސް

ފައިހް ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

Mar 20, 2023

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު (25އ) ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި ހަތަރު މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ.

ފައިހް ނިޒާމު ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މަހު 15 ގައެވެ. އެހެންކަމުން އޭނާ ހޯދަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

ފުލުހުން ބުނީ ފައިހް ހޯދަމުންދަނީ ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި ފައިހްއަށް ތުހުމަތުކުރާ މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި މައްސަލައެއްގެ ތަހުގީގަށެވެ.

ފުލުހުން ވަނީ ފައިހްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.